ވިޔަފާރި

ލަންކާގެ އެން-އޭބަލްގެ ވިޔަފާރި ރާއްޖެއަށް

Nov 17, 2021

ސްރީ ލަންކާގައި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އެން-އޭބަލް ކުންފުނީގެ ވިޔަފާރި ރާއްޖޭގައި ފަށައިފި އެވެ.

އެން-އޭބަލް ކުންފުނިން ބުނީ ޑިޒައިން ކޮންސަލްޓަންސީ އާއި އިންޖިނިއަރިންގެ ހިދުމަތްދޭ މި ކުންފުނީގެ އަމާޒަކީ ކުންފުނީގެ ތަޖުރިބާތައް ކަސްޓަމަރުންނާއި ހިއްސާކޮށް، ވިޔަފާރީގެ ތެރެއިން ފުރިހަމަ ނަތީޖާތަކާއި ހަމައަށް ވާސިލުވެ، ވިޔަފާރީގެ ފެންވަރު ރަނގަޅު ކުރާނެ މަގު ކަސްޓަމަރުންނަށް ފަހި ކޮށްދިނުން ކަމަށެވެ.

އެ ކުންފުނިން ބުނީ އުމްރާނީ ވަސީލަތްތަކާއި އެޕްލިކޭޝަންގެ ދާއިރާ ތަކަށް ބޮޑު އިސްކަމެއް ދީގެން ޑިޒައިންގެ ދާއިރާ އިން ވަށައިޖެހޭ ހައްލުތައް ފޯރު ކޮށްދިނުމަށްޓަކައި އެން-އޭބަލް އިން ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއެކު ޕާޓްނާޝިޕް ހަދާނެ ކަމަށެވެ.

އެން-އޭބަލް އަކީ ކަންކަމަށް ބޭނުންވާ ހައްލުތައް ޑިޒައިން ކޮށްދިނުމާއި، ތަންފީޒު ކުރުމުގެ ގާބިލުކަމާއި ވަސީލަތްތައް ހުރި ކުންފުންޏަކަށްވުމުން، ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންގެ ބެނުންތައް ފުއްދައިދިނުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ.

އެން-އޭބަލްގެ ސީއީއޯ އަސަންކާ ބިމާލް ރާޖަސިންހަ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގައި ވިޔަފާރި ފުޅާ ކުރުން ކަމަށާ، ރާއްޖޭގައި ހިދުމަތް ފެށުމަކީ އުފަލެއް ކަމަށެވެ.

ދެހާސް އަށް ވަނަ އަހަރު އުފެދިގެން އައި އެން-އޭބަލް ކުންފުންޏަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކޮނޮލޮޖީގެ ތަފާތު ހިދުމަތްތައް ފޯރުކޮށްދީ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ ޓެލެކޮމް، ބޭންކިން އަދި ފައިނޭންޝަލް، ސަރުކާރު، އަދި އެންޓަޕްރައިޒްގެ ދާއިރާތަކުން ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.