ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކޮށްފި އެވެ.
ޖުވެނައިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ގޭބަންދަށް ބަދަލުކުރަން އަމުުރުކުރީ އެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާ އެވެ.
ގޭބަންދަށް ބަދަލުކުރަން އަމުރުކުރީ ކުއްޖާ ބަންދުކޮށްފައި ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.
ކުއްޖާ ގޭބަންދަށް ބަދަލުކުރީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޕްރޮގްރާމުތަކަށް ހާޒިރުވުމަށާއި، ގެއިންބޭރަށް ނުނިކުތުމަށާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މުއާމަލާތް ނުކުރުމަށާއި އަދި ބަންދުގައި ހުންނަ ގެއަށް މީހުން ނުގެނައުމަށާއި، މައްސަލައާއި ގުޅޭ އެއްވެސް ފަރާތަކާ ބައްދަލުނުކުރަން ޝަރުތުކޮށްފަ އެވެ.
ޖުވަނައިލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާ ލިބޭ ކޫޑަ ކުއްޖާ ވެސް ގޭބަންދަށް ބަދަލުކުރުމަށް ނިންމާފަ އެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގަ އެވެ.
ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށްފަހު ހަށިގަނޑު އަނބުރާ ރާއްޖެ ގެނެސް ވަޅުލީ މިދިޔަ ޖުލައި 12 ވަނަ ދުވަހު އެވެ
ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. އެ މީހުންގެ މައްޗަށް ދައުވާކުރީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.