ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

Nov 15, 2021
1

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ 2022 ވަނަ އަހަރުގެ ފެބްރުއަރީ އިންޓޭކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

އެމްއެންޔޫ އިން 113 ކޯހެއް އަންނަ އަހަރު ހިންގާނެ އެވެ. އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ކުރިޔާ ހިލާފަށް އެމްއެންޔޫ އިން ވަނީ އެޕްލިކޭޝަން ހުށަހެޅުމުގައި ފަސޭހަ ކޮށްދީފަ އެވެ. އެ ޔުނިވާސިޓީން ބުނިގޮތުގައި ސެޓްފިކެޓްތައް ހުށަހަޅާއިރު ރަސްމީ އިދާރާއަކުން އެޓެސްޓް ނުކޮށް ވެސް މިފަހަރު ހުށަހެޅޭނެ ކަމަށެވެ. ކުރިން ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅާއިރު އެޓެސްޓް ކުރުމަކީ މަޖުބޫރު ކަމެކެވެ.

މީގެ އިތުރުން އޭލެވެލް ހަދާ ދަރިވަރުންގެ ނަތީޖާ ނުލިބުނު ކަމުގައި ވިޔަސް ސެޓްފިކެޓާއެކީ ކޯސްތަކަށް އެދި ހުށަހެޅުމުގެ ކޮންޑިޝަނަލް އޮފާއާއެކު ޖާގަ ކަށަވަރު ވާނެ އެވެ.

އެމްއެންޔޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް ހުށަހެޅެ އެވެ.