މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް މުދަލުގެ އާމްދަނީ ދަށްވެއްޖެ

Nov 14, 2021

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުން ލިބުނު އާމްދަނީ 31 ޕަސެންޓް ދަށްވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31 ޕަސެންޓް ދަށެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 424 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓު މުދަލުން ދައުލަތަށް ލިބުނީ 294 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ މަހު އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 90 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 2.0 ބިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދު ވަނީ 3.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓަށް އައި ހީނަރުކަމަށްފަހު، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3.7 ބިލިއަން ރުފިޔާގެ އިމްޕޯޓާއި އަރާ ހަަމަކުރި ފުރަތަމަ ފަހަރުކަން ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު ވަނީ 18 ޕަސެންޓް ދަށްވެފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ އަދި ޗައިނާ އެވެ. އޮމާން އިން 512 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާ އިން 490 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އޫއޭއީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 437 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ.