ދިވެހި ސިނަމާ

އެ ސީރީޒްގެ ފުރަތަމަ ޗެޕްޓަރަކީ "ބޭބީ"

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން "އެ ސީރީޒް" ގެ ނަމުގައި ޑްރާމާ ސިލްސިލާތަކެއް ގެނެސްދިނުމަށް ނިންމާ ފުރަތަމަ ސިލްސިލާގެ ޓީޒާ ދައްކާލައިފި އެވެ.

"އެ ސީރީޒް" ގެ ނަމުގައި އެޕިސޯޑްތައް ގެނެސްދޭނީ ޗެޕްޓަރުތަކަކަށް ބަހާލައިގެން ވަކި ނަމެއްގައެވެ. ފުރަތަމަ ޗެޕްޓަރު ގެނެސްދޭނީ "ބޭބީ" މި ނަމުގައެވެ.

ޝައި ޕްރޮޑަކްޝަންގެ ފައުންޑާ އަދި "އެ ސީރީޒް" ގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު އަވަސްއަށް ބުނީ "ބޭބީ" ގެ ޓީޒާ އާންމުކުރި ނަމަވެސް "އެ ސީރީޒް" ގެ އެޕިސޯޑްތައް ދައްކާނެ ދުވަހެއް އަދި ނިންމާފައިނުވާ ކަމަށެވެ. އަދި ދައްކާނެ ވަކި ޕްލެޓްފޯމެއްވެސް ނުނިންމާ ކަމަށެވެ.

"ބޭބީ" ގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އާއި މުޅީން އަލަށް ތައާރަފު ކުރާ އިބްރާހިމް ޔައީޝް އަދި އައިމިނަތު ޝުހާ އެވެ. މީގެ އިތުރުން މުހައްމަދު އަފްރާހުވެސް ފެނިގެންދާނެ އެވެ.

އާންމުކޮށްފައިވާ ޓީޒާއިން މިއީ ޝައުގުވެރި ކަންތައްތަކެއް ފެނިގެންދާނެ ޗެޕްޓަރެއް ކަމަށް ބެލެވެއެވެ.

"ޔައީޝްއަކީ އެންމެ ފަހުން ޔޫއްޕެ ބޭއްވި އޮޑިޝަން އިން ފާހަގަވި ކުއްޖެއް. ކުރިއަށް ހުރި އެޕިސޯޑްތަކުންވެސް އޮޑިޝަން އިން ނެގި ކުދިންނަށް ފުުރުސަތު ދެމުންދާނެ. ކޮންމެ އެޕިސޯޑެއްގައިވެސް 45 މިނެޓާއި 50 މިނެޓްގެ ދިގު މިނެއް ހުންނާނެ،" ޝަފީގު ބުންޏެވެ.

"އެ ސީރީޒް" ގައި ޖުމްލަ 8 ޗެޕްޓަރެއް ހިމެނެއެވެ.

ދެވަނަ ޗެޕްޓަރުގެ ނަމަކީ "ފޯން ކޯލް" އެވެ. ތިންވަނަ ޗެޕްޓަރު "އާޓިސްޓް" ނަމުގައި ގެނެސްދޭއިރު ހަތަރުވަނަ ޗެޕްޓަރު ގެނެސްދޭނީ "ސާވަންޓް" ނަމުގައެވެ.

ފަސްވަނަ ޗެޕްޓަރު "ލިފްޓް" ނަމުގައި ގެނެސްދޭން ނިންމާފައިވާއިރު ހަވަނަ ޗެޕްޓަރަކީ "ޝެޑޯ" އެވެ. އަދި ހަތްވަނަ ޗެޕްޓަރު "ބެސްޓް ފްރެންޑް" ގެ ނަމުގައެވެ. ފަހު އެޕިސޯޑް ގެނެސްދޭނީ "ބެލް" މި ނަމުގައެވެ.

ފިލްމީ މަސައްކަތްތައް ހުއްޓުނު ކޮވިޑްގެ ބަލިމަޑުގެތެރޭގައިވެސް ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން ވަނީ ރަނގަޅު އުފެއްދުންތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.