ބޮލީވުޑް

ފިލްމީ އަދި ޓީވީ ތަރިންގެ ކައިވެނީގެ މޫސުން ފެށިއްޖެ!

ފިލްމީ އަދި ޓީވީ އެކްޓަރުންގެ ކައިވެނީގެ މޫސުން ފެށިއްޖެ އެވެ. އެގޮތުން ހޯމަ ދުވަހު އެކްޓަރު ރާޖްކުމާރު ރާއޯ އާއި ބަތަލާ ޕަތުރާލޭކާ ވަނީ ކައިވެނި ކޮށްފަ އެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ލޯބިވެގެން އުޅުމަށްފަހު މި ދެ މީހުން ކައިވެނިކުރީ ނިއު ޗަންދީގަޅްގެ ދަ އޮބްރޯއީ ސުކްވިލާސް ސްޕާ ރިސޯޓުގަ އެވެ.

ދެމަފިރިންގެ ގޮތުގައި ނެގި ފުރަތަމަ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާކުރަމުން ރާޖްކުމާރު ލިޔެފައިވާ ގޮތުގައި މިއީ 11 އަހަރު ވަންދެން އެމީހުން ކުރި އިންތިޒާރުގެ ނިމުމެވެ. އެ މުއްދަތުގެ ތެރޭގައި އެމީހުން ލޯތްބާއި ރޮމޭންސް އަދި އެކުވެރިކަމާއި މަޖާ ކުރުން ތަޖުރިބާކުރި ކަމަށާއި އޭނާ ކައިވެނިކުރީ އޭނާގެ ފުރާނައިގެ ބައިވެރިޔާ، އެންމެ ގާތް އެކުވެރިޔާއާ ކަމަށް ރާޖްކުމާރު ލިޔެފައި ވެއެވެ. އަދި ޕަތުރާލޭކާގެ ފިރިމީހާ އަށް ވުމަށް ވުރެ މަތިވެރި އުފަލެއް އޭނާއަށް ނުލިބޭނެ ކަމަށް ވެސް ރާޖްކުމާރު ބުނެފައި ވެއެވެ.

ރާޖްކުމާރާއި ޕަތުރާލޭކާގެ ކައިވެންޏަށް ފަހު ދެން އެންމެ އަވަހަށް ކުރަން ހަމަޖެހިފައިވާ ކައިވެންޏަކީ މަޝްހޫރު ޓީވީ ސިލްސިލާ "ކުންޑްލީ ބާގްޔާ" ގެ ބަތަލާ ޝްރަދާ އާރިޔާގެ ކައިވެންޏެވެ. މިއަދު ކުރާ މި ކައިވެނީގެ ރަސްމިއްޔާތުތައް މިހާރު ދަނީ ކުރިޔަށެވެ.
ޝްރަދާ ވަނީ އަތުގައި ހީނާފަތް އެޅުމުގެ ރަސްމިއްޔާތުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑީއާގައި ޝެއާކޮށްފަ އެވެ.

ޝްރަދާ ކައިވެނި ކުރަނީ ދިއްލީގައި ދިރިއުޅޭ ކަނޑުގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ރާހޫލް ޝަރުމާ އާއެވެ.

ޝްރަދާގެ ކައިވެންޏަށްފަހު ދެން އެންމެ އަވަހަށް ބާއްވާނެކަމަށް ބެލެވެނީ ޓީވީ އަދި ފިލްމީ ބަތަލާ އަންކިތާ ލޯކަންޑޭގެ ކައިވެނީގެ ރަސްމިއްޔާތެވެ. މި ކައިވެނިކުރާ ދުވަސް އަދި އަންކިތާ އިއުލާން ނުކުރި ނަމަވެސް ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ކައިވެނި ކުރުމަށްޓަކައި ތައްޔާރީތައް ވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ރަސްމިއްޔާތު ވެސް މިއަހަރު ނިމުމުގެ ކުރިން ބާއްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މި ދެ ތަރިން އަދިވެސް މި ކައިވެނީގެ ވާހަކަތައް ޔަގީންކޮށެއް ނުދެ އެވެ. ނަމަވެސް ދެ ތަރިންގެ ގާތް މީހުން މިހާރު ވަރަށް ފޯރިލާފައި ކައިވެނީގެ ތައްޔާރީތަކުގައި އުޅެމުންދާ ކަމަށާއި ކައިވެނި އޮންނާނީ 700 އަށް ވުރެ ގިނަ އަހަރު ވެފައިވާ ޒަމާންވީ ޝާހީ ގަނޑުވަރެއްގައި ކަމަށް ވެއެވެ.

ވިކީ އާއި ކެޓުރީނާގެ ޓީމުގެ މެމްބަރުންގެ ތެރެއިން 10 ވަރަކަށް މީހުން މިހާރު ކައިވެނިކުރާ ރަށަށް ގޮސް އިންތިޒާމުތައް ހުރި ގޮތް ބަލައި އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންތައްތައް ކުރަން ފަށައިފި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނި ވެސް މިއަހަރުގެ ތެރޭގައި އޮންނާނެ ކަމަށް ހަބަރު ފެތުރުނަސް ފަހުގެ ހަބަރުތައް ބުނަނީ މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ހަމައެކަނި އެންގޭޖްމަންޓް ރަސްމިއްޔާތެއް ކަމަށެވެ. ކައިވެނި އޮންނާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށެވެ.