ބޭރު ކުޅިވަރު

މެސީ އާއި ރޮނާލްޑޯ ބާކީކޮށް ޑުންގާގެ ވޯޓު ނޭމާ އަށް

ފީފާގެ މޮޅު ކުޅުންތެރިޔާ ހޮވަން ބްރެޒިލްގެ ކޯޗު ކާލޮސް ޑޮންގާ ވޯޓުދިނީ ބްރެޒިލާއި ބާސެލޯނާގެ ފޯވަޑް ނޭމާ އަށް ވޯޓުދީފި އެވެ.

ޑުންގާ ބުނީ މި ފަހަރަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނޭމާ ހޯދަންވީ ފަހަރު ކަމަށެވެ.

"އަހަރެން ވޯޓުދިނީ ނޭމާ އަށް. މިއީ އޭނާގެ ފަހަރު. ރޮނާލްޑޯ މިދިޔަ އަހަރު ވަރަށް މޮޅަށް ކުޅުނު. އެކަމަކު އޭނާ އަށް މިހާރު އެވަރަށް ނުކުޅެވޭ. މެސީ އަށް އަނިޔާވެއްޖެ. މިހާރު ނޭމާ އެދަނީ އުދުހެމުން. ޓީމުގެ ލީޑަރޝިޕް ނަގައިގެން އޭނާ އިސްވެ މޮޅަށް ކުޅެމުންދަނީ. އޭނާ އަށް މި އިނާމް ލިބެންވީ ފަހަރު މިއީ،" 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން ޑުންގާ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފީފާއިން ޝޯޓްލިސްޓް ކުރި ތިން ކުޅުންތެރިންނަކީ ބާސެލޯނާގެ އާޖެންޓީނާ ކެޕްޓަން ލަޔޮނަލް މެސީ އާއި އެ ޓީމަށް ކުޅޭ ބްރެޒިލްގެ ކެޕްޓަން ނޭމާ އާއި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީގެ ތެރެއިން މިދިޔަ ދެ އަހަރާއެކު ރޮނާލްޑޯ ވަނީ މި އިނާމް ތިން ފަހަރު ހޯދައިފަ އެވެ. މެސީ ވަނީ ޖެހިޖެހިގެން ހަތަރު ފަހަރު ހޯދައި ރެކޯޑް ހަދައިފަ އެވެ.

މި އިނާމަށް ނޮމިނޭޓްވި ނަމަވެސް ނޭމާ ބުނީ އިނާމް ލިބުމަށް އޭނާ އެދެނީ މެސީ އަށް ކަމަށާއި ރޮނާލްޑޯ އާއި މެސީއާއެކު އޭނާ ގަދަ ތިނެއްގައި ހިމެނިއްޖެނަމަ މަގްސަދު ހާސިލްވާނެ ކަމަށެވެ. ނޭމާ ވަނީ މި ސީޒަނުގައި ކުޅުނު 18 މެޗުގައި 16 ގޯލު ޖަހާފަ އެވެ.