އެޗްޕީއޭ

އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރު

Nov 15, 2021

ވޭތުވެ ތިން އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާގެ ކޭސްތައް ރިޕޯޓް ކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކާ ގުޅޭ ގޮތުން އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައި ވާގޮތުގައި، މިއަހަރުގެ އޮކްޓޯބަރު މަހު 30،483 އަރިދަފުސް ރޯގާގެ ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ރިޕޯޓު ކޮށްފައި ވަނީ 18،777 ކޭހެވެ.

މިދިޔަ އަހަރު ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް އެޗްޕީއޭ އިން އާންމު ކޮށްފަ އެއް ނުވެ އެވެ.

އެޗްޕީއޭ އިން ވަނީ އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވެފައި ވާތީ އާއި ކޮވިޑް ރޯގާ ވެސް އުޅޭތީ ގައިޑްލައިންތަކާ އެއްގޮތަށް އުޅުމަށް އިލްތިމާސްކޮށްފަ އެވެ.

ފެތުރޭ އިތުރު ރޯގާގެ ބަލިތަކުގެ ތެރޭގައި މިދިޔަ މަހު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓު ކޮށްފައިވާ އަދަދު މަދެވެ. މިދިޔަ މަހު ޑެންގީ ޖެހިފައި ވަނީ 10 މީހުންނަށެވެ. އަދި ބޭރަށް ހިންގުމުގެ ކޭސްތައް ވެސް ވަނީ މަދުވެފަ އެވެ.

މިދުވަސްކޮޅަކީ އިންފްލުއެންޒާ އޭ ވެސް ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާ ދުވަސްވަރެކެވެ. އަރިދަފުސް ރޯގާގެ އިތުރުން މިދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާއި އަޅާބަލާއިރު އިންފްލުއެންޒާ އަށް ޕޮޒިޓިވްވާ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ