ކްރިމިނަލް ކޯޓް

215 ކިލޯގެ ޑުރަގް: ޝަރީއަތް ނިމެންދެން ދެ މީހުން ބަންދު

Nov 14, 2021

ފުލުހުން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދާފައިވާ 215 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ. އެ މީހުންނަށް ތުހުމަތުކުރާ މަސްތުވާތަކެތި ހޯދީ ރ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ޅާނބުގަލީގައި ކަށިކެޔޮ ގަހެއްގައި ފޮރުވާފައި ހުއްޓަ އެވެ.

ޝާކިރާއި ނިމާލް ހައްޔަރުކުރީ "ފެށުން 2" ކިޔާ ލޯންޗެއްގައި ރ. މަޑުއްވަރި ބަނދަރު ސަރަހައްދަށް ވަތް ވަގުތު އެ ލޯންޗު ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު އެވެ. އެ ދެ މީހުން ތިބި ލޯންޗުން ސެޓެލައިޓް ފޯނަކާއި ގިނަ އަދަދެއްގެ ޕެޓްރޯލް ހަން ފެނިފައިވެ އެވެ. އަދި އެމީހުންގެ ހަށިގަނޑުގައި ވެލި ހުރުމާއި އެ މީހުން ދަތުުރުކުރި ލޯންޗުގެ އަރިމަތިން އިތުރު ބޯޓަކާއި ކައިިރިކުރުމުން ލޯންޗުގައި ކޫރުން ހުރިކަމުގެ ނިޝާންތައް ހުރުމަކީ ފުލުހުން އެ މީހުންނަށް ޝައްކު ކުރާ ހެކިތަކެކެވެ.

މީގެއިތުރުން ފުލުހުން ހޯދި ސެޓެލައިޓް ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓުން އެ މީހުން ރާއްޖެ ސަރަހައްދުން ބޭރަށް ނިކުމެ އެހެން ބޯޓަކާ ބައްދަލުކުރިކަން އެނގޭ މެސެޖުތަކެެއް ފެނުނު ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރިއިރު ފުލުހުން ޝާކިރަށް އަނިޔާކޮށްފައިވާ ކަމަށް އޭނާ ކުރީގެ ބަންދުގެ މަޖިލީހެއްގައި ބުނެފައިވާތީ ގާޒީ އޭރު ވަނީ ޝާކިރު ޑޮކްޓަރަށް ދައްކައި ސިއްހީ ފަރުވާ ދިނުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އިއްޔެގެ ބަންދުގެ މަޖިލީހަށް ދިޔައިރު ވެސް ޑޮކްޓަރަށް ދެއްކުމަށް ޝާކިރު އެދިފައި ނުވާތީ ކަމަށް ބުނެ ފުލުހުން އޭނާ ޑޮކްޓަރަށް ދައްކާފައެއް ނުވެ އެވެ. ފުލުހުންގެ އެ ވާހަކައަށް ރައްދުދެމުން ޝާކިރު ބުނީ އޭނާ ބަންދުކޮށްފައި ހުންނަ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ހުންނަވާ ޑޮކްޓަރު ދެނީ އެއް ބޭސް ތަކެއް ކަމަށްވާތީ އެ ޑޮކްޓަރަށް ދައްކަން ބޭނުން ނުވަނީ ކަމަށެވެ. ނަމަވެސް ސިއްހީ ފަރުވާ ބޭނުންވާ ކަމަށްވެސް ބުންޏެވެ. އެހެންވެ އިއްޔެގެ ބަންދުގެ މަޖިލީހުގައި ގާޒީ ވަނީ ހަތް ދުވަހުގެ ތެރޭގައި ޝާކިރު ޑޮކްޓަރަށް ދެއްކުމަށްފަހު ކޯޓަށް ލިޔުންތައް ހުށަހަޅަން އަމުރުކޮށްފަ އެވެ.

ފުލުހުން އަތުލައިގެންފައި މިވާ 215 ކިލޯގެ މަސްތުވާތަކެއްޗަކީ މިފަހުން ފުލުހުންގެ އޮޕަރޭޝަނެއްގައި އެއް ފަހަރާ އަތުލައިގަނެވުނު އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. ފުލުހުން ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު 100 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެސް 10 މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ ތުހުމަތުގައި މިހާރު ބަންދުގައި ތިބީ ފަސް މީހުންނެވެ.