ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފައިވާ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ޝުއޫރު ފާޅުކުރާތީ ދިވެހި ސަރުކާރުން ރައްދު ދީފި އެވެ.
ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާފައިވާ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި މީޑިއާ އާއި އަދި ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފެތުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ދޭދޭ ގައުމުތަކާ ގުޅުން ބާއްވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އަދި އެއް ގައުމު އަނެއް ގައުމުން އިހްތިރާމްކުރާ މިންގަނޑުގައި ކަަމަށެވެ. އަދި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް އަސަރެއް ނުކުރާނެ ކަމަށާއި އެފަދަ ގުޅުންތަކުން ދިވެހީންނާއި ގައުމަށް ކުރާނީ ފައިދާ ކަމަށެވެ.
އިންޑިއާއާ އޮންނަ ގުޅުމާ ގުޅޭގޮތުން ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް އޮޅުމެއް ކަަމަށާއި މިއީ މަދު ދިވެހީންގެ ވިސްނުންތަކެއް ކަމަށާއި އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާ ކަަމަށާއި އަދި އިންޑިއާއިން ދަނީ މެދު ނުކެނޑި އަބަދުވެސް ދިިވެހީންނަށް ހުރިހާ ގޮތަކުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
އެގޮތުން މެރިޓައިމް ސެކިއުރިޓީއާއި ސާޗް އެންޑް ރެސްކިއުގެ މަސައްކަތްތަކާއި ސަވައިލެންސްގެ މަސައްކަތްތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ފާހަގަކޮށްފައި ވެެއެވެ.
ހަަމަ އެހެންމެ ދުނިޔެއަށް މިހާރު އަންނަމުންދާ ބަދަލުތަކާއެކު ހިއުމަން ޓްރެފިކިންއާއި ޓެރަރިޒަމް މަސްތުވާތަކެތި އަދި ކްލައިމެޓް ޗޭންޖުގެ މަސައްކަތްތަަކަށް ބައިނަލްއަގުވާމީ އަދި މި ސަރަހައްދުގެ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި އެއްވެސް ގައުމަކަށް އެކަނި މިފަދަ މައްސަލަަތަކަށް އެޑްރެސް ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން އަވައްޓެރި އަދި ބައިނަލްއަގުވާމީ ގައުމުތަކާ އޮންނަ ގުޅުމަށް އަސަރުކުރާ ފަދަ ދޮގު މައުލޫމާތު ނުފަތުރައި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރުމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ގޮވާލައިފައި ވެއެވެ. އަދި މީީޑިއާތަކުން ހަަބަރު ރިޕޯޓްކުރާ އިރު ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑުތަަކަށް ފެތޭގޮތަށް ހަބަރުތައް ޝާއިއުކުރުމަށް އިލްތިމާސް ކުރައްވައިފައި ވެއެެވެ.
އިންޑިއާއާ އައުޓްއާ ގުޅޭ ގޮތުން ސަރުކާރުން ވާހަކަ ދެއްކިއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮންމެ ހަފްތާއަކުހެން އިންޑިއާ އައުޓްގެ ނަމުގައި މުޒާހަރާކުރަމުން ނެވެ.