ބޭރު ކުޅިވަރު

އެންމެ މޮޅު ކޯޗުކަން ބާސެލޯނާގެ އެންރީކޭ އަށް

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކޯޗަކަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ހޮވައިފި އެވެ.

ސްވިޒަލޭންޑްގެ ޒިއުރިކްގައި މިރޭ ބޭއްވި ފީފާ އެވޯޑް ނައިޓްގައި އުމުރުން މިހާރު 45 އަހަރުގެ ކޯޗަށް މިރޭ މިއެވޯޑް ލިބުނު ނަމަވެސް އޭނާ އެވޯޑް ހަފުލާ އަށް ނުދެ އެވެ.

އެންރީކޭއާއެކު މި އެވޯޑަށް ވާދަކުރީ ބާސެލޯނާގެ ކުރީގެ ކޯޗު އަދި މިހާރު ބަޔާން މިއުނިކްގެ ކޯޗު ސްޕޭނުގެ ޕެޕް ގާޑިއޯލާ އާއި ޗިލީގެ ކޯޗު ޖޯޖް ސަމްޕޯލީ އެވެ.މީގެ ތެރެއިން އެންރީކޭ ފަދައިން ބާސެލޯނާގެ ކެޕްޓަންކަން ކުރި ގާޑިއޮލާ އަކީ 2011 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗެވެ.

ސެލްޓަވީގޯގެ ކޯޗުކަމުގައި ހުރުމަށްފަހު ބާސެލޯނާގެ ކޯޗުކަމާ ލުއިސް އެންރީކޭ ހަވާލުވީ ވެސް މިދިޔަ ސީޒަނުގަ އެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި ވެސް ބާސެލޯނާ ވަނީ ތިން ތަށި ކާމިޔާބުކޮށްފަ އެވެ. ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޔޫރަޕިއަން ސުޕާ ކަޕް ހޯދައި އެންރީކޭ އަހަރު ނިންމާލީ ކުލަބު ވޯލްޑް ކަޕު ވެސް ހޯދައިގެންނެވެ. މިއީ 2011 ވަނަ އަހަރު ގާޑިއޯލާގެ ކޯޗުކަމުގައި ބާސެލޯނާ ހޯދި މިފަދަ ކާމިޔާބީއަށް ފަހު އެ ޓީމުން ތިން ތަށި ކާމިޔާބުކޮށް ކުލަބު ވޯލްޑް ކަޕް ނެގި ފުރަތަމަ ފަހަރެވެ. އެންރީކޭގެ ކޯޗުކަމުގައި ބާސެލޯނާ ވަނީ 50 މެޗުން މޮޅުވެ، ހަތަރު މެޗު އެއްވަރުވެ ހަ ފަހަރު ބަލިވެފަ އެވެ.