ޖުމްހޫރީ ޕާޓީ

ޖޭޕީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތް ދިއްފުށީގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މެންބަރުން އިތުރުކުރުމަށް ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން ކ. ދިއްފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ޖޭޕީގެ އަންހެނުންގެ ވިންގުން އިސްނަގައިގެން "ރަށު ދަތުރުގެ" ނަމުގައި އިއްޔެ ދިއްފުށްޓަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށް ޖޭޕީން ބުނެ އެވެ.

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޖުމްހޫރީ ޕާޓީގެ ޓީމުތައް އިތުރު ރަށްރަށަށް ވެސް ދަތުރުކޮށް ޕާޓީއަށް މެންބަރުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޖޭޕީގެ އަމާޒަކީ ދަތުރުތަކުގައި ވީހާވެސް ގިނަ ބައެއްގެ ސޮއި ޕާޓީ އަށް ހޯދުން ކަމަށާއި ޕާޓީގެ އަސްލު މަގާމު ދެމެހެއްޓުން ކަމަށެވެ.

"ދިއްފުއްޓަށް ކުރި ދަތުރުގައި ޖޭޕީއަށް ވަންނަން އެދި 75 އެއްހާ ފޯމު ދިއްފުށިން މިވަނީ ލިބިފައި،" އެންވަޔަރަންމަންޓް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރު ކަންވެސް ކުރައްވަމުން ގެންދަވާ އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖޭޕީއަކީ ރާއްޖޭގައި ދެވަަނަ އަށް އެންމެ ބޮޑު ފިކުރު ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އެންމެ ހަރުއަޑުން ވާހަކަ ދައްކާ އެއް ޕާޓީ އަކީ ވެސް ޖޭޕީ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ގޮތް ނިންމުމުގައި އަބަދުވެސް ތިބޭނެ ޕާޓީ. އެހެންވީމާ ޖުމްހޫރީ ޕާޓީ ޒަމާންތަކަކަށް ފަހު މިފެށި ދަތުރަކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިސްރާބެއް އޮވެގެން ފެށި ދަތުރެކޭ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ކުރާ ކަމެއް ތެދުވެރިކަމާއެކު ކުރާނެ ބައެއް" އަލީ ސޯލިހު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހްމަދު ސައުދު ވިދާޅުވީ ޖޭޕީއަކީ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ޕާޓިއެއް ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ދަތުރުތައް ކާމިޔާބު ދަތުރުތަަކަަށް ވެގެންދާނެ ކަަމަށެވެ.

ދަތުރާ ގުޅޭގޮތުން ޖޭޕީގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ޕޮލިޓިކަލް އެފެއާޒް ޔަޝްފާ އަބްދުލް ޣަނީ ވިދާޅުވީ އިއްޔެ ދިއްފުއްޓަށް ކުރި ދަތުރުގައި ޖޭޕީގެ 29 ބޭފުޅަކު ދަތުރުކުރި ކަމަށެެވެ. އަދި އެ ޕާޓީގެ އަމާޒަކީ ވީހާވެސް ގިނަ ރަށްރަށަަށް ދަތުރުކޮށް ޕާޓީގެ ހަަރަކާތްތައް ވީހާވެސް ބޮޑަކަށް ފުޅާކުރުން ކަމަށެވެ.

އެމްޑީޕީއާއި ޕީޕީއެމްއަށް ފަހު ރާއްޖޭގައި ތިންވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖޭޕީގައި މިވަގުތު ތިބީ 13،174 މެންބަރުންނެވެ.