ބޮލީވުޑް

ދަރިފުޅުގެ އުފަންދުވަހަށް އަބީޝެކާއި އައިޝްވަރިޔާ ރާއްޖެއަށް

އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަން އަދި އެމީހުންގެ ދަރިފުޅު އާރާދިޔާ ބައްޗަން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. އެމީހުން ރާއްޖެ އައީ އާރާދިޔާގެ 10 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އާރާދިޔާގެ އުފަން ދުވަހަކީ ނޮވެމްބަރު 16 ވަނަ ދުވަހެވެ.

މި އާއިލާ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ތިން ދުވަހެއް ކުރިންނެވެ. އަބީޝެކް އާއި އައިޝްވަރިޔާ ގެންދަނީ ރާއްޖޭގައި އެމީހުން ޗުއްޓީ ހޭދަ ކުރަމުން ނަގާފައިވާ ރީތި ފޮޓޯތައް އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފޭނުންނާ ހިއްސާ ކުރަމުންނެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރާ "ދަ އަމިއްލަ މޯލްޑިވްސް" ގެ ފޮޓޯތައް ވެސް އެމީހުން ޝެއާ ކޮށްފައި ވެއެވެ.

އަމިއްލަފުށީގައި ހަދާފައިވާ މި ރިސޯޓުގައި 2-22 މެހެމާނުންނަށް ޚާއްސަ ވިލާތައް ހުރެ އެވެ.

ރިސޯޓުގައި ތިބެ އަބީޝެކް ޝެއާ ކުރި މެސެޖެއްގައި ހެނދުނު ހޭލަން މި މަންޒަރު ގޯސް ނޫންކަމަށް ބުނެ ރިސޯޓުގެ ވަރަށް ރީތި ފޮޓޮއެއް ހިއްސާކޮށްފައި ވެއެވެ.

އައިޝްވަރިޔާ މި ރިސޯޓު ސިފަ ކޮށްފައިވަނީ "ޕެރެޑައިސް" ގެ ގޮތުގަ އެވެ. އަދި އަތްވާއި ވައިގެ ހިތްގައިމުކަން އޭނާގެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

އައިޝްވަރިޔާ އާއި އަބީޝެކްގެ އިތުރުން ސާރާ އަލީ ޚާން ވެސް މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. ސާރާ ވެސް ގެންދަނީ އޭނާގެ ޗުއްޓީގެ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާ ކުރަމުންނެވެ.