ދުނިޔޭގެ ގިނަ ގައުމުތަކުގެ ގިނަ ރަށްތަކުގައި އަދިވެސް އޮތީ ފިރިހެނުންގެ ބާރުވެރި ކަމެވެ. އެ އަވަށްތަކުގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅޭތީ ފެންނަނީ ފިރިހެނުންނެވެ. އަދިވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މުޖުތަމައުގައި އަންހެންވެރިންގެ ދައުރު އޮތީ ބަދިގޭގައި ކެއްކުމާއި ގޭތެރޭގައި ކުރަން ޖެހޭ ކަންކަންކޮށް ދަރިން ބެލުމުގަ އެވެ. ގޭގެ ހަތަރު ފާރުން ބޭރަށް ނުކުމެ މަސައްކަތް ކުރުމަކީ އަންހެން ވެރިން ކުރަން ޖެހޭ ކަމެއް ނޫންކަމަށް ގަބޫލުކުރާ މީހުން އަދިވެސް ދުނިޔޭގައި ވަރަށް ގިނަ އެވެ.
ނަމަވެސް ޔޫރަޕްގައި މި ވިސްނުމާއި ފިކުރާ ދިމާ އިދިކޮޅު ރަށެއް އެބައޮތެވެ. މި ރަށުގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަންހެނުންނެވެ. އެއީ އެސްޓޯނިއާގެ ކިހުނޫ އައިލެންޑް އެވެ. މި ރަށަކީ މުޅި ޔޫރަޕްގައި ވެސް އަންހެންވެރިންގެ ބާރު އޮތް ހަމައެކަނި ރަށެވެ.
އެސްޓޯނިއާ އަކީ 2000 ރަށުގެ މައްޗަށް އެކުލެވޭ ގައުމެކެވެ. ކިހުނޫ އަކީ އެ ގައުމުގެ އެންމެ ބޮޑު އެއް ރަށެވެ. ރަށުގެ ވަށައިގެން ރީތި ގޮނޑުދޮށްތައް އޮވެ އެވެ. އަދި ބިޔަ ޖަންގަލިތަކާއި ކުލަ ކުލައިގެ ފާމްހައުސްތަކުން އެ ރަށް ޒީނަތްތެރިވެފައިވާ މިންވަރުން އެ ރަށަށް ޒިޔާރަތްކުރާ މެހެމާނުން ހައިރާންވެ ބަސް ހުއްޓޭވަރު ވެއެވެ.
ރަށުގެ ރީތިކަމުގެ އިތުރުން ރަށް މަޝްހޫރު ވެފައި ވަނީ ރަށުގެ ސިޔާސީ މައިދާނުގައި އުޅޭ 90 ޕަސެންޓް މީހުންނަކީ އަންހެނުންނަށް ވާތީ އެވެ.
ވަރަށް ކުރީ ޒަމާނުއްސުރެ މި ރަށުގެ ފިރިހެނުން ދުވާލު ހަތަރުދަމު އުޅޭނީ މަސް ބާނަން ކަނޑުމަތީގަ އެވެ. އެގޮތަށް އެތައް މަހެއް ވަންދެން އެމީހުން ރަށަށް ނައިސް ވެސް އުޅެ އެވެ. އެހެންވެ މަޑުމަޑުން ރަށުގެ ބާރު އަންހެނުންގެ މައްޗަށް އަރަމުން ގޮސް މިހާރު މުޅި ރަށް ކޮންޓްރޯލް ކުރަނީ އަދި ރަށުގެ ހުރިހާ އަމުރު މައުރޫފެއް ހިންގަނީ އަންހެނުންނެވެ.
ކައިވެނި ކޮށްދިނުމުން ފެށިގެން ޖަނާޒާގެ ކަންކަމުގައި ވެސް މި ރަށުގައި އިސްކޮށް އުޅޭނީ އަންހެނުންނެވެ. ނެށުމާއި ލަވަކިޔުމާއި އަތްތެރި މަސައްކަތް އަދި ސަގާފީކަންކަމުގައި ވެސް އުޅޭނީ ހަމަ އެމީހުންނެވެ.
ނަމަވެސް އެހެނިހެން ރަށްތަކަށް ދިމާވާ ފަދަ މައްސަލަތަކެއް މިހާރު ކިހުނޫ އައިލެންޑަށް ވެސް ކުރިމަތިވެފައި ވެއެވެ. އަލަށް ޒުވާންވާ ކުދިން ރަށުގައި ނުތިބެ އެހެން ސިޓީތަކަށް ވަޒީފާތަކަށާއި ތައުލީމު ހާސިލު ކުރަން ހިޖުރަ ކުރަމުންދާ މައްސަލަ އެވެ. ކުރިން މަސްވެރިކަމުން އާމްދަނީ ހޯދި ގިނަ ފިރިހެނުން މިހާރު ތިބީ ގޭގޭގައި ބިއްޖެހިފަ އެވެ. ޒަމާނީ މަސްދޯންޏާއި މަސްބާނާ އާލާތްތައް ތައާރަފްވުމުގެ ސަބަބުން ކުރިން އެމީހުން ކޮށް އުޅުނު މަސްވެރިކަން ކުރާނެ ޖާގަ ލިބުން ބަންދުވީމަ އެވެ.
ޒަމާނީ ބަދަލުތައް ރަށަށް އަންނަމުންދިޔަ ނަމަވެސް އަންހެންވެރިން ހިތްވަރާއެކު އެމީހުންގެ ސަގާފަތާއި އާދަކާދަތައް ދެމެހެއްޓޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންވެ އަދިވެސް މި ރަށަކީ ކަލްޗަރަލް އައިކޮން އެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށެކެވެ.
ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ކަލްޗަރަލް ހެރިޓޭޖް އޮފް ހިއުމެނިޓީ ލިސްޓުގައި ކިހުނޫ އައިލެންޑްސް ހިމެނިފައިވަނީ އަވަށުގެ އަންހެނުން އެ އަވަށުގެ ސަގާފަތާއި އާދަކާދަ ހިމާޔަތްކުރަން ކުރާ ބުރަ މަސައްކަތުންނެވެ.