އިންޑިއާގެ ގުޖްރާތުގެ ހުޅަނގު ސްޓޭޓްތަކުގައި ކޮންމެ އަހަރަކު ބާއްވާ ގުޑި ތޯޅުވުމުގެ ފެސްޓިވަލްގައި ކަނޑައިގެން ދިޔަ ގުޑިތަކެއްގެ ރޮދިތައް ކަރުގައި އޮޅިގެން ކުޑަ ތިން ކުދިންނާއި ބޮޑު ތިން މީހަކު މަރުވެއްޖެ އެވެ.
މަރުވި އެންމެންނަކީ ވެސް ގުޑި ތޯޅުވާތަން ބަލަން ގޮސް ތިބި މީހުންނެވެ.
މި އެންމެން ވެސް މަރުވީ އަރުވާފައި ހުރި ގުޑިތައް ކަނޑައިގެން ގޮސް ބިންމައްޗަށް ވެއްޓުނު ވަގުތު އޭގެ ރޮދިތައް އެ މީހުންގެ ކަރުގައި އޮޅި ކަރު ބުރިވެގެންނެވެ.
މަރުވި ތިން ކުދިންގެ ތެރޭގައި ހިމެނެނީ ދެ އަހަރާއި ތިން އަހަރުގެ ދެ އަންހެން ކުދިންނާއި ހަތް އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ފެސްޓިވަލްގައި ގުޑި އަރުވަން ބޭނުންކުރާ ރޮއްޖަކީ ފުޅިތޮށި ހާކާއިގެން ވަރަށް ތޫނުކޮށްފައިވާ ރޮއްޖެވެ. އެހެންވެ ކުދިންގެ ކަރުގައި ރޮދި ޖެހުމާއެކު ކަރު ވަރަށް ބޮޑަށް ކަނޑައިގެން ދާން މެދުވެރިވެ އެވެ.
މަރުވި ކުދިންގެ ތެރެއިން ކީރްތީ ނަމަކަށް ކިޔާ އަންހެން ކުއްޖާގެ ކަރުގައި ރޮދިތައް އޮޅުނުއިރު އެ ކުއްޖާ އިނީ އޭނާގެ ބައްޕަ ދުއްވަން އިން ސައިކަލުގެ ފަހަތުގަ އެވެ.
ކިސްމަތު ނަމަކަށް ކިޔާ ތިން އަހަރުގެ ކުއްޖާގެ ކަރުގައި ރޮދިތައް އޮޅުނީ މަންމައާ އެކު ގެއަށް ދަނިކޮށެވެ.
ރާޖްކޯޓް ސިޓީން މަރުވި ހަތް އަހަރުގެ ރިޝަބް ވަރުމާ މަރުވީ އޭނާގެ މައިންބަފައިން ލޯ ކުރިމަތީގަ އެވެ.
ކުއްލިއަކަށް ކަނޑައިގެން ދިޔަ ގުޑިއެއްގެ ރޮދިތައް އައިސް އޭނާގެ ކަރުގައި އޮޅި ކަރު ބުރިވެގެންނެވެ.
މަރުވި ތިން ކުދިންނާއި ތިން މީހުންގެ އިތުރުން 200 ވަރަކަށް މީހުންގެ އެކި ތަންތަން ކަނޑައިގެން ގޮސް ބޮޑެތި ޒަޚަމްތައް ވަނީ ލިބިފަ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ގުޑިއަރުވަން އުޅުނު މީހުން ކަމަށް އިންޑިއާ ފުލުހުން ބުނެފައި ވެއެވެ.
މަރުވި ބޮޑު ތިން މީހުންނަކީ ގުޖްރާތުގެ ގާންދީނަގަރް އިން މަރުވި ބައެކެވެ.
ގުޑި ތޯޅުވުމުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ މީހަކުވެސް ބަލާނީ އެމީހެއްގެ ގުޑިން އަނެއް މީހާގެ ގުޑި ކަނޑާލެވޭތޯ އެވެ.
މި މަގުސަދުގައި އެމީހުން ހުންނަނީ ގުޑި އަރުވާ ރޮދީގައި ފުޅިތޮށީގެ ޕައުޑަރާއި އެނޫންވެސް މައުދަން ހިމުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އެއްޗެތި އުނގުޅައި ރޮދި ވަރަށް ތޫނުކޮށްފަ އެވެ. މިފަދަ ރޮއްޖަކުން މީހެއްގެ ގައިގައި ކިރިޔާ ޖެހިލިޔަސް އެ ތަނެއް ވަރަށް ފުންކޮށް ކަނޑައިގެން ދެއެވެ.
މިގޮތަށް ކަނޑައިގެން ދިޔަ ގުޑީގެ ރޮދި ކަރުގައި އޮޅިގެން 2016ގައި ވެސް ދެ ކުދިން މަރުވެފައިވެ އެވެ.