ބޮލީވުޑް

ސަލްމާނަށް ޖޫހީއާ ކައިވެނި ނުކުރެވެނީ ބައްޕަ ނުގަބޫލުވެގެން

ސަލްމާން ޚާން ކައިވެނި ނުކޮށް ހުރީ ކީއްވެތޯ ވަރަށް ގިނަ މީހުން އޭނާ އާ ސުވާލު ކުރެ އެވެ. މިސުވާލުގެ ޖަވާބު އޭނާ މިހާރު ދެނީ ޖޯކެއް ގޮތަށް ނަމަވެސް ސަލްމާން ވެސް އޭނާގެ ޒުވާން އިރު ކައިވެނިކުރަން މަސައްކަތް ކުރި އެވެ. އެގޮތުން ސަންގީތާ ބިޖިލާނީ އާއި ކައިވެނިކުރަން ހަމަޖެހި އެ ކައިވެނީގެ ދައުވަތު ކާޑު ބަހާ ހިސާބަށް ގޮސްފައި ވެއެވެ. އަދި ޖޫހީ ޗައުލާ އާ ކައިވެނިކުރަން ބޭނުންވެގެން ވެސް ސަލްމާން އުޅެފައި ވެއެވެ.

ޖޫހީއަށް ސަލްމާން ހުށަހެޅި ކައިވެނީގެ ޕްރޮޕޯޒަލް ގަބޫލުނުކޮށް ރައްދުކުރީ ޖޫހީގެ ބައްޕަ އެވެ. މި ވާހަކަ ކިޔައިދީފައިވަނީ ޚުދް ސަލްމާން އެވެ.

އޭނާ ބުނި ގޮތުގައި ޖޫހީއާ ކައިވެނިކުރަން ބޭނުންވެގެން ހުށަހެޅުމުން އެކަމާ ދެކޮޅު ހެދީ ޖޫހީގެ ބައްޕަ ކަމަށެވެ. މިހާރު ވައިރަލްވެގެން އުޅޭ ވަރަށް ކުރީގެ ވީޑިއޯ ކްލިޕެއްގައި ސަލްމާން މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.

"ޖޫހީ އަކީ ވަރަށް ރަނގަޅު އަދި އެހާމެ ލޯބި ކުއްޖެއް. އަހަރެން އޭނަ ބައްޕަ ކައިރީ އެހެން ޖޫހީ އާއި އަހަރެން ކައިވެނިކުރަން އަހައިފިއްޔާ އެއްބަސްވާނަންހޭ. ޖޫހީގެ ބައްޕަ އެއްބަހެއް ނުވި،" ސަލްމާންގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ޖޫހީގެ ބައްޕަ އެކަމާ ދެކޮޅު ހެދީ ކީއްވެތޯ އިންޓަވިއު ކުރިފަރާތުން ސަލްމާނާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ ލަފާ ކުރެވެނީ ޖޫހީއާ އަރާ އަރަފޯދޭ މީހަކަށް އޭނާ ވާކަމަށް ޖޫހީގެ ބައްޕައަށް ގަބޫލު ނުކުރެވެނީ ކަމަށެވެ.

ޖޫހީ އާއި ސަލްމާންގެ ފިލްމީ ކެރިއަރުގައި ދެ ތަރިން އެކުގައި މަސައްކަތް ކޮށްފައިވަނީ އެންމެ ފިލްމެއްގަ އެވެ. އެއީ 1997ގައި ރިލީޒްކުރި "ދީވާނާ މަސްތާނާ" އެވެ.

ޑޭވިޑް ދަވަންގެ މި ފިލްމުގެ ތަރިންނަކީ ގޯވިންދާ އާއި އަނިލް ކަޕޫރެވެ. ސަލްމާން ކުޅުނީ މެހެމާނެއްގެ ރޯލެވެ.

ޖޫހީ 1995ގައި ކައިވެނިކުރީ ވިޔަފާރިވެރިއެއް ކަމަށްވާ ޖޭ މެހެތާ އާއެވެ. އޭރު ޖޫހީގެ ބައްޕަ އާއި މަންމަ ވެސް މަރުވިތާ ކިތަންމެ ދުވަހެކެވެ.

މައިންބަފައިން މަރުވުމުގެ ހިތާމަ ޖޫހީ ކުރަމުން ދިޔައިރު އޭނާއާ އެންމެ ގާތުގައި ގާތް އެކުވެރިއެއްގެ ގޮތުގައި ޖޭ ހުއްޓެވެ. އެންމެ ފަހުން ޖޫހީ ކައިވެނިވެސް ކުރީ ޖޭ އާއެވެ. ޖޫހީ އާއި ޖޭ އަށް ދެ ދަރިން ލިބިފައި ވެއެވެ. އަންހެން ދަރިފުޅު ޖާންވީ އާއި ފިރިހެން ދަރިފުޅު އަރްޖުން އެވެ.