އައިޖީއެމްއެޗް

އައިޖީއެމްއެޗުން މިހާރު ލޭގެ ޓެސްޓް ހެދޭނެ

Nov 14, 2021

އައިޖީއެމްއެޗްގައި ލޭގެ ޓެސްޓުތައް މިހާރު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގައި ލޭގެ ޓެސްޓްތައް ހެދުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރީ މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގަ އެވެ.

ބަޔާނުގައިވާ ގޮތުން ލޭގެ ޓެސްޓް ހެދުމުގެ ހިދުމަތް މެދުކެނޑުނީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓް ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލް މެޝިންތަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެއީ ކުރިން ދިމާވެދާނެ ކަމަށް ލަފާކުރެވިފައި ނެތް މައްސަލައެއް ކަމަށް އެރޭ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ލޭގެ ޓެސްޓްތައް ހެދުމުގެ ހިދުމަތް މެދުކެނޑުނު ސީދާ ސަބަބެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކުރިމަތިވީ އެތަނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހޮސްޕިޓަލްގެ ޓެކްނިކަލް ޓީމުން ކުރިން ބުރަ މަސައްކަތްތަކަކަށް ފަހު އިއްޔެ އިން ފެށިގެން ލޭގެ ޓެސްޓްތައް މިހާރު ހެދޭނެ ކަމަށެވެ.

"ކުރިންވެސް ލިބެމުން ދިޔަ ގޮތަށް މިހާރު އަޅުގަނޑުމެންގެ ލެބޯޓަރީގެ ލޭގެ ޓެސްޓްތައްް ހެދޭނެ. މައްސަލަ މިހާރު މިވަނީ ހައްލުކުރެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ލޭގެ ޓެސްޓުތައް ހެދޭ ގޮތް ނުވުމުން އިއްޔެއާ ހަމައަށް ހޮސްޕިޓަލުން ބަލި މީހުންނަށް ނަންބަރު ވެސް ދޫކުރީ ލިމިޓް ކޮށްގެންނެވެ.

އައިޖީއެމްއެޗްގެ ލެބޯޓަރީ އަކީ އެތަނަށް ދައްކާ ބަލި މީހުންގެ ޓެސްޓްތައް ހަދައިދިނުމުގެ އިތުުރުން ބައެއް ރަށްތަކުން ބައެއް ކަހަލަ ސާމްޕަލްތައް ފޮނުވުމުން ވެސް ޓެސްޓްތައް ހަދައިދޭ ލެބެކެވެ.