ބޮލީވުޑް

މަޝްހޫރު ތަރިންނަށް "ސަލާމޭ އިޝްގް" ސަލާމަތް ނުކުރެވުނު

މަޝްހޫރު ގިނަ ތަރިންތަކެއް އުޅެގެން ފިލްމެއް ކާމިޔާބުވާނެ ނަމަ 2007 ގައި ރިލީޒްކުރި "ސަލާމޭ އިޝްގް" ކާމިޔާބު ވީހެވެ. ނިކިލް އަދުވާނީ ޑައިރެކްޓްކުރި މި ފިލްމުގައި ހަ ވާހަކައެއް ހިމެނެ އެވެ. މިއީ ހަ ވާހަކައިގައި މައިގަނޑު 12 ކެރެކްޓާއެއް ފެނިގެން ދިޔަ އެވެ.

ހޮލީވުޑް ކްލެސިކް "ލަވް އެކްޗުއަލީ" ގެ މައްޗަށް ކުޅުނު މި ފލްމު ފްލޮޕްވުން ވެގެން ދިޔައީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކަކަށެވެ. އަދި ފިލްމުގައި ބައިވެރިވި ތަރިންނަށް ވެސް މިއީ ގަބޫލު ކުރަން ދަތި ކަމަކަށް ވިއެވެ. ސަބަބަކީ ފިލްމެއް ކާމިޔާބު ކުރުމަށް ބޭނުންވާނެ ހުރިހާ "ފޮނިތޮށި ކާފޫރުތޮޅިއެއް" މި ފިލްމުގައި ހިމަނާފައި ވާތީ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު ނިކިލް ޑައިރެކްޓްކުރި ފުރަތަމަ ފިލްމަކީ "ކަލް ހޯ ނަހޯ" އެވެ. ޝާހްރުކް ޚާނާއި ޕްރީތީ ޒިންޓާގެ މި ފިލްމަކީ ބެލުންތެރިންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި ފިލްމެކެވެ. އެހެން ކަމުން "ސަލާމޭ އިޝްގް" ނިކިލް ޑައިރެކްޓްކުރާ ކަން އެނގުމުން ގިނަ ބަޔަކު އުންމީދުކުރީ މި ފިލްމު ވެސް ވަރަށް މޮޅުވާނެ ކަމަށެވެ.

"ސަލާމޭ އިޝްގް" ގެ ތަރިންގެ ތެރޭގައި ސަލްމާން ޚާން، އަނިލް ކަޕޫރު، ގޯވިންދާ، ޖޯން އަބްރަހަމް، އަކްޝޭ ކަންނާ، ޖޫހީ ޗައުލާ، ޕްރިޔަންކާ ޗޯޕްޅާ، ވިދްޔާ ބާލަން، އައިޝާ ޓާކިޔާ، ސުހައިލް ޚާން އަދި އީޝާ ކޯޕީކަރް ހިމެނެ އެވެ.

މިހާ ގިނަ އަދި މަޝްހޫރު ތަރިންތަކެއް ހިމެނޭތީ ފިލްމާ މެދު ކުރެވުނު އުންމިދުތައް ހުރީ ވަރަށް އުހުގަ އެވެ. ނަމަވެސް ފިލްމު ބެލި މީހުންނަށް މި ފިލްމު ހަޖަމެއް ނުވި އެވެ.

ސަބަބުތައް ވަރަށް ގިނަ އެވެ. އެންމެ މައިގަނޑު އެއް ކަމަކަށްވީ މާ ގިނަ ވާހަކަތަކެއް ކިޔައިދޭން މަސައްކަތް ކުރުމާއި އެއް ވާހަކައާއި އަނެއް ވާހަކައާ ގުޅުވާފައިވާ ގޮތެވެ. އަދި އާއްމުކޮށް ހިންދީ ފިލްމުތަކުން ފެންނަ ކަހަލަ ކަންތައްތަކެއް މި ފިލްމުގެ ވާޙަކަތަކުގައި ތަކުރާރުކޮށްފައި ވުމެވެ. ހަނދާން ނެތުން، އެކްސިޑެންޓް، ހިންދޫ-މުސްލިމް ބައިބައިވުން، އެކަކު އަނެކަކަށް ވުރެ ބާރުގަދަ މީހަކަށް ވާން މަސައްކަތް ކުރުން، ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވުން އަދި ކައިވެނިކުރަން ބިރުން އުޅުން ފަދަ ކަންތައް ތަކެވެ.

މި ހުރިހާ މައްސަލަތަކެއް ހައްލުކުރަން ހަތަރު ގަޑިއެއްހާއިރު ނެގި އެވެ. މިއީ ވެސް ގިނަ ބަޔަކު ފިލްމު ދެކެ ފޫހިވީ ސަބަބެކެވެ. ފިލްމު މާ ދިގުވުމަކީ ވަރަށް މަދު މީހަކަށް ނޫނީ ކެތް ކުރެވޭ ވަރުގެ ކަމަކަށް މިޒަމާނުގައި ނުވާތީ އެވެ.