ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

މި މައްސަލައިގައި ހުލާސާ ބަޔާންވެސް އިއްވާ ނިމިފައިވަނިކޮށް އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބޭއްބުމަށް ނިންމާ އެކަން ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށް ވަނީ އަންގާފައެވެ. އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ އެކަން ޔަގީން ކޮށްދެއްވާފައެވެ.

ޖަމީލް ވިދާޅުވީ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގެ ތަފްސީލެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް އޮކްޓޫބަރު ފަސްވަނަ ދުވަހު އޮތް އަޑުއެހުމުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަދުލުގެ ދިގު މަރުހަލާ ފެށެނީ ތަހުގީގު މަރުހަލާއިން ކަމަށެވެ. ފަނޑިޔާރުންގެ ނިޔާގެ މުގުރު ނަންގަވާއިރު ވަށައިގެންވާ ހުރިހާ ކަންކަމަކަށް ބެއްލެވުމަށް އެދިވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ޝުއޫރުތައް އެއްސެވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އޭސީސީގެ ރައީސް ހަސަން ލުތުފީ އަދި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ ބަޔާނުގައި އެމަނިކުފާނާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ތަހުގީގު މަރުހަލާގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އެމަނިކުފާނު ތަހުގީގަށް ދެއްވި ބަޔާނުގައި ވޮޑުމުލާ ކުއްޔަށް ދީގެން ހޯދާފައިވާ ފައިސާ އާއި ގުޅުންހުރި އެއްވެސް ވާހަކައެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އެއްވެސް ކަމެއްް ސާފުކުރަން ސުވާލެއް ވެސް ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ގޮތް ކަނޑައަޅާއިރު މިކަންކަމަށް ރިއާޔަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ދައުލަތުގެ ފަރާތުން އަދުލުގެ ނިޒާމަށް އަތް ބޭނުމަށްޓަކައި ކޮށްފައި ހުރި މަސައްކަތް މި ފެންނަނީ. މީގައި ގާނޫނީ ނުކުތާއެއް އިންސްޓިލް ކުރާކަށް ދައްކާ ވާހަކައެއް ނޫން މީކީ، މިއީ ޝައްކުން ފުރިފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މައްސަލައެއް،" ރައީސް ޔާމީން އެ ދުވަހު ވިދާޅުވި އެވެ.

މީގެ އިތުރުން މުޅި މި މައްސަލައިގައި ޖިނާއީ އޮޑިޓެއް ހެދިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެސްއޯއެފް އާއި އެމްއެމްޕީއާރްސީ ހިމެނޭހެން ޖިނާއީ އޮޑިޓެއް ހަދަން ޖެހޭނެ ކަމަށާއި އެހެންކަމުން އެމަނިކުފާނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭކަން ސާބިތުވާ ކަމަށް ވިދާޅުވި އެވެ.

މިއީ "ސިލެކްޓިވް ޑިސްކްރިމިނޭޝަން ޕްރޮސެކިއުޝަން" އެއް ކަމަށްވެސް ވިދާޅުވި އެވެ.