ބޮލީވުޑް

ފެންބޮޑުވި ޗެންނާއީ އަށް ޝާހްރުކް 10 މިލިއަން ރުޕީޒް ހަދިޔާކޮށްފި

Dec 8, 2015
1

ވޭތުވެދިޔަ ދުވަސްތަކުގައި ބޯކޮށް ވާރޭވެހި، ޗެންނާއީގެ ބޮޑުބައެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ސުޕަސްޓާ ޝާހްރުކް ޚާން ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން 1 ކްރޯޑް (10 މިލިއަން) ރުޕީޒް ހަދިޔާކޮށްފަ އެވެ.

އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ރެޑް ޗިލީޒް އެންޓަޓެއިންމަންޓާއި މިމަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ދިލްވާލޭ"ގެ ޓީމުގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 1 ކްރޯޑް ރުޕީޒް ޝާހްރުކް ހަދިޔާކޮށްފައިވަނީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ ޕަބްލިކް ރިލީފް ފަންޑަށެވެ.

އެއް ކަރޯޑް ރުޕީޒް ހަދިޔާކުރަމުން ޝާހްރުކް ޗީފް މިނިސްޓަރު ޖަޔަލަލިތާ އަށް ފޮނުވި ސިޓީފުޅެއްގައި ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ޗެންނާއި އަށް ކުރި ވިއްސާރާއިގައި އެސަރަހައްދުގެ ބޮޑުބައެއް ފެނުގެ އަޑިޔަށް ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަމާ ވަރަށް ހިތާމަކުރާ ކަމަށެވެ. އަދި ޗެންނާއި އަށް މިދިމާވި ހިތާމަވެރި ދަނޑިވަޅުގައި އާންމުންނާއި އެހެނިހެންވެސް މުއައްސަސާތަކުގެ ފަރާތުން ލިބިގެން ގޮސްފައިވާ އެހީތަކަކީ ތައުރީފު އެފަރާތްތަކަށް ހައްގުކަމެއް ކަމަށް ވެސް އެސިޓީގައިވެ އެވެ.

"ސަރުކާރުންނާއި ޗެންނާއީގެ އާންމުންގެ ފަރާތުން މިފަދަ ދަނޑިވަޅެއްގައި ހުރުހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް . އަހަރުމެންގެ މިކުޑަ ކުޑަ އެހީވެސް ކޮންމެވެސް ގޮތަކުން ފައިދާކުރާނެ ކަމަށް ދެކެން" އިތުރަށް އެސިޓީގައިވެ އެވެ.

ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން ޗެންނާއީ އަށް ކުރި މިވިއްސާރާގައި މިހާތަނަށް 245 މީހުން މަރުވެފައިވާ ކަމަށް ޓެމިލް ނާޑޫގެ ސަރުކާރުން ބުނެ އެވެ. އަދި އެތައް ބަޔެއްގެ ގެދޮރަށާއި ޓެމިލް ނާޑޫ ސްޓޭޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގިނަ ގެތަކެއް އަދިވެސް ފެނުއަޑީގައިވާ ކަމަށްވެ އެވެ.

ޝާހްރުކްގެ އިތުރުން ސައުތް އިންޑިއަން ތަރިންގެ ތެރެއިން ރަޖްނިކާންތް އާއި މަހޭޝް ބާބޫ އާއި މާދަވަން އާއި އާރްޖޭ ބަލާޖީ އާއި ދަނޫޝްގެ އިތުރުން ރާނާ ދަގޫބަތީ އާއި ޖާޔަމް ރަވީ ވެސް ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ރިލީފް ފަންޑްތަކަށް ފައިސާ ހަދިޔާކޮށްފަ އެވެ.

މީގެއިތުރުންވެސް ޓެމިލް ނާޑޫ ސްޓޭޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ 150 މިލިއަން ޑޮލަރުގެ އެހީ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.