"އޯވަޑްރޯ" ފެސިލީޓީގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީގައި މިއަދު ހިޔާލު ތަފާތުގެ ކޯޅުމަކަށް ގޮސްފި އެވެ.
ވަގުތުން ދައްކަމުން ދިޔަ މާލިއްޔަތު ކޮމެޓީގައި އެމްއެމްއޭގެ ފަރާތުން ބައިވެރިވަޑައިގަތީ ގަވަރުނަރު އަލީ ހާޝިމް އާއި ޑެޕިއުޓީ ގަވަރުނަރު އިމާދު އެވެ. އަދި ސަރުކާރުގެ ފަރާތުން ބައިވެރިވަޑައިގަތީ މިނިސްޓަރު އިބްރާހިމް އަމީރު އާއި ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަހްމަދު ޝަރުވަޝް އެވެ.
ކޮމެޓީގައި އެމްއެމްއޭގައި ފިނޭންސް މިނިސްޓްރީ ހިޔާލު ތަފާތުވީ އޯޑީ ފެސިލީޓީ ދެއްކުމާއި ދައްކާއިރު ހިމަނާނެ ޕަސެންޓޭޖުގެ މައްސަލަ އާއި އިތުރު މުއްދަތެއް ލައި މި ފެސިލީޓީ ސިއުރިޓައިޒް ކުރުމާމެދުގަ އެވެ. މި މައްސަލަ ބޮޑަށް ހޫނުވީ މެންބަރުން މީގެ ތެރެއަށް "ވަދެ" ވާހަކަ ފެށުމުންނެވެ.
ކޮމެޓީގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މީގެ ކުރިން ވެސް ހަ ބިލިއަންގެ ދޫކޮށްފައިވާ އެހެންވެ މިހާރުގެ ގޮތުން ބަލާނަމަ އިތުރު މައްސަލަ ތަކެއް ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"މިހާރު ސެކިއުޓައިޒްކޮށްފަ އެބައޮތް ހަ ބިލިއަން. އަނެއްކާ އިކޮނޮމީ އަށް އިތުރު ތިން ބިލިއަން ޕަންޕު ކުރަނީ. އެހެންވެ މީގެ އަސަރު ކުރާނެ. މީގެ އަސަރަކީ އެކްސްޗޭންޖު ރޭޓް ތެރެއިން ލާފަ ޕްރައިސް އިންފްލޭޝަނަކަށް [މުދަލުގެ އަގު އުފުލިގެން] ދާނެ ކަމަށް ބެލެވެނީ،" ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ހާޝިމް ވިދާޅުވި އެވެ.
ކޮމެޓީގައި އެމްޑީޕީގެ މެންބަރުން ވަނީ މި ސަރުކާރުގެ ދިފާއުގައި ވަރަށް ނޫހުކޮށް ވަކާލާތުކޮށް، ދިފާއުކޮށްފަ އެވެ. މިގޮތުން އެންމެ ބޮޑަށް ސަރުކާރު ދިފާއުކޮށް ވާހަކަ ދެއްކެވި އެއް މެންބަރަކީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ.
ޝަރީފު ވިދާޅުވީ ގަވަނަރު ވިދާޅުވި ހަ ބިލިއަން ރުފިޔާއަކީ އެކްސްޗޭންޖު ރޭޓަށް ކުރާނެ އަސަރެއްކޮށް ނިމިފައިވާ އެއްޗެއް ކަމަށާ އޭގެން ކުރާނެ އިތުރު އަސަރެއް ނެތް ކަމަށެވެ.
"ތިޔަ ބޭފުޅުން [އެމްއެމްއޭ] ގެ ބެލެންސް ޝީޓް އަށް އަސަރު ނުކުރާނެ. ރައްޔިތުން އޭގެ ޕޭކޮށްފައި ހުރި އެއްޗެއް. އެ އަށް އަޅުގަނޑުމެން [މެންބަރުން] ގެ އެހާ އިންޓްރެސްޓެއް ނެތް،" ގަވަރުނަރު ހާޝިމްއަށް ރައްދު ދެއްވައި، ޝަރީފު ވިދާޅުވި އެވެ.
މި ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަމީރު ވަނީ "އިންޒާރު" ދޭ ރާގަކަށް ވާހަކަ ދައްކާފަ އެވެ. މިނިސްޓަރު ވަނީ އޯޑީ ފެސިލީޓީ ސަރުކާރުން އެދޭ ގޮތަށް ހަމަ ނުޖެހިއްޖެނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ވާހަކަ އަށް ރައްދު ދެއްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވަނީ މިނިސްޓަރު އެ ވާހަކަފުޅަނީ އެހާ ގަޔާވާ ވާހަކަފުޅެއް ނޫން ކަމަށެވެ.
"ދެހާސް ވިހިވަނަ އަހަރު މިނިސްޓަރު ވިދާޅުވި އޭރު ދެއްކޭނެ ކަމަށް. މިއަދު އެހާ ކޮންފަޓަބަލްއެއް ނޫން މިވެނިކަމެއް ހުއްޓާލަން ޖެހޭނެއޭ. ނޫނީ މުސާރަ ކުޑަ ކުރަން ޖެހޭނެއޭ ބުނީމަ. ކިހިނެއް ތޯ މިވީ؟" ޔާސިރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ 2020 ގައި ކޮވިޑާ ދިމާވިއިރު ފުރަތަމަ ވާހަކަ ދެއްކީ ހަތަރު މަސް ތެރޭ ނިމިގެންދާނެ ކަމަށް ކަމަށާ، އޭރު އެއްވެސް ބަޔަކު މިހާރު ބޮޑު ފައިނޭންޝަލް ކްރައިސްއެއްގެ ގޮތުގައި ނުބަލާ ކަމަށެވެ. ނަމަވެސް މުޅި ދުނިޔެ ހީކުރި ގޮތާ މުޅިން ތަފާތުކޮށް ބަދަލު ވެގެން ގޮސް ރާއްޖޭގެ އާމްދަނީ އަށް ހީނަރުކަން އައިސްފައިވާ ކަމަށާ ނަމަވެސް މިހާރު އެކަން ހަމައަކަށް އެޅެމުންދާ ކަމަށެވެ.
"މިހާރު ހުށަހެޅުން މި ހުށަހަޅަނީ އޭރު ލިބުނު އިގްތިސޯދީ ކުރިއެރުން އިތުރަށް ކުރިއަށްގެންދަން. އަޅުގަނޑުމެން އެންމެ ރަނގަޅަށް ކުރަން އިކޮނޮމިކް ފޮތުގައި އޮންނަ ގޮތަށް ކަން ކުރަން ހިފައިފިނަމަ ދެން ޖެހޭނީ ރާއްޖޭގެ އިގްތިސޯދު ދަށަށް ދާން. އެކަން ކުރަން އަޅުގަނޑު ކައިރީ ބުނަންނަމަ ޖެހޭނީ ބަޖެޓު ކުޑަ ކުރަން. މިއީ އާދައިގެ ކަމެއް ނޫން،" އަމީރު ވިދާޅުވި އެވެ.