ހަބަރު

ކޮޕީ ރަޝީދުގެ އާއިލާއަށް ކުރީގެ ދެ ރައީސުންގެ ތައުޒިޔާ

Nov 12, 2021

ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮޕީ ރަޝީދަކީ އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

"ރާއްޖޭގެ މަޝްހޫރު ފަންނާނު، ކުޅަދާނަ ޝާއިރު އަދިމޮޅު އަތުލިޔުންތެރިޔާ ކޮޕީ މުހައްމަދު ރަޝީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. މާތްﷲ އެމާތް މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮޕީ ރަޝީދަކީ ގިނަ ދާއިރާތަކެއްގައި ވަކިން ހާއްސަކޮށް ފަންނ ހުނަރުގައި ކުޅަދާނަ ބޭފުޅެއް ކަމަށެވެ. ރާއްޖޭގެ ގިނަ ބައެއްގެ ގާތް ރަހްމަތްތެރިއެއް ކަމަށެވެ.

"މާތްﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި،" ރައީސް ނަޝީދުގެ ތައުޒިޔާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ކޮޕީ މުހައްމަދު ރަޝީދު ރޭގެ ވަގުތެއްގައި އަވަހާރަވީ ސްޓްރޯކެއް ޖެހި ވަރަށް ބޮޑަށް ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަދަބިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާތަކުގައި ފާހަގަކޮށްލެވުމުގެ އިތުރުން ކޮޕީ ރަޝީދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކޮޕީ ރަޝީދަށް ތިން ދާއިރާއަކުން އާންމު ހިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

ކޮޕީ ރަޝީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.