ހުސައިން ޝަހީމް

އަނދުން ހުސެއިން އަނެއްކާވެސް ހޫނުފެނުގައި

ޕެޑް ޖެހުމާ ގުޅުވާލައި ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަނެއްކާވެސް މަޖިލީހުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަނދުން ހުސެއިން ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ބަޖެޓަށް ލޮޅުން އަރައިގެން ހިނގައިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުން ފައިދާ ކުރަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ބަލިހާލުގައި ޖެހުމުން އިމަޖެންސީގައި މީހުން ގެނެސް ފުރާނަ ސަލާމަތް ކުރެވެނީ ވެސް އެ އުޅަނދުތަކުގެ ސަބަބުން ކަމަށެވެ. އަދި އެ އުޅަނދުތައް ފޮނުވާލުމުން ކުރަން ޖެހޭ ހަރަދުގެ ބުރަ ބޮޑު ވާނީ ދިވެހި ސަރުކާރަށް ކަމަށެވެ.

އެހެންކަމުން އިންޑިއާ އައުޓް ކެމްޕޭން ނުކުރުމަށް އަނދުން ހުސެއިން ގޮވާލެއްވި އެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ އެފަދަ ނިއުމަތްތަކުން ރާއްޖޭގެ ރައްޔިތުން މަހްރޫމްވާ ފަދަ ގޮތަކަށް ނޭނގި ނަމަވެސް މަގުތަކުގައި މުޒާހަރާކޮށް ނެހެދުމަށް،" އަނދުން ހުސެއިން ވިދާޅުވިއެވެ.

އަނދުން ހުސެއިންގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ފާޑުކީ ބައެއް މީހުން ބުނީ ނިއުމަތް ދެއްވަނީ އިންޑިއާއިން ނޫން ކަމަށާއި އަދި ﷲ ކަމަށެވެ.

"ނިއުމަތްތަކަކީ ހެއްދެވި ފަރާތުން ދޭ އެއްޗެއްކަން ހަނދާން ކޮށްދެން" މީހަކު ސޯޝަލް މީޑިއާގައި ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ. އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނިގޮތުގައި އަނދުން ހުސެއިންގެ ވާހަކަތަކުން ހީވަނީ ދިވެހީންނަށް ކާންބޯންދީ މުސާރަ ދެނީ ވެސް އިންޑިއާއިން ހެން ކަަމަށެވެ.

މާލޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެއްފަދަކޮށް މިދިޔަ އަހަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ވެސް އަނދުން ހުސެއިންއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އޭނާ މިދިޔަ އަހަރު ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން އުޅެމުން ދަނީ ރެފިއުޖީންނާ އެއް ގޮތަށް ކަމަށާއި މާލެ މިހާރު އޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން މާބޮޑަށް ފާޑުކިޔުން އަމާޒުވުމުން އަނދުން ހުސެއިން މާފަށް ވެސް އެދިވަޑައިގެންނެވި އެވެ.

އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ފުރައްސާރަ ކުރުމުގެ ގޮތުން މިއަހަރު ކުރީކޮޅު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

މަޖިލީހުގައި އަނދުން ހުސެއިން ވިދާޅުވީ އާދަމް ޝަރީމް މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށާއި އަދި ލޭ ފެންނާން ހުންނަ ކަމަށެވެ. އެ އެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ވެސް އަނދުން ހުސެއިން ފަހުން މާފަށް އެދިވަޑައިގެންނެވި އެވެ.