ރާއްޖެ ކުޅިވަރު

ސުޒުކީ ކަޕަށް ދާނެ އެންމެ ފިޓް ޓީމަކަށްވާނީ ރާއްޖެ

މި މަހު ފަހުކޮޅު ފަށާ ސާފް ސުޒުކީ ކަޕަށްދާ އެންމެ ފިޓް ޓީމަކަށް ވާނީ ދިވެހިރާއްޖެ ކަމަށް ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބު ބުނެފި އެވެ.

އޭނާ ބުނީ ދުވާލަކު ދެ އިރު ޓީމު ފަރިތަކުރަމުންދާއިރު ރާއްޖޭން ބޭރުގައި ކުރާ ކޭމްޕުގައި ވެސް ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް އެންމެ ބޮޑަށް ސަމާލުކަން ދޭނީ ފިޓްނަސް ރަނގަޅު ކުރަން ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި ވެސް ކުޅުންތެރިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި. ކުޅުންތެރިން ފިޓްނަސްއަށް ދޭ ސަމާލުކަން އެންމެ ބޮޑަށް ފެނިގެންދާނެ ދެ ކުޅުންތެރިންނަށްވާނެ ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ކީޕަރު ފައިސަލް. އެ ދެ ކުޅުންތެރިންނަކީ ނަމޫދާ ދައްކަމުންދާ ދެ ކުޅުންތެރިން،" އަނިޔާގެ ސަބަބުން މި ސީޒަނުގެ ބޮޑު ބައެއްގައި އަނިޔާގައި ތިބި ދެ ކުޅުންތެރިނާ ބެހޭ ގޮތުން ޝަކީބު ބުންޏެވެ.
އޭނާ އަދި ބުނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ކުރިއަށްވުރެ ބޮޑަށް ސަމާލުވެގެން އިތުރު ހިތްވަރަކާއެކު ޕްރެކްޓިސް ކުރަމުން އަންނަ ކަމަށެވެ.

އިންޑިޔާގައި މި މަހުގެ 23 ވަނަ ދުވަހު ފަށާ މުބާރާތަށް ދިއުމުގެ ކުރިން ރާއްޖެ އަރަބި ގައުމެއްގައި ކޭމްޕް ކުރާނެ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ.