މިނިވަން މުއައްސަސާތަކުން އެދުނު ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މުއައްސަސާތަކަށް ހަމަޖައްސައިދީފައިވާ އަދަދު އިތުރުކޮށްދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިވަން މުއައްސަސާތަކަށް އިތުރަށް ބަޖެޓު ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި މިވަނީ 17 މިނިވަން މުއައްސަސާ އަކުން ބަޖެޓް ބޮޑުކޮށްދިނުމަށާއި ބަޖެޓް ކޮމިޓީއާ ބައްދަލުކުރުމަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި ބަޖެޓު ކޮމިޓީން މިހާރު ގެންދަނީ އެ މުއައްސަސާތަކާ ބައްދަލުކުރަމުންނެވެ.
ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވަނީ މިނިވަން މުއައްސަސާތައް ހިމެނޭ ގޮތަށް ދައުލަތުގެ އިދާރާތަކާ މަޝްވަރާތަކެއް ކުރުމަށްފަހު ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި އާމްދަނީން ގާތްގަނޑަކަށް 40 ބިލިއަނެއްހާ ރުފިޔާ ގެއްލުނު ކަމަށެެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ދަރަނި މެނޭޖުކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ވައުުދުތައް ވެސް ފުއްދޭ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު އަލުން ހަމައަކަށް އެޅުވުމަށްޓަކައި ވީހާވެސް ބޮޑަކަށް ހަރަދު ކުޑަކޮށް އަދި ހަރަދުތައް މެނޭޖުކުރުމަށް މުއައްސަސާތަކުން އިސްކަން ދޭން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފިނޭންސް މިނިސްޓްރީން އެކަމަށްވެސް މަަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
"އެހެންކަމުން މުއައްސަސާތަކުން އެދުނު ނަމަވެސް އިތުރަށް ބަޖެޓު ދިނުމަކީ މި ދަނޑިވަޅުގައި ދެން ދަތިކަމަކަށް ވެގެންދާނެ،" އަމީރު ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެއީ ހޯދޭނެ އަދަދުތަކެއްތޯ ވެސް މެންބަރުން ވަނީ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ހޯދަން ހިމަނާފައިވާ އަދަދުތަކަކީ ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮވެގެން ބަޖެޓުގައި ޖަހާފައިވާ އަަދަދުތަކެއް ކަމަށެވެ.
ނަމަވެސް މިއަދު ބަޖެޓު ކޮމިޓީއަށް ހާޒިރުވެވަޑައިގެން މަރުކަަޒީ ބޭންކުގެ ގަވަރުނަރާއި އޮޑިޓާ ޖެނަރަލް ދެއްވި ޕްރޮފެޝަނަލް ލަފާގައި ވަނީ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ގޮތުގައި ބަޖެޓުގައި ޖަހާފައިވާ އަދަދުތަކާ މެދު ސުވާލު އުފައްދަވާފަ އެވެ. ހާއްސަކޮށް ބައެއް ކަހަލަ އާމްދަނީ އަކީ ގާނޫނުތައް އިސްލާހު ކޮށްގެންނާއ ބިން ވިއްކައިގެންނާއި އެހެން ގައުމުތަކުން ހޯދަން ހިމަނާފައި ހުރި އަދަދުތަކަކަށް ވާތީ އެ އަދަދުތަކާ މެދު ސުވާލު އުފެއްދެވި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާގެ ބޮޑު އަދަދެއް ހޯދުމަށް ސަރުކާރުން ނިންމާފައިވެ އެވެ. މީގެތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން އަދި އެތެރޭގެ މާކެޓުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނާފަ އެވެ.
ބަޖެޓް ފައިނޭންސް ކުރުމަށް ހޯދާ އަދަދުތައް
- ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ
- ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ
- ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ
- އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާ
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 36.9 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 34.03 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.