ބޭންކް އޮފް މޯލްޑިވްސް

ކޮމިއުނިޓީ ފަންޑުން އަނެއްކާވެސް ފުރުސަތު

މި އަހަރުގެ ހަތަރު ވަނަ ފިޔަވަހީގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހޮވާނެ އެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަރުދުންނާއި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށް ދެ އެވެ. ޕްރޮޕޯސަލް ހުށަހެޅެނީ ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެންނެވެ. ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް އެ ފަންޑުން 50،000ރ. ދޭނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހަޅަން ބީއެމްއެލް އިން ވަނީ ފުރުސަތު ދީފަ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް މި ފަންޑުން ރާއްޖޭގެ 55 ރަށެއްގައި ޕްރޮޖެކްޓް ހިންގަން ފައިސާގެ އެހީ ދީފައި ވެއެވެ.