ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އޮންނާނެ: ރައީސް

ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިގްތިސާދަށް ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގެއްލުން ބޮޑު ކަމަށެވެ. ކޯވިޑްގެ ބަލިމަޑުކަމަށްފަހު އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި އިގްތިސާދު ރަނގަޅުވާން ފަށާފައިވާއިރު މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ނިސްބަތް ހުރީ ކޮވިޑްގެ ކުރިން އާންމުކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައި ބަލާއިރު 70 އިންސައްތައިގައި ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައިވިޔަސް މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން. ނަމަވެސް އުންމީދުގެ ހުޅުކޮޅެއް ލޮލުކޮޅުން މިހާރު އެބަ ފެނޭ. މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ ކޯވިޑުގެ ކުރިން އާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު 70 އިންސައްތައިގައި،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑްގެ ސަބަބުން ކުރިމަތިލާންޖެހުނު ގެއްލުންތައް ފޫބައްދައި އިގްތިސާދު ދެމެހެއްޓުމުގައި ވިޔަފާރިތަކުން އަދާކުރި މުހިންމު ދައުރު ވެސް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ބޮޑެތި ވިޔަފާރިތަކާ ކުދި ވިޔަފާރިތަކަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

"ކޯވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދިނިން. ބޮޑެތި ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައިން. އަދި ހަމަ އެ ދަތި ހާލުގައިވެސް، އިގްތިސާދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން. އައު ވިޔަފާރިތައް ރާއްޖޭގެ އިގްތިސާދަށް ނެރެދިނުމަށްޓަކައި ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.

ކޯވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދިނިން. ބޮޑެތި ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައިން. އަދި ހަމަ އެ ދަތި ހާލުގައިވެސް، އިގްތިސާދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން. އައު ވިޔަފާރިތައް ރާއްޖޭގެ އިގްތިސާދަށް ނެރެދިނުމަށްޓަކައި ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ހަފްލާގައި އެވޯޑް ހާސިލްކުރި ވިޔަފާރިތަކަކީ އީޖާދީ އުފެއްދުންތެރިކަމާއެކު ކުރިމަގަށް ވިސްނައިގެން ހިންގާ ނަމޫނާ ވިޔަފާރިތަކެއް ކަމަށް ވިދާޅުވިއެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުންޏެއް ހޮވައި ދޭ އެވޯޑެކެވެ. މިރޭގެ ހަފްލާގައި މި ފަހަރު މިއެވޯޑް ހާސިލުކުރި 100 ކުންފުންޏަށް އެވޯޑް ހަވާކުރެވުނެވެ. އަދި މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ގޯލްޑް 100" މެގަޒިން ރަސްމީގޮތުން ނެރެދެއްވާފައެވެ. މީގެ އިތުރުން މި ހަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޙާޞިލުކުރި ދެ ބޭފުޅުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

"ގޯލްޑް 100 ގާލާ" ހަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާފަރާތްތަކަށްވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. މި ހަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯ އިންނާއި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވިއެވެ.