ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދުގެ ވަކީލާއި ރައީސް ބައްދަލު ކުރައްވައިފި

Nov 12, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ކްރިސްޓީ ބްރައިމްލޯ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ މޭ ހައެއްގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅޭ ގޮތުންނެވެ. ބައްދަލުކުރެއްވުމަށްފަހު ކްރިސްޓީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުން ރައްޔިތުންނާއި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން ރައީސް އާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވަކީލަކަށް ކްރިސްޓީ އައްޔަނުކުރެއްވުމަށްފަހު އެކަމަނާ އަންނަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން އެމްޑީޕީގެ މޭ ހައެއް ކޮމެޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ޑަފްޓީ ސްޓްރީޓް ޗެމްބާޒް ލަންޑަންގެ ވަކީލެއް ކަމަށްވާ ކްރިސްޓީ އައްޔަނުކުރައްވާފައި ވަނީ ހަމަލާއަށްފަހު އިތުރު ފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު އެވެ.

ކްރިސްޓީއަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި މަޝްހޫރު ބޭފުޅެކެވެ.

ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ތަހުގީގާއި، ކޯޓު މަރުހަލާގެ ކަންތައްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މީގެ ކުރިން މަންދޫބެއް ވެސް ހަމަޖެއްސި އެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އެވެ.

މި ހަމަލާ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ނުވަ މީހަކަށް މިހާރު ވަނީ ދައުވާ އުފުލައި ކޯޓުގައި އަޑުއެހުންތައް ފަށައިފަ އެވެ. އެކަކު ވަނީ އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކޮށް ދޫކޮށްލައިފަ އެވެ.