ބޮލީވުޑް

ފިރިހެން އެކްޓަރުންނަށް އައިޝްވާރިޔާ ވަކި ދުލެއް ނުކެރޭ

Dec 8, 2015

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ބަތަލާ އައިޝްވާރިޔާ ރާއީ ކުޅުނު ފުރަތަމަ ފިލްމު "ޖަޒްބާ" އިން އެކްޝަން ރޯލުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރުގެ ރޯލުން ނޮމިނޭޓްވެއްޖެ އެވެ.

އައިޝްވާރިޔާ އަކީ "ބިގް ސްޓާ އެންޓަޓެއިންމަންޓް އެވޯޑްސް 2015" ގެ އެންމެ މޮޅު އެކްޝަން ރޯލަކުން އަންހެން އަދި ފިރިހެން ތަރިއަކަށް ނޮމިނޭޓްވެފައިވާ ހަމައެކަނި އަންހެން ބަތަލާ އެވެ.

އައިޝްވާރިޔާގެ އިތުރުން މިކެޓަގްރީން އެވޯޑަށް ވާދަކުރަނީ އަކްޝޭ ކުމާރު "ގައްބަރް އިޒް ބެކް" އިން ވަރުން ދަވަން "ބަދްލާޕޫރް" އިން އަދި އަރްޖުން ކަޕޫރު "ތޭވަރް" އިން ނޮމިނޭޓްވެފައިވާއިރު ސައިފް އަލީ ޚާން ވަނީ "ފެންޓަމް" އިން ނޮމިނޭޓްވެފަ އެވެ.

މިއެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުގަ އެވެ.

"ޖަޒްބާ" އާއި މެދު ފާޑުކިޔާ ފަރާތްތަކުން ވަނީ މިފިލްމަކީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ވަރަށް މޮޅު ސްކްރީންޕްލޭ އަކާއި އުފައްދާފައިވާ ސްޓައިލިޝް އެކްޝަން ޑްރާމާ ފިލްމެއް ކަމަށެވެ.

މިފިލްމުގައި އައިޝްވާރިޔާ ފެނިގެންދާނީ ވަރަށް ކެރޭ ކްރިމިނަލް ލޯޔަރެއްގެ ގޮތުގަ އެވެ. އަދި އޭނާގެ އަންހެން ދަރިފުޅު ބަޔަކު ކިޑްނެޕް ކުރުމުގެ ސަބަބުން ކުއްޖާ ސަލާމަތުން އަނބުރާ ހޯދަން "މަންމަ" އަކު ކުށްވެރިޔަކު ސަލާމަތް ކުރުމަށް ހުރަސް ކުރަންޖެހޭ އަޑި ގުޑަންތަކެވެ. ފިލްމުގެ މުހިންމު ރޯލުން އިރްފާން ޚާން އާއި ޝަބާނާ އާޒްމީ އަދި ޖެކީ ޝްރޮފް ފެނިގެންދެ އެވެ.

ގިނައަހަރުތަކެއް ވަންދެން ފިލްމުކުޅުމާއި ދުރުގައި ހުރުމަށްފަހު އައިޝްވާރިޔާ ކުޅުނު ފުރަތަމަ ފިލްމަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު، މިހާރު އަންނަނީ ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް"ގެ މަސައްކަތް ކުރަމުންނެވެ.