ބޮލީވުޑް

ޖޫހީގެ 54 ވަނަ އުފަންދުވަހު ދިން ހަދިޔާ ވަރަށް ތަފާތު

ޖޫހީ ޗައުލާގެ 54 ވަނަ އުފަން ދުވަހު އޭނާ ކުރި ޓުވީޓެއްގައި އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ވީހާ ވެސް ގިނައިން ގަސް އިންދައިދިނުމަށް އެދިއްޖެ އެވެ. އަދި އޭނާ އެދުނު ގޮތަށް ގަސް އިންދުމުގެ ޕްރޮގްރާމްތައް ގިނަ ބަޔަކު ކުރިޔަށް ގެންގޮސްދީފައި ވެސް ވެއެވެ.

ޖޫހީގެ އުފަން ދުވަހު އޭނާގެ ނަމުގައި ގަސް އިންދައިދިނުމުގައި ބައިވެރިވީ ހަމައެކަނި އޭނާގެ ފޭނުންނެއް ނޫނެވެ. ޑައިރެކްޓަރު - ކޯރިއޮގްރާފަރު ފަރާ ޚާން އާއި ފިލްމީ ބަތަލާއިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ރަވީނާ ޓަންޑަން ވެސް ވަނީ ޖޫހީގެ ނަމުގައި ގަސް އިންދާފަ އެވެ.

ރަވީނާ އިންސްޓަގްރާމްގައި މި ވާހަކަ ޝެއާ ކުރަމުން ލިޔެފައިވާ ގޮތުގައި ޖޫހީގެ އުފަން ދުވަހު އޭނާގެ ނަމުގައި 100 ގަސް އިންދި އެވެ. އެއީ ޖޫހީއާއެކު ހުނުމާއި މަޖަލުގައި ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާ ކުރަން ކުރި ކަމެއް ކަމަށް ރަވީނާ ބުނެފައި ވެއެވެ.

ސޮނަކްޝީ ވެސް ވަނީ ޖޫހީގެ ނަމުގައި 500 ގަސް އިންދާފަ އެވެ. ޖޫހީ އަށް އުފަން ދުވަހުގެ ތަހުނިޔާ އަދާ ކުރަމުން ސޮނާކްޝީ ލިޔެފައިވާ ގޮތުގައި މި ގަސްތަކަކީ އޭނާ ޖޫހީއަށް ދިން އުފަން ދުވަހުގެ ހަދިޔާ އެކެވެ. އަދި އެހެން މީހުން ވެސް މިގޮތަށް ކަންތައް ކުރަން ސޮނާކްޝީ އެދިފައި ވެއެވެ.

ފަރާ ވެސް ސޯޝަލް މީޑިއާގައި ޝެއާކުރި މެސެޖެއްގައި ޖޫހީގެ ނަމުގައި އެތައް ގަހެއް އިންދައިފި ކަމަށް ބުނެފައި ވެއެވެ.

މި ފަންނާނުންގެ އިތުރުން ކިއާރާ އަދުވާނީ، ރަކުލް ޕްރީތި ސިންގް ޖޫހީގެ އުފަން ދުވަހު އޭނާގެ ނަމުގައި އެތައް ގަހެއް އިންދައި އެ ގަސްތައް ޖޫހީއަށް ހަދިޔާ ކުރިކަން ވަނީ ހާމަކޮށްފަ އެވެ.