ބޭންކް އޮފް މޯލްޑިވްސް

ގޯލްޑް 100: ޕްލެޓިނަމް ޕާޓްނަރަކީ ބީއެމްއެލް

Nov 17, 2021

ގޯލްޑް 100 ގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި މިއަހަރުވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބައިވެރިވެއްޖެ އެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭ ގޮތުން އަހަރަކު އެއް ފަހަރު ޝާއިއުކުރާ ލިސްޓެކެވެ. މި ލިސްޓުގައި ހިމެނޭ ވިޔަފާރިތަކަށް މި އެވޯޑު ހަވާލުކޮށްފައި ވަނީ ރޭގަ އެވެ. ކްރޮސްރޯޑުގައި ރޭ ބޭއްވި ގާލާ އިވެންޓުގައި ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރިތުގެ ތެރޭގައި ބީއެމްއެލް ވެސް ވަނީ ހިމެނިފަ އެވެ.

ބީއެމްއެލް އިން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމަކީ ރާއްޖެއަށްވާއިރު ބޭންކުން ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން ފަތުުރުވެރިކަމުގެ ސިނާއަތައް ހާއްސަކޮށް ޝޯޓް-ޓާމް ފައިނޭންސިން ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނަކާއި ފައިނޭންސިންތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ބުންޏެވެ.

ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ކޮވިޑް ރިކަވަރީ ސްކީމްގެ ދަށުން ލޯނާއި ފައިނޭންސް ވެސް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ އިގްސާދާއި ވިޔަފާރިތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރާ ގުޅިގެން ފަންޑު ހޯދާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް ވަނީ ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވޭތުވެދިޔަ 2020 ވަނަ އަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

ބޭންކުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން 'ކޯޕަރޭޓް މޯލްޑިވްސް' އާ ގުޅިގެން މި އެވޯޑް ދިނުމަށް އެހީތެރިވަމުންނެވެ.