ރައީސް މުހައްމަދު ނަޝީދު

ނަޝީދު ގޭ ބަންދަށް ބަދަލުކުރި ލިޔުން ސައްހަ: ލޯޔަރުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް ގޭގައި ފުރިހަމަ ކުރާ ގޮތަށް ގޭ ބަންދަށް ބަދަލު ކުރަން ކަރެކްޝަންސް އިން ދިން ކަމަށް ބުނާ ސިޓީ އަކީ ސައްހަ ސިޓީއެއްކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ނޫސްވެރިންގެ ބައްދަލު ކުރައްވައި، ވަކީލު ހަސަން ލަތީފް ވިދާޅުވީ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކަރެކްޝަންސްގެ ތައްގަނޑު ޖަހައި ސޮއިކުރުމަށް ފަހު ނަޝީދަށް ހަވާލު ކުރި ސިޓީގައި ޖަހާފައިވާ ތައްގަނޑާއި އޭގެ ކުރިން ވެސް ފޮނުވި ދެ ސިޓީއެއްގައި ހުރި ތައްގަނޑާ އެއްވެސް ތަފާތެއް ނެތް ކަމަށް ބޭރުގެ ފޮރެންސިކް އެކްސްޕާޓުން އިއްތިފާގުވާ ކަމަށެވެ. އަދި ނަޝީދަށް ދިން ސިޓީގައި ޖަހާފައި އިން ކަރެކްޝަންސްގެ ތައްގަނޑަކީ ވެސް ކޮމްޕިޔުޓަރެއް ބޭނުން ނުކޮށް، ހަމަ ސީދާ ދެލިން ޖަހާފައި ހުރި ތައްގަނޑެއްކަން އެ ސިޓީ ބެލި ބޭރުގެ ފޮރެންސިކް އެކްސްޕާޓުން ބުނެފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ނަޝީދަށް ފޮނުވި ސިޓީގެ އަސްލު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދުގެ ގާނޫނީ ޓީމުން އެ ސިޓީގެ ފޮރެންސިކް ރިޕޯޓެއް ތައްޔާރު ކުރީ ބޭރަށް ފޮނުވައިގެންނެވެ. އެހެން ނަމަވެސް އެ ތަހުލީލު ހެދީ ކޮން ބައެއް ކަމެއް ނުބުންޏެވެ.

ހަސަން ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވި ލިޔުމާ އެކު ގާނޫނީ ޓީމުން ތަހުގީގަށްޓަކައި ބޭރަށް ފޮނުވީ ހަތަރު ލިޔުމެއް ކަމަށެވެ. އެއީ ރައީސް ނަޝީދު ސްޓެރެސް ކުޑަ ތަނެއްގައި 3 ދުވަހުގެ މުއްދަތަށް ބަހައްޓަން ނިންމި ކަމަށް ބުނެ، 21 ޖޫންގައި ދިން ދެ ސިޓީ އަކާއި ސްޓްރެސް ކުޑަ ތަނެއްގައި އަށް ދުވަހަށް ނަޝީދު ބަހައްޓަން ނިންމައި، އެ މަހުގެ 23 ވަނަ ދުވަހު ކަރެކްޝަންސް އިން އާއިލާއާ ހަވާލު ކުރި ސިޓީއެއް ކަމަށެވެ.

"ޖޫން 21 ގައި ލައިލާއަށް ފޮނުވި ސިޓީއާ، ހަމަ އެ ދުވަހު ރައީސް ނަޝީދު ސްޓެރެސް ފްރީ މާހައުލެއްގައި ތިން ދުވަހަށް ބަހަށްޓަން ފޮނުވި އެންގުމާއި، 23 ޖޫންގައި ފޮނުވި އާއި، ހުކުމުގެ ބާކީ އޮތްބައި އެކުގައި ގެއަށް ބަދަލުކުރި ކަމަށް ފޮނުވި ސިޓީގައި ޖަހާފައި ހުރި ތައްގަނޑަށް ބަލާލި އިރު ފެނުނީ ކަރެކްޝަންސް ސާވިސްގެ ތައްގަނޑުގައި ދިދައިގެ ތިރީގައި އިން ތިއްކެއް. 21 ޖޫން ގައި ފޮނުވި ތައްގަނޑުގައި ވެސް އެ ތިކި އެބައިން. އަދި 23 ޖޫން އާ 19 ޖުލައިގައި ފޮނުވި ސިޓީގައި ވެސް އެ ތިކި އެބައިން. އެތައްގަނޑުތަކަކީ ކޮމްޕިއުޓާ އިން ޖަހާފައިވާ ތައްގަނޑު ތަކެއް ނޫން. އެއީ ދެލި ބޭނުންކޮށްގެން ޖަހާފައިވާ ތައްގަނޑުތަކެއް. އެހަތަރު ލިޔުމަކީ އެއް ތަނަކުން ތައްޔާރުކޮށް އެއްތަނަކުން އުފައްދައި އެއް ތަނަކުން ތައްގަނޑު ޖަހާފައިވާ ސިޓީ ތަކެއް، އެހެންވީމަ އެކަމުން ކަށަވަރުވޭ އެއީ އޭގެ ކުރިން ފޮނުވި ތިން ސިޓީވެސް އުފެއްދި ތަނުން ފޮނުވި ސިޓީއެއް ކަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވަނީ މައްސަލައިގެ ތަހުގީގު ލަސްވަމުން ދާ ވަރަކަށް ނަޝީދާއި އާއިލާގެ ބޮލުގައި ބޮޑު އިލްޒާމްތަކެއް އެޅުވޭތީ އެ މައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް ނިންމުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ. އަދި ބޭރުގެ ފޮރެންސިކް ރިޕޯޓްތަކުން އެ ސިޓީ އަކީ އަސްލެއް ކަމަށް ބުނެފައި ވާތީ، އެ ސިޓީގެ އަސްލު ދޮގު ކުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ތަހުގީގެއް ހިންގައި، ފިޔަވަޅު އެޅުމަށް ހަސަން ވަނީ މިއަދު ގޮވާލައްވައިފަ އެވެ. އެ ސިޓީއާ އެއްގޮތަށް ނަޝީދު އަނބުރާ ގެއަށް ބަދަލު ކުރުމަށް ވެސް އެ ޓީމުން ގޮވާލި އެވެ.