އިމްރާން އަބްދުﷲ

ޕާސްޕޯޓު ހިފެހެއްޓީ ޝަރުތުތަކާ ހިލާފުވި ކުށްވެރިން: އިމްރާން

އަދަބު ލުއި ކޮށްދީފައިވާ ގައިދީންގެ ތެރެއިން ފާސްޕޯޓު ހިފަހައްޓާފައި ވަނީ ޝަރުތުތަކާ ހިލާފުވެފައިވާ ކުށްވެރިން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ވަނީ މިނިސްޓަރު އިމްރާންގެ ޖަވާބު އިއްވަވާފަ އެވެ.

އިވާގެ ސުވާލުގައި މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭ ހުކުމް ތަންފީޒު ކުރުމަށް ފަހު ޖަލުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް އަދި ގޭބަންދުން ރަށު ބަންދަށް ދޫކޮށްފައިވާ ބައެއް ކުށްވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފައިވާތާ 10 ވަަަރަކަށް އަހަރު ވެދާނެ ކަަމަށް ވިދާޅުވެފައި ވެއެވެ. އަދި އެގޮތަށް ޕާސްޕޯޓު ހިފަހައްޓައި، ވަކި ގޮތެއް ނާންގައި ރަށު ބަންދެއްގައި ބޭތިއްބުމަކީ ބައެއްގެ ހައްގުތަކެއް ގެއްލޭ ކަމަކަށްވާ އިރު، އެކަމަށް ހައްލެއް ނުލިބި ލަސްވެގެން ދަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައި ވެއެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓީ އަދަބު ލުއި ކޮށްދިން ގައިދީންގެ ތެރެއިން އެ ފަރާތްތަކަށް ކުރެވުނު ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން ކަަމަށެވެ. އޭގެ ތެރޭގައި ޝަރުތާ ހިލާފުވުމުން ހުކުމް އަލުން ރުޖޫއަ ކުރަން ޖެހޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ހުކުމް ތަންފީޒުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖުތަމައުއަށް ދޫވެފައިވާ އެކި ފަރާތްތަކުގެ ޕާސްޕޯޓު ހިމެނޭ ކަމަށެވެ.

ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކުގެ ތެރޭގައި ޑުރަގު ފަރުވާ ފުރިހަމަ ނުކުރުމާއި ދަރަނި އާދާ ނުކުރުން ފަދަ މަައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ.

"މި ހުރިހާ ފަރާތްތަކެއްގެ ވެސް ޕާސްޕޯޓު ހިފެހެއްޓިފައި ވަނީ އެފަދަ ފަރާތްތަކުން ތަންފީޒުކުރަން ޖެހޭ ހުކުމްތައް ހުރުމުން ނެވެ. އަދި މިފަދަ ފަރާތްތައް ލިސްޓު ކުރެވިފައިވާ އިރު އޭގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ހިމެނެ އެވެ." އިމްރާންގެ ޖަވާބުގައި ވެއެވެ.

މި ފަރާތްތަކުގެ ތެރެއިން އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްތަކެއް ވެފައިވާ ފަރާތްތަކުގެ މައްޗަަށް އިއްވާފައިވާ ހުކުމް މިހާރު ތަންފީޒުކުރުމަކީ އެންމެ މަސްލަހަތު އެންމެ ރަނގަޅު ކަމަކަށް ނުފެންނަ ކަަމަށާއި އަދި އެފަދަ ފަރާތްތަކަށް އަދުލުވެރި ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މިހާރުވެސް ހައްލެއް ހޯދިދާނެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.