ބޮލީވުޑް

ރާޖް ކުމާރުގެ ޕްރޮޕޯޒަލް ވަރަށް ރޮމެންޓިކް!

ރާޖް ކުމާރު ރާއޯ އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޕަތުރާލޭކާގެ ކައިވެނި މިއަދުގެ ވަގުތެއްގައި ކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އަދި ޕަތުރާލޭކާއަށް ރާޖްކުމާރު ޕްރޮޕޯޒްކުރާ މަންޒަރުގެ ވީޑިއޯއެއް ވެސް އިއްޔެ އިންޓަނެޓުގައި ދައުރުވެފައި ވެއެވެ.

ރާޖް ކުމާރު ކަކޫ ބިންމަތީގައި ޖައްސާލައިގެން އިނދެ ޕަތުރާލޭކާ އަށް ޕްރޮޕޯޒްކުރާ ގޮތް ވަރަށް ބޮލީވުޑް ފިލްމަކާ ވަރަށް އެއްގޮތް ކަމަށް އޭނާގެ ފޭނުން ބުނެފައި ވެއެވެ. ނަމަވެސް މި ޕްރޮޕޯޒަލްގައި ތަފާތު ކަމަކަށް ފެނިގެން ދިޔައީ ޕްރޮޕޯޒް ކުރުމުން ޕަތުރާލޭކާ ވެސް ކަކޫ ބިންމަތީގައި ޖައްސާފައި އިށީންތަން ފެނުނީމަ އެވެ.

ކައިވެނީގެ ކުރިން އޮންނަ މުހިއްމު ރަސްމިއްޔާތުތައް މިހާރު ފެށިގެން ކުރިޔަށް ދާއިރު ކޯރިއޮގްރާފަރު ފަރާ ޚާން އާއި އެކްޓަރު ސާގިބު ސަލީމް ފަދަ ފަންނާނުން މި ހަފުލާ ތަކުން ފެނިފައި ވެއެވެ.

"ސިޓީލައިޓްސް" ގެ ބަތަލާ ޕަތުރާލޭކާ އާއި ރާޖްކުމާރު ލޯބީގެ ގޮތުން ގުޅުނުތާ މިހާރު ނުވަ ވަރަކަށް އަހަރު ވެއްޖެ އެވެ. އޭރުއްސުރެ ދެ މީހުން އުޅެމުން ދަނީ އެކުގަ އެވެ. ދެ މީހުންގެ ލޯބީގެ ހަޔާތަށް ވޭތުވެދިޔަ ނުވަ އަހަރު ތެރޭގައި އައި ކޮންމެ އަޑިގަނޑަކާއި އުސްގަނޑެއް އެމީހުން ގިރާ ކޮށްފައި ވަނީ ވަރަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުމާ އެކުގަ އެވެ. ބޮލީވުޑްގެ އެންމެ އައިޑިއަލް ޖޯޑަކަށް މި ދެ މީހުން ވަނީ އެހެންވެ އެވެ.