ނޮވެންބަރު 17، 2018 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ ހާލަތު މި ފަހުގެ ތާރީހެއްގައި ނުދެކޭ ފަދަ ދެރަ ހާލަތެއްގައި ވަނިކޮށެވެ. ރާއްޖޭގައި ސިޔާސީ ހަމަޖެހުން އޮތީ ގެއްލިފައެވެ. ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށް ދީފައިވާ އެތައް ހައްގެއް ވަނީ ހިފަހައްޓާފައެވެ. ބައެއް ހާލަތްތަކުގައި އެ ހައްގުތައް ދައުލަތުން އިސްވެ ނިގުޅައިގަންނަނީ އިންތިހާ އަނިޔާވެރި ކަމުގައެވެ. ރައްޔިތުންގެ ތާއީދާއި ލޯބި އޮތް ސިޔާސީ ލީޑަރުން ތިއްބެވީ ހުރަގޭގައެވެ. ސިޔާސީ ދައުވާތަކާއި ޝަރީއަތްތަކުން ޝަރުއީ ނިޒާމަށް އޮތް އިތުބާރު އޮތީ ގެއްލުވާލާފައެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަނެ އެ ހައްގުގެ ބޭނުން ހިފައިފި ކޮންމެ ރައްޔިތަކަށް އަދަބު ދެއެވެ.
އިޖްތިމާއީ ހާލަތު ގޯސްވެ މުޖްތަމައުގައި އޮތީ ބިރުވެރިކަން އުފެދިފައެވެ. ގޭންގު ކުށްތަކާއި ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތައް އާންމުވެފައިވަނީ މުޅި މުޖްތަމައު ބިރުގަންނަ މިންވަރަކަށެވެ. މާރާމާރީތަކުގައި އެތައް ބައެއް މަރާލާފައިވެއެވެ. މިފަދަ އެތައް ސަބަބުތަކާއި ގުޅިގެން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އޮތީ ނިކަމެތިވެފައެވެ. އެ ނޫން ހާލަތަކަށް ބަދަލުވުމަށް ރައްޔިތުން ތިބީ އެދިއެދިއެވެ.
އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންގެ އެ އުންމީދުތައް ހާސިލުކޮށް ދެެއްވުމަށެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދިން ހައްގުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފޭނެ ގޮތް ހަމަޖެއްސުމަށެވެ. އިޖްތިމާއީ ހާލަތު ރަނގަޅުކޮށް އަމާން ވެއްޓެއް ގާއިމުކޮށް ދިނުމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ އަހަރެއް ނިމިގެންދިޔައިރު އެ ދާއިރާތަކުން ސަރުކާރު ހޯދާފައިވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެކެވެ. ނަމަވެސް އެ ކާމިޔާބަށް ވާސިލުވުމަށް ސަރުކާރުން ކުރި މަސައްކަތާއެކު ކުރިމަތިވި އެތައް ގޮންޖެހުންތަކެއް ވެއެވެ. ހާއްސަކޮށް މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާން ޖެހުނު މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އެ މަސައްކަތުގައި ސަރުކާރުން ހޯދި ކާމިޔާބަކީ ދުނިޔޭހެ ފެންވަރުގެ ކާމިޔާބެކެވެ.
ކޮވިޑްގެ ބަލިމަޑުކުން އަރައިގަތުން
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ވަނީ އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އަޅާފައެވެ. ރައްޔިތުންނަށް ބޭނުންވާނެ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ހާއްސަ އިސްކަމެއް ދީ މަސައްކަތް ފެށިއެވެ. ކޮވިޑްއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާ ބަލި ދެނެގަވޭނެ ވަސީލަތްތައް ގާއިމުކުރިއެވެ.
އޭގެ ކުރިއަށް ބައިނަލްއަގްވާމީ މުޖްތަމައުއާއެކު ސަރުކާރުން އުފެއްދި ހަރުދަނާ އަަދި ވަރުގަދަ ގުޅުންތަކުގެ ސަބަބުން ބައިނަލްއަގްވާމީ ދުނިޔޭގެ ވަރަށް ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ލިބިގެންދިޔައެވެ. ދުނިޔޭގެ ގައުމުތަކުން އެހީތެރިކަން ހޯދަން ސަރުކާރަށްވީ ފަސޭހަ ކަމަކަށެވެ. ޓެސްޓް ކިޓާއި ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި ފެސިލިޓީތައް ގާއިމުކުރުމަށް ކުރެވުނު މަސައްކަތަށް ބައިނަލްއަގްވާމީ ދުނިޔޭގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް ބައްޔަށް ހޭލުންތެރިކުރުވުމަށް ސަރުކާރުން ވަނީ ކާމިޔާބު މަަސައްކަތްތަކެއް ކޮށްފައެވެ. ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު އުފައްދާ އެ ސެންޓަރު މެދުވެރިކޮށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ އެހީގައި މަސައްކަތް ފެށިއެވެ. ދުނިޔެ ބަންދުވީ ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާޑާއި އެ ނޫންވެސް އަސާސީ ހުރިހާ ތަކެއްޗެއް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ރާއްވަވާފައެވެ. މިއަދާ ހަމައަށްވެސް އެއިން ކަމަކަށް ބުރޫނާރާ ކުރިއަށް ގެންދެވުމަކީ އެންމެ ބޮޑު ކާމިޔާބެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށުމާއެކު ކޮވެކްސް ފެސިލިޓީގައި ރާއްޖެ ބައިވެރިވެ ވެކްސިންގެ ޔަގީންކަން ހޯދިއެވެ. އަދި ވެކްސިން އުފައްދާ ގައުމުތަކާއެކު އެއްބަސްވުންތައް ގާއިމުކޮށް ވެކްސިން ލިބޭނެ ކަމުގެ ކަށަވަރުކަން ހޯދިއެވެ.
މި ހާލަތުގައިވެސް ދުނިޔެ ރާއްޖެ ބަލައިގަތީ ވަރަށް މަތީ ދަރަޖައަކަށެވެ. ދިވެހީންގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ލިބޭނެ އިންތިޒާމު ހަަމަޖެހިގެން ދިޔައީ ގައުމުތަކާ އޮތް ހަރުދަނާ ގުޅުމުގެ ސަބަބުން ހިލޭ އެހީގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. ވެކްސިންގެ ވަރަށް ބޮޑު ސްޓޮކެއް ހޯދި ކާމިޔާބު ކަމާއެކު އެ މަސައްކަތް ހިންގުނެވެ. މިއަދު ސުކޫލަށްދާ އާބާދީގެ ވެކްސިން ޖެހޭ ހުރިހާ ދަރިވަރުން އެ ތިބީ ވެކްސިން ފުރިހަމަ ކޮށްގެންނެވެ. މުޅި އާބާދީގެ 261،000 ވުރެ ގިނަ މީހުން ވެކްސިންގެ ޖަހާފައިވެއެވެ. ވެކްސިން ދިނުމުގައި ބިދޭސީން ތަފާތުނުކޮށް ރާއްޖެ ދުނިޔެއަށް ދެއްކީ ނަމޫނާއެވެ. އަދި މިއަދު ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް ވަނީ ފެނިފައެވެ.
ކޮވިޑާއެކު ދުނިޔެ ހުއްޓުމުން އެންމެ ބޮޑު އަސަރެއް ކުރީ އިގްތިސާދީ ދާއިރާއަށެވެ. އަދި އިޖްތިމާއީ ދާއިރާއަށް ލިބުނު ގެއްލުންވެސް އިންތިހާ ބޮޑުވިއެވެ. ކޮވިޑާ ގުޅިގެން ދުނިޔެ ބަންދެއްގެ ތެރެއަށް ދިއުމުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އިގްތިސާދު ހުއްޓުމަކަށް ގެންނަން ޖެހުނެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައި ނާރު ކަމަށްވާ ޓޫރިޒަމް އެއްކޮށް ހުއްޓި އާމްދަނީ ލިބޭނެ މަގުތައް ބަންދުވިއެވެ.
ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ޓޫރިޒަމް ފަށައިގަނެވުނެވެ. އެ ދާއިރާގެ މުވައްޒިފުންނަށް ވެކްސިން ދިނުމަށް ހާއްސަ ކެންޕެއިނެއް ފެށި އިގްތިސާދު ހިންގޭނެ މަގު ތަނަވަސްކުރިއެވެ. އެހެން ކަމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ރިސޯޓްތައް އަލުން ހުޅުވި ހިދުމަތަށް ނެރެވުނެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަން އެ ވަނީ ކޮވިޑްގެ ކުރީން އޮތް ހާލަތަށް ރުޖޫއަވުމުގެ މަގުމަތީއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޓޫރިޒަމް އެންމެ ރަނގަޅު ދުވަސްތަކުގެ 70 އިންސައްތައަށް މިހާރު ވާސިލުވެވިއްޖެ އެވެ.
އިޖްތިމާއީ ދާއިރާއިން ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ ތައުލީމީ ދާއިރާއަށް އައި ހީނަރު ކަމެވެ. ނަމަވެސް ކޮވިޑާއެކު އައި ހުއްޓުމުގައި ތައުލީމީ ދާއިރާއަށް ގެއްލުންވިޔަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާ ތައުލީމީ އަހަރު ކާމިޔާބު ކަމާއެކު ނިންމާލިއެވެ.
އަދި ސުކޫލުތަކަށް އަލުން ހާޒިރުވެ ކިޔަވަން ފެށޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހުނެވެ. ކޮވިޑަށް ފަހު އެންމެ ފުރަތަމަ ސުކޫލުތައް ހުޅުވާ ކިޔަވައިދޭން ފެށި 10 ގައުމުތަކުގެ ތެެރޭގައި ރާއްޖެ ހިމެނުނެވެ. ކޮވިޑް ވެކްސިން ފުރިހަމަކޮށް ރާއްޖޭގެ ތައުލީމީ އާބާދީގެ ބޮޑު ބައެއް ސުކޫލުތަކަށް ހާޒިރުވެ ކިޔަވާތާ މަސްތަކެއް ފާއިތުވެއްޖެ އެވެ. މިއީ ބައިނަލްއަގްވާމީ ފެންވަރުގެ ކާމިޔާބެކެވެ.
ހައްގުތައް ކަށަވަރުކޮށް ދިނުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވި ކަންކަމުގެ ތެރޭގައި ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް އެ ރައްޔިތުންނަށް ފުރިހަމައަށް ލިބިދެވޭތޯ ޔަގީން ކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވިއެވެ. އެގޮތުން ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ ހައްގު ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނެވި ގެންނެވުން ފާހަގަކޮށްލެވެއެވެ.
ވެރިކަމަށް ވަޑައިގެން އެމަނިކުފާނު އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ބިލަކީ "އަބުރުގެ ގާނޫނު" އުވާލުމުގެ ބިލެވެ. އެއީ ނިމިދިޔަ ސަރުކާރުން އަސާސީ އެތައް ހައްގުތަކެއް ހަނިކުރުމަށް ގަސްތުގައި ރާއްވާ ފާސްކުރި ގާނޫނެކެވެ. އަދި އެއްވެ އުޅުން ހަނިކޮށް ސިޔާސީ ހަރަކާތްތަކަށް ކަށަވަރުކޮށްދީފައި އޮތް ޖާގަތައް މުޅީން ހަނިކުރިއެވެ.
ސަރުކާރުން ވަނީ ސިޔާސީ ހަރަކާތްތަކަށް ގާނޫނުގައި އޮތް އެންމެ މަތީ މިންވަރަށް ފުރުސަތު ފަހިކޮށްދީފައެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރެލީތަކާއި އިހުތިޖާޖުތައް އަދި އެއްވުންތަކާއި މުޒާހާރަތަކަށް ދައުލަތުގެ އިދާރާތަކުން ދޭންޖެހޭ ހުއްދަތައް އުސޫލުގެ ތެރެއިން ދަނީ ދެމުންނެވެ. އެއިން ކަމަކަށް ސަރުކާރުން ނުފޫޒު ނުފޯރުވައެވެ. އެއީ މިއަދު އެންމެންނަށް އެނގި ހާމަވާނެ މިންވަރަށް ފެންނަން އޮތް ކަމެކެވެ. ބައިނަލްއަގްވާމީ އިންޑެކްސްގައި ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި އެ މަސައްކަތަށް ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެއަށް އޮތް ތައުރީފު ހެއްކަކަށް ފުދެއެވެ.
މީގެ އިތުރުން ޝަރުއީ ނިޒާމު މިނިވަންކޮށް ސިޔާސީ ނުފޫޒުން ރައްޔިތުންނަށް ލިބެމުންދިޔަ އަނިޔާތައް ހުއްޓުވާ އެ ހައްގު ކަށަވަރު ކޮށް ދިނުމަކީ މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ބޮޑު އިސްކަމެއް ދިން ކަމެވެ. ސިޔާސީ ނުފޫޒުން ކޯޓްތައް މިނިވަންކޮށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަނޑިޔާރުގެތަކަށް ހޯދާދިނެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ހައްގުތަކެއްް ކަށަވަރު ކުރެވިގެން ދިޔައެވެ.
އަދި ސިއްހީ ހިދުމަތުގެ ކަށަވަރުކަން ޔަގީންކޮށް ދިނުމަށް ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނައި އިންގިލާބީ ބޮޑު ބަދަލަކީ ފާހަގަކޮށްލެވޭ ބަދަލެކެވެ. ސިއްހީ ހިދުމަތް ލާމަރުކަޒުކޮށް އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ސިއްހީ ހިދުމަތުގެ ކަށަވަރުކަން ޔަގީންކޮށްދިނެވެ. ގިނަ ހިދުމަތްތަކެއް ފަސޭހައިން ގާތުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިޔައެވެ.
އެކަނިވެރި މައިންނަށްދޭ އެލަވަންސް 10،000 ރުފިޔާއާ ހަމައަށް ބޮޑުކުރިއެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް އުމުރުން 18 އަހަރު ނުވާ ކުދިންނާއި ކައިވެނިކުރުން ނިމުމަކަށް ގެނައެވެ. އަދި 18 އަހަރު ނުވާ ކުދިންނަށް މަރުގެ އަދަބު ކަނޑައެޅުން މަނާކޮށްފައިވެއެވެ.
ދަރިވަރުންގެ ނާސްތާ ޕްރަގްރާމް ފެށި 49،000 ދަރިވަރުން އެ ޕްރަގްރާމްގެ ތެރޭގައި ބައިވެރިކުރުވިއެވެ. 11،000 ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ތަނަވަސްކޮށްދީ ތައުލީމް ލިބުމުގެ ހައްގު ކަށަވަރުކޮށް ދިނެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭ ލެވެލް ފެށި ދަރިވަރުންގެ ތައުލީމީ ލޯން ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަކުރިއެވެ.
މުޖްތަމައުގެ ހަމަޖެހުން ގާއިމުކުރުން
ގޭންގު ކުށްތައް އިތުރުވެ ޒުވާން ޖީލު ކުށުގެ ވެއްޓެއްގައި އުޅެން ޖެހުމަކީ ރާއްޖޭގެ އިޖްތިމާއީ ދާއިރާއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގޭންގު ކުށްތައް އާންމުވެފައިވަނީ ބިރުގަންނަ މިންވަރަކަށެވެ. މަގުމަތީގައި މާރާމާރީ ހިންގާ އެތައް ޒުވާނެއްގެ ފުރާނަ ގެއްލިފައިވެއެވެ. ވީނުވީއެއް ނޭންގި ބައެއް މީހުން ގެއްލިފައިވެއެވެ. އިޖްތިމާއީ ހަމަޖެހުން ގެއްލި މުޖްތަމައުގައި އޮތީ ބިރުވެރިކަން އާންމުވެފައެވެ.
އެހެން ކަމުން ރައްކާތެރި މުޖްތަމައުއެއް ބިނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދިނެވެ. ވިޔާނުދާ ކަންކަމުގައި ހޭދަކުރާ ޒުވާނުން ހަމަމަގަށް ގެނެސް އެ މީހުންނަށް ފުރުސަތުތައް ހޯދާދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއެވެ. ފުލުހުންގެ ހިދުމަތް ފުޅާކޮށް އަމާންކަން ކަށަވަރު ކުރުމަށް އިސްކަމެއް ދިނެވެ.
އެކަމާއި ގުޅިގެން ގޭންގު ކުށްތައް ވަރަށް ބޮޑަށް މަދުވިއެވެ. މުޖްތަމައުގެ ހަމަޖެހުން ގާއިމު ކުރެވުނެވެ. ބިރުވެރިކަމެއް ނެތި މަގުމަތީ އުޅެވޭނެ ކަމުގެ ކަމުގެ ކަށަވަރުކަން ޔަގީންކޮށް ދިނެވެ. މާރާމާރީތައް ހުއްޓުވިއެވެ. ޒުވާން ޖީލު ހަލާކުގެ ތެރެއިން ރައްކާތެރިކުރެވުނެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި އެފަދަ ގޭންގު ކުށެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވުމަކީ މުޖްތަމައުގެ އަމާންކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ އެންމެ ބޮޑު އަދި އެންމެ އުފާވެރި ކާމިޔާބެވެ.
ކުށްތަކަށް އަރައިގަތުމަށް އެންމެ ބޮޑަށް މަގުފަހިކުރުވާ އެއްޗަކީ މަސްތުވާތަކެއްޗެވެ. މި ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ތާރީހުގައިވެސް ކޮށްފައިނުވާ ފަދަ މަސައްކަތްތަކެވެ. މަސްތުވާތަކެތި އަތުލައި ގަތުމަށާއި އޭގެ ސަޕްލައި ހުއްޓުވުމަށް ވަރަށް ހާއްސަ އިސްކަމެއް ދީ އެ މަސައްކަތް ކޮށްފައިވެއެވެ.
ވަޔާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި މިހާތަނަށް ވަނީ އަތުލައިގެންފައެވެ. ކުށްކުރުން ހުއްޓުވި މުޖްތަމައު އަމާންވުމުގައި އެކަންވީ ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށެވެ.