އެމްއެމްޕީއާރްސީ

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާގެ މެންބަރުކަން އެމްއެމްޕީއާރްސީއަށް

Nov 17, 2021

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާގެ މެންބަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ވެއްޖެ އެވެ.

ޓްރެވްމީޑިއާ އަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ހަބަރާއި މައުލޫމަތު ފެތުރުމުގައި ހަރަކާތްތެރިވާ އަދި ޕީއާރް ޕްރޮފެޝަނަލުންނާއި މީޑިއާތަކުގެ އިތުބާރު ބޮޑު ނެޓްވޯކެކެވެ.

އެމްއެމްޕީއާރްސީން ޓްރެވްމީޑިއާގެ މެންބަރުކަން ހޯދީ ޗުއްޓީ ހެދުމަށް އޮސްޓްރޭލިއާ އިން އެންމެ ގިނައިން ދަތުރުކުރާ މީހުންނާ ގުޅުން ބަދަހިކޮށް ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އޮސްޓްރޭލިއާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޭނުމުގަ އެވެ.

ޓްރެވްމީޑިއާގެ މެންބަރުކަން އެމްއެމްޕީއާރްސީއަށް ލިބުމާ ގުޅިގެން ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓުހައުސްގެ އިތުރުން ލިވްއަބޯޑުތަކަށް އޮސްޓްރޭލިއާގައި މާކެޓް ހޯދައިދީ އިޝްތިހާރު ކުރުމަށް ފަސޭހަވާނެ ކަމަށް އެމްއެމްޕީއާރްސީން ދެކެ އެވެ.

މީގެއިތުރުން ޓްރެވްމީޑިއާގެ މެންބަޝިޕާ އެކު އޮސްޓްރޭލިއާގައި ރާއްޖެއަކީ އަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުވެފައި އޮތް އޮތުމަށް ބަދަލެއް ގެންނަން ފަސޭހަވާނެ ކަމަށްވެސް އެމްއެމްޕީއާރްސީ ބުނެ އެވެ.

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާ އަކީ ދުނިޔޭގެ ނުވަ ގައުމެއްގައި 12 އޮފީހެއް ހިންގަމުންދާ ބައެކެވެ.