ބޭރު ކުޅިވަރު

އެންރީކޭ އާއި ސަމްޕޯލީ އަދި ގާޑިއޯލާ ކުރި މޮޅީ ކާކު؟

ސްވިޒަލޭންޑްގެ ޒިއުރިކްގައި ބާއްވާ ފީފާ އެވޯޑް ހަފުލާގައި މިރޭ ހުސްވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް އިއުލާނުކުރާނެ އެވެ. މި މަގާމަށް މި ފަހަރު ވާދަކުރަނީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އާއި ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޗިލީގެ ގައުމީ ކޯޗު ޖޯޖް ސަމްޕޯލީ އެވެ. މީގެ ތެރެއިން މި އެވޯޑް ކުރިން ލިބިފައިވާ ހަމައެކަނި ކޯޗަކީ ގާޑިއޯލާ އެވެ.

ޕެޕް ގާޑިއޯލާ

ގާޑިއޯލާ ވަނީ 2011 ވަނަ އަހަރު ބާސެލޯނާގައި ހުރެ މި އެވޯޑް ހޯދައިފަ އެވެ. މިހާރު އޭނާ އަކީ ބަޔާން މިއުނިކްގެ ކޯޗެވެ. ހުސްވި ސީޒަނުގައި ޖަރުމަނު ކަޕާއި ލީގު ކާމިޔާބު ކުރި ނަމަވެސް ޗެމްޕިއަންސް ލީގުން އޭނާގެ ޓީމު ކެޓީ ބާސެލޯނާ އަތުން ބަލިވެގެންނެވެ. ގާޑިއޯލާގެ ކޯޗުކަމުގައި ބަޔާން ކުރިއެރުންތަކެއް މިދިޔަ ސީޒަނުގައި ހޯދި ނަމަވެސް ސީޒަނުގެ ފަހުކޮޅު ޓީމަށް ދިމާވި އަނިޔާގެ މައްސަލަތަކާހުރެ ކާމިޔާބީ އަށް ހުރަސް އެޅުނެވެ.

ލުއިސް އެންރީކޭ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލުއިސް އެންރީކޭ ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ވެސް ތިން ތަށި ހާސިލްކޮށްފަ އެވެ. އަދި އެކާމިޔާބީން ފަހިވި ފުރުސަތުތަކުގައި ޔޫރަޕިއަން ސުޕަ ކަޕާއި ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މިހެންވެ 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތިން ތަށި ހޯދުމުން އެންރީކޭ ވަނީ ކުލަބުގެ ތާރީހުން ވެސް ޖާގަ ހޯދައިފަ އެވެ. އޭނާގެ ކޯޗުކަމުގައި ބާސެލޯނާ 50 މެޗުން މޮޅުވެ ބަލިވީ ހަ މެޗުންނެވެ. ހަތަރު މެޗު އެއްވަރުވި އެވެ. އޭނާ އަކީ ކުލަބު ލެވެލްގައި މިދިޔަ އަހަރު އެންމެ ކާމިޔާބު ކޯޗެވެ.

ޖޯޖް ސަމްޕޯލީ

ސަމްޕޯލީ އަކީ ގައުމީ ކޯޗުންގެ ތެރެއިން މިދިޔަ އަހަރު އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ޗިލީން ތައްޓެއް ހޯދަން އެތައް ޒަމާނެއްވަންދެން ކުރި ދިގު އިންތިޒާރަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދީގެން ނިމުން ގެނެސްދީފަ އެވެ. އުމުރުން މިހާރު 55 އަހަރުވެފައިވީ ނަމަވެސް ޓަޗް ލައިނުގައި ބެލުންތެރިން ޝައުގުވެރިކުރުވަނިވި ހަރަކާތްތަކެއް ގެންގުޅޭ ސަމްޕޯލީ ވަނީ ޗިލީގެ ކުޅުމުގެ ވައްޓަފާޅި އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެއީ މިހާރު އެހެން ޓީމުތައް ޖެހިލުންވާ ފަދަ ޓީމަކަށް ހަދައިދީފަ އެވެ.