ލައިފްސްޓައިލް

ބޮޑު ހަރަދުން ގޮނޑުދޮށް ސާފުކޮށް، ހުރިހާ ކުނި ކަނޑަށް!

ޑެންމާކުގެ ސަރުކާރުން އެ ގައުމުގެ ރަށްތަކުގެ ގޮނޑުދޮށްތައް ސާފުކުރުމަށް 150،000 ޔޫއެސް ޑޮލަރު ޚަރަދު ކޮށްފައި ވެއެވެ. އަދި ގޮނޑުދޮށް ސާފުކޮށްފައި ނެގި ހުރިހާ ކުނިތައް ގެންގޮސް ކަނޑަށް އަޅާލުމުން ގިނަ ބަޔަކު މިހާރު ދަނީ މިކަމާ މަލާމާތް ކުރަމުންނެވެ.

ޑެންމާކްގެ ނެޝަނަލް ބްރޯޑްކާސްޓާ "ޑެންމާކްސް ރޭޑިއޯ" (ޑީއާރު)އިން ދެއްކި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި ޑެންމާކްގެ މުނިސިޕަލްޓީގެ ފަރާތުން ހަފުތާއަކު ދެ ފަހަރަކު އެ ގައުމުގެ ރަށްތަކުގެ ގޮނޑުދޮށްތައް ބުލް ޑޯޒަރުން ސާފު ކުރެ އެވެ. އަދި ޖަމާވާ ހުރިހާ ކުނިތައް އަލުން ކަނޑަށް އަޅާލަ އެވެ.

ޔުނިވަސިޓީ އޮފް ކޯޕަންހޭގަންގެ ބައޮލޮޖިކަލް އޯޝަނޯގްރަފީ ޕްރޮފެސަރު ކެތެރީން ރިޗަޑްސަން ވިދާޅުވި ގޮތުގައި މިގޮތަށް ބުލްޑޯޒަރުން ގޮނޑުދޮށް ސާފުކުރުމުން ހީނުކުރާ ވަރުގެ ގެއްލުން ގޮނޑުދޮށަށް ލިބުން ފިޔަވައި އިތުރު ކަމެއް ނުވާނެ އެވެ. ބުލް ޑޯޒަރުން އެރި ގޮނޑުދޮށުގައި އުޅޭ ކުދި އޯގަނިޒަމްސް ޗިސްޗިސްވެ ފަނާވެގެން ދިއުމުގެ އިތުރުން އެނޫންވެސް ކުދިކުދި ދިރޭ އެއްޗެހި މަރުވެ ގޮނޑުދޮށުގެ ދިރުން ގެއްލޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ގައުމުގެ ޑެޕިއުޓީ މޭޔަރު ވިލަމް ކްރިސްޓެންސަން ވަނީ ބުލްޑޯޒަރުން ގޮނޑުދޮށް ސާފުކުރަން ކުރާ މަސައްކަތް ދިފާއުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ޔޫރަޕްގެ ދެކުނުގެ ރަށްތަކުގެ ބީޗުތައް އޮންނަ ގޮތަށް ރީތިކޮށް އެ ގައުމުގެ ރަށްތަކުގެ ބީޗުތައް ވެސް އޮންނަން މީހުން ބޭނުންވެ އެވެ. ގޮނޑުދޮށް އެގޮތަށް ސާފުކުރަނީ ބީޗު ސާފުކޮށް ބާއްވާށެވެ.