އައިޖީއެމްއެޗްގެ ހުޅަނގު ފަރާތު ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒު ވިދާޅުވީ ސިޓީ ކައުންސިލަށް ކުރިން ބެލެވިފައި އޮތީ އައިޖީއެމްއެޗް ކައިރީގައި ފެން ބޮޑުވަނީ އެ ދިމާލުން ރާޅުޖަހާތީ ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލަ އިތުރަށް ބެލިއިރު ފެން ބޮޑުވަނީ އައިޖީއެމްއެޗުން ކޮންމެ ދުވަހަކު ބޭރުކުރާ ހަ ޓަނުގެ ފެނުން ކަމަށް އެނގިފައިވާ ކަމަށެވެ.
ރަމީޒު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އައިޖީއެމްއެޗުން މީގެކުރިން އެބްޑަބްލިއުއެސްސީއާއި ހައުސިން މިނިސްޓްރީއާ ވާހަކަދައްކާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ އަށް ހައްލު ލިބިފައި ނުވާތީ ސިޓީ ކައުންސިލުން އެ މަސައްކަތާ ހަވާލުވެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރިން ނޭނގި އޮތް ނަމަވެސް އައިޖީއެމްއެޗަށް އެނގޭ އެ ދިމާލުގައި ފެން ބޮޑުވަނީ އެ ހޮސްޕިޓަލުން ބޭރުކުރާ ފެނުގެ ސަބަބުން ކަން. އައިޖީއެމްއެޗްގެ ފެން ބޭރުކުރާ ޖަންކްޝަން މި އިންނަނީ ހޮސްޕިޓަލާ ދިމާލު ކާނުގަނޑާ ގުޅިފައި. އެހެންވެ އެ ދިމާލަށް އެޅޭ ފެން ކާނުގަނޑުން ބޭރު ނުވެ ފެން ބޮޑުވަމުން އެ ދަނީ،" ރަމީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ހައްލުކުރުމަށްޓަކައި އައިޖީއެމްއެޗާ ދިމާލު ބޭރުތޮށިގަނޑާއި ސިންތެޓިކް ޓްރެކާ ދެމެދުގައިވާ ކާނުތަކުގެ ތެރެއަށް 10 ޓޭންކް މިހާރު ފައްތާފައިވާ ކަމަށެވެ. މައްސަލަ މުޅިން ހައްލުކުރެވޭނީ އައިޖީއެމްއެޗާ ދިމާލުން ބޮޑު މަގު ބަންދުކޮށްލައިގެން ކަމަށްވާތީ މިރޭގެ ވަގުތެއްގައި މަގު ބަންދުކޮށްލުމަށް ވަނީ ނިންމާފަ އެވެ.
"މިހާރު އެ މައްސަލަ ހައްލުކުރުމަށްޓަކައި މިޖެހެނީ އައިޖީއެމްއެޗްގައި ފެން ބޭރުކުރަން ގާއިމުކޮށްފައިވާ ނިޒާމު ނުވަތަ އެ ހޮޅިތައް ސިޓީ ކައުންސިލުން މި ހެދި ޓޭންކްތަކާ ގުޅާލަން. އެކަން ކުރެވޭނީ މަގު ހުރަހަށް ކޮނެގެން. އެހެންވެ ކޮނުމުގެ މަސައްކަތަށް މަގު ބަންދުކޮށްފައި، ލަފާކުރެވޭނީ ކުރިއަށް އޮތް ވީކެންޑްގެ ތެރެއަށް މަސައްކަތް އެއްކޮށް ނިންމާ މައްސަލަ ހައްލުކުރެވޭނެ ކަމަށް،" ރަމީޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އައިޖީއެމްއެޗްގެ ފެން ހިންދާ ނިޒާމުގެ ތެރެއަށް ގިނަ އަދަދެއްގެ ފެން މަގުމައްޗަށް ބޭރުވަމުން ދަނީ އެ ތަނުގައި ބޭނުންކުރާ މެޝިނަރީޒްތައް ސާވިސް ނުކުރެވި ގިނަ ދުވަސްވުމުން ކޫލިން ސިސްޓަމަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
އައިޖީއެމްއެޗްގެ ހުޅަނގު ފަރާތު ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަނީ މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން އެތަނުގެ މުވައްޒަފުންނެވެ.