އެފްއޭއެމް

ރައީސްގެ ވިސްނުން ތިން ވަޒީރަކަށް އެނގެން ވެއްޖެ: ބައްސާމް

ސަރުކާރާއި އެފްއޭއެމަށް އެއްގަލަކަށް ނޭރިގެން، ނުބޭއްވި ލަސްވަމުންދާ އެފްއޭއެމުގެ އިންތިހާބާ މެދު ރައީސް އަބުދްﷲ ޔާމީންގެ ވިސްނުން ގެންގުޅުއްވާ ގޮތް ސަރުކާރުގެ ތިން ވަޒީރުންނަށް މިހާރު އެނގިވަޑައިގަންނަވަން ވެއްޖެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

ސަވީދަށް ތާއީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައި ވާތީ، އެފްއޭއެފްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލު ޖަލީލް ވިދާޅުވީ އިންތިހާބަށް ހުރަސް އަޅާ ސަރުކާރުގެ ވަޒީރުން ރައީސްގެ ވިސްނުންފުޅު ގަބޫލު ކުރައްވާ ކޮންމެވެސް ކަހަލަ ލުއިތަކެއް އިންތިހާބު ބޭއްވުމަށް ދެއްވަން ޖެހޭ އެވެ. ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އިޝާރާތްކުރެއްވި މި ތިން ވަޒީރުންނަކީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ.


ބައްސާމް ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިހާބު ބާއްވަން ބޭނުމެއް ނުވެ އެވެ. އަދި އެގޮތަށް ހެދުމަކީ އެންމެ ފައިދާ ހުރި ގޮތެއް ނޫންކަން ފާހަގަ ކުރައްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމް އިން ބޭނުން ވަނީ ސަރުކާރާ ގުޅިގެން ސުލްހަވެރިކޮށް ކަންކަން ނިންމަން ކަމަށެވެ. އަދި އެކަމުގައި ރައީސްގެ ވިސްނުންފުޅު ހުރި ގޮތް ކޮންމެވެސް ވަރަކަށް ހާމަވެފައިވާ އިރު އެފްއޭއެމްގެ އިންތިހާބު އަވަހަށް ބާއްވައި މިކަމަށް ހައްލުތަކެއް އަންނަން ޖެހޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ސަރުކާރާއެކު އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވަނީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިކަމުގައި އަޅުގަނޑުމެން މަޝްވަރާ މިކުރާ ތިން ވަޒީރުންނަށް ވެސް މިހާރު އެނގެންވެއްޖެހެން ރައީސްގެ ވިސްނުންފުޅަކީ ވެސް ކޮބާކަން. އަދި ރައީސް އެގޮތަށް ވިދާޅުވީމަ ކޮންމެ ވެސް ލުއިގޮތްތަކެއް ވެސް އަޅުގަނޑުމެންނަށް ހައްދަވައިދެއްވަން އެބަޖެހޭހެން. ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެޓާނީ ޖެނެރަލާއެކު އަޅުގަނޑުމެން މަޝްވަރާކުރިން. އެބޭފުޅުން ވިދާޅުވަނީ އެބަހުއްޓޭ ގެންނަންޖެހޭ ބަދަލުތައް. އަޅުގަނޑުމެން މިތިބީ އެބަދަލުތައް ވެސް ގެންނަން،" ބައްސާމް ވިދާޅުވި އެވެ.

މިހާތަނަށް ދެ ފަހަރެއްގެމަތީން ބާއްވަން އުޅެ، އެފްއޭއެމުގެ އިންތިހާބު ކެންސަލްވީ ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން އެއްބާރުލުން ނުދިނުމުންނެވެ. ޔޫތް މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އިން ހިތްހަމަ ނުޖެހޭ ވަރަށް ގިނަ ކަންކަން ފާހަގަކޮޕށް ފީފާއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ހޯމް މިނިސްޓްރީން ބޭނުން ވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނާ އެއްގޮތަށް ފީފާއިން އެންޑޯޒް ކޮށްފައިވާ އެފްއޭއެމުގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނާށެވެ. ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ ރާއްޖޭގައި ހިިންގާ ޖަމްއިއްޔާ ޖަމާއަތެއް ކަމަށް ވިޔަސް، އެތަނެއްގެ ހިންގާ ގަވާއިދުގައި ޖަމްއިއްޔާތަކާ ބެހޭ ގާނޫނާ ފުށުއެރުންތަކެއް ހުރެގެން ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ބައްސާމް ވިދާޅުވީ އަސާސީ ގަވާއިދު ފާސްކުރީ ހޯމް މިނިސްޓްރީ އިން ވެސް އޭރު އާބަސް ބުނެގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަން ބަދަލު ކުރަން އުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ނިކަމެތިކަން ލިބުން ނޫން ކަމެއް ނުވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އެއީ މުޅި ގައުމަށް ލިބިގެން ދާނެ ދެރައެއް ކަމަށް ވެސް ވިދާޅުވި އެވެ. ބައްސާމް ގަބޫލު ކުރައްވާ ގޮތުގައި މިއީ ދެ ފަރާތުން ވެސް ލުއިތަކެއް ދޭން ޖެހޭ ވަގުތެކެވެ.

"އެބަދަލުތައް ގެނައުމުގެ ކުރިން ފީފާގެ ހުއްދަ ވެސް ހޯދަން. އެއީ ރާއްޖެ މިއޮތީ ފީފާގެ މެމްބަރެއްގެ ގޮތުގައި. ފީފާ އާއި ހޯމް މިނިސްޓްރީ ވެސް ތިބި ބައްދަލުވުމުގައި އަސާސި ގަވާއިދު ފާސްކުރީވެސް. އަޅުގަނޑުމެން އެބަޖެހޭ ފުޓްބޯޅަ ކުޅެން ބޭނުމިއްޔާ ފީފާ ބުނާގޮތް ވެސް ހަދަން. އެހެންނޫނީ އެކި ގައުމުތައް ސަސްޕެންޑްކުރަމުންދާތަން ފެންނަމުން އެދަނީ. އަޅުގަނޑުމެންނަށް ވުރެ މާ ބާރުގަދަ ގައުމެއް ކުވޭތު ވެސް ސަސްޕެންޑްކޮށްލީ. އެހެންވީމަ އެންމެން އެކުވެރިވެގެން، ސުލްހަވެރިކަމާއެކު ކުރިއަށްދާންވީ. ސަރުކާރުން މިހާތަނަށް ވެސް އެފްއޭއެމަށް ވަރަށް ބޮޑަށް އެކިކަންކަމުގައ އެހީތެރިކަން ދެއްވި ގޮތަށް މިކަމުގައި ވެސް އެހީތެރިވެދެއްވާނެކަމަށް އަޅުގަނޑުމެން ޔަގީންކުރަން،" ބައްސާމް ވިދާޅުވި އެވެ.

ޔޫތް މިނިސްޓްރީގެ ދަށުން އޮންނަ ކުޅިވަރާ ބެހޭ މަޖިލީހުން މިހާރު ނިންމާފައި ވަނީ އޮލިމްޕިކްސް ކޮމިޓީގެ ރައީސްއަކަށް ހުންނަ މީހަކަށް އެފްއޭއެމްގެ ރައީސްކަން ނުކުރެވޭ ގޮތަށް ހެދުމަށެވެ. އަދި އެކަމުގަިއ އޭޖީގެ ލަފަޔަކަށް ވަނީ ފޮނުވައިފަ އެވެ. އެކަން އެގޮތަށް ވެއްޖެ ނަމަ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ހަމައެކަނި ބޭފުޅާ، ސަވީދަށް އެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.