ދައުލަތުގެ ބަޖެޓް

އެމްއެންޔޫ އިން ޓީބިލަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފި

Nov 16, 2021
4

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން 150 މިލިއަން ރުފިޔާ ޓީބިލަށް އިންވެސްޓްކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް އެމްއެންޔޫގެ އިސް ބޭފުޅުން ހާޒިރުވެ އެތަނުގެ ބަޖެޓުގައި ހުރި މައްސަލަތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފް ދެއްވި ޖަވާބަކުންނެވެ.

ޝަރީފް ވިދާޅުވީ މިއީ ކޮވިޑްގެ އުދަގޫ ދުވަސްތަކަކަށް ވާތީ ސަރުކާރުގެ ޓީބިލަށް އިންވެސްޓް ކުރާ ފަރާތްތައް މަދުވެފައިވާތީ ޔުނިވަސިޓީން ރައްކާކޮށްފައި ހުރި ފައިސާ އިން ޓީބިލަށް އިންވެސްޓް ކުރި ކަމަށެވެ. ފެށޭ އަހަރުގެ ތެރޭގައި އެ ފައިސާ އަނބުރާ ލިބުމުން އެމްއެންޔޫ އަށް ރައްކާކުރަން ލިބޭ ފައިސާ އިތުރުވެ އެ މުއާމަލާތުން ލިބުނު ފައިދާ ބޮޑުވާނެ ކަމަށެވެ.

ޓީބިލަށް އެކި ފަރާތްތަކުން އިންވެސްޓް ކުރާ ފައިސާ ސަރުކާރުން އެ ފަރާތަކަށް އަނބުރާ ދައްކާއިރު ފައިސާ ދައްކާނީ އިތުރު އިންޓަރެސްޓާ އެކު އެވެ.

ޝަރީފް ވިދާޅުވީ އަހަރެއްގެ އާމްދަނީގެ ގޮތުގައި ޔުނިވަސިޓީ އަށް 60 މިލިއަން ރުފިޔާ ލިބޭ ކަމަށެވެ. އޭގެތެރެއިން 25 މިލިއަން ޔުނިވަސިޓީގެ މުސްތަގުބަލަށްޓަކައި ރައްކާކުރުމަށްފަހު ބާކީ ފައިސާ ހަރަދު ކުރާ ގޮތުގެ ބައެއް ތަފްސީލްތައް ވެސް ހިއްސާކުރެއްވި އެވެ. އެގޮތުން އެމްއެންޔޫގެ ސަލާހުންދީން ބިލްޑިން އަލުން އިމާރާތްކުރުމަށް 10 މިލިއަން ރުފިޔާ، އިލްމީ ފޮތް ލިޔަން ބޭނުންވާ ފަރާތްތަކަށް ފަސް މިލިއަން ރުފިޔާއާއި އަދި އެމްއެމްޔޫގެ މުވައްޒަފުން ކުރިއަށް ގެންދާ އެކިއެކި ދިރާސާތަކަށް ކޮންމެ އަހަރަކު ވެސް ފަސް މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ.

އެމްއެންޔޫގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ދައުލަތުގެ ޔުނިވަސިޓީ ތަކުން އާންމު ގޮތެއްގައި ހަރަދުކުރާނީ އެފަދަ ޔުނިވަސިޓީތަކަށް ލިބޭ އާމްދަނީ 16 ޕަސަންޓް ކަމަށެވެ. އެކަމަކު އެމްއެންޔޫ އަށް ލިބޭ އާމްދަނީގެ ތެރެއިން 21 ޕަސަންޓް އަހަރަކު ހަރަދުކުރާ ކަމަށް ވިދާޅުވި އެވެ. އޭގެތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ ޔުނިވަސިޓީގެ އިމާރާތްތަކުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަށް ވެސް ބޮޑު ހަރަދެއް ހިނގާ ކަން ފާހަގަކުރައްވާ ހަސަން ހަމީދު މުސާރަ ދެނީ ދައުލަތުގެ ބަޖެޓުން އެމްއެންޔޫއަށް ހާއްސަކުރާ ފައިސާ އިން ކަމަށެވެ.