ޗެލްސީގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރަން އުޅޭތީވެ، އެކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ރައްދުދީފި އެވެ.
ޔުނައިޓެޑުގެ ކޯޗުކަމުގައި 27 އަހަރު ހުރެ، އިނގިރޭސިވިލާތުގައި އެންމެ ކާމިޔާބު ކުލަބަށް ޔުނައިޓެޑް ހަދައިދިނުމަށްފަހު 2013 ވަނަ އަހަރު މަގާމުން ވަކިވި ފާގަސަން ބުނީ ކޮންމެ ކުލަބެއްގައި ވެސް އެންމެ ކާމިޔާބު ކޯޗު މަގާމުން ދުރުކޮށްގެންނުވާނެ ކަމަށެވެ.
އޭނާ މިހެން ބުނީ މި ސީޒަނުގައި އަށް މެޗުން ބަލިވެ، ތާވަލުގެ 15 ވަނަ އަށް ޗެލްސީ ވެއްޓުމާ ގުޅިގެން ކުރިއަށް އޮތް ދެ މެޗުން މޮޅުނުވެވިއްޖެނަމަ މޮރީނިއޯ މަގާމުން ވަކިކުރަން އަބްރޮމިވިޗް ތައްޔާރުވެއްޖެކަމަށް ވާހަކަ ދެކެވެން ފެށުމުންނެވެ.
"ކުލަބުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު މަގާމުން ދުރުކުރުމަކީ އޮންނަ ކަމެއްނޫން. އެކަން ކުރަންޖެހޭ ސަބަބެއްނެތް. މިދިޔަ 10 އަހަރު ދުވަހު އޭނާ (އަބްރޮމޮވިޗް) ވަރަށް ގިނަ ކޯޗުން މަގާމުން ވަކިކޮށްފި. އަހަންނަށް ޔަގީން އޭނާ އަށް އޭގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް އެނގިގެންދާނެ. އޭނާ އެބަޖެހޭ މޮރީނިއޯ ކަންތައްތައް ބަދަލުކޮށް، ހަމަޖައްސާނެ ކަމުގެ އިތުބާރު ބާއްވަން. އޭނާ (މޮރީނިއޯ) ކޯޗުކޮށްދިން ކޮންމެ ގައުމެއްގައި އޭނާ ވަނީ ކާމިޔާބު ހޯދާފައި،" ފާގަސަން ބުންޏެވެ.
މޮރީނިއޯ އަކީ ފާގަސަން މެންޗެސްޓާއިން ވަކިވުމަށްފަހު އެކުލަބުގެ ކޯޗަކަށް ގެނައުމަށް މަސައްކަތްކުރި ކޯޗެވެ. އެކަމަކު މޮރީނިއޯ ދެ ވަނަ ފަހަރަށް ޗެލްސީއަށް އައީ ޔުނައިޓެޑަށް ނުދާން ނިންމުމަށްފަހު އެވެ.
ފާގަސަން ބުނީ މޮރީނިއޯ އަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ކޯޗެއް ކަމަށާއި މޮރީނިއޯ ވަކިކުރުމަކީ އަބްރޮމޮވިޗްގެ މެނޭޖްމަންޓް ގޯސްކަން ދައްކުވައިދޭނެ ކަމެއް ކަމަށެވެ.
"މިއީ ފުރަތަމަ ސީޒަން އޭނާ އަށް ގޯސް ޕަބްލިސިޓީއާ ކުރިމަތިލާންޖެހޭ. މިއީ ފުރަތަމަ ސީޒަނަށް އޭނާގެ މުޅި ކެރިއަރުގައި ވެސް ކާމިޔާބު ހޯދަން އުނދަގޫވެގެން އުޅޭ. އެކަމަކު ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުން ބަލިވިނަމަވެސް ޓީމު ހަމައަކަށް އެޅެމުންދާކަމުގެ ނިޝާންތައް އެބަފެނޭ. ޗެލްސީގައި މިހާރު އޮތް ސްކޮޑާއެކު މުޅި ސީޒަން ނިންމާލަން އުނދަގޫވެގެންދާނެ. އެމީހުން ކުޅުންތެރިންނަށް އިންވެސްޓްކުރާނެކަން އެނގޭނީ އެމީހުންނަށް،" ފާގަސަން ބުންޏެވެ.
މޮރީނިއޯ އަކީ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތީން އޭނާ ވަނީ ޗެލްސީ އަށް ޕްރެމިއާ ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ. އަދި އަވަސް އަވަހަށް އަބްރޮމިވިޗް ކޯޗުން ބަދަލުކުރާތީވެ އެކުލަބަށް ކޯޗުކޮށްދިނުމަށް މަޝްހޫރު ކޯޗުންވަނީ ފަސްޖެހެން ފަށައިފަ އެވެ.