ރަންދިހަފަހެއް

އާ ނޫޓުތައް ބޭނުން ކުރަން ފަށަން ތައްޔާރުވެފައި

Dec 8, 2015
  • ރަންދިހަ ފަހެއްގެ ނޫޓުތައް މިމަހު ބޭނުން ކުރަން ފަށާނެ
  • ނޫޓުތައް ޗާޕުކުރީ އިނގިރޭސިވިލާތުގެ ޑިލާރޫއިން
  • މުޅިން އަލަށް 1،000ރ. ގެ ނޫޓެއް ނެރޭނެ

"ރަންދިހަ ފަހެއް" ގެ އާ ނޫޓުތައް ބޭނުން ކުރަން ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މުޅިން އަލަށް ރާއްޖޭގައި ސާކިއުލޭޝަޓް ކުރަން ފަށާ ފުރިހަމަ ނޫޓުތައް ބޭނުންކުރަން ފެށުމުގެ ގޮތުން އެމްއެމްއޭ އިން ދަނީ މި ނޫޓުގެ ހިމަނާފައިވާ ސިފަތަކުގެ މައުލޫމާތު ދިނުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މި ހަރަކާތްތައް ބޭއްވުމަށްފަހު، މިހާރު ވަނީ މުޅި ރާއްޖެއަށް މި ހަރަކާތް ފުޅާކޮށްފަ އެވެ.

"ރަންދިހަ ފަހެއް" ގެ އާ ނޫޓުތައް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅު އެވެ. ނަމަވެސް ސީދާ ތާރީހެއް އަދި މަރުކަޒީ ބޭންކަކުން ނުބުނެ އެވެ.

މަރުކަޒީ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ ރަންދިހަ ފަހެއްގެ ނޫޓަށް ހޭލުންތެރި ކުރުމަށް އަތޮޅުތަކުގައި ހިންގާ ހަރަކާތްތައް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

"އެ ކަމަށް ކުރަން ޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މި ނޫޓުތައް ފަރުމާކޮށްފައިވަނީ ދިވެހި ފަންނުވެރިއެއް ކަމަށްވާ އަބްދުﷲ ނަޝާތު އެވެ. ޕޮލިމާ ކަރުދާހުގައި ހަދާފައިވާ މި ނޫޓުތަކަކީ އެންމެ ފެންވަރު ރަނގަޅު ނޫޓުތަކަށް ވުމުގެ އިތުރުން އެ ނޫޓުތަކުގެ ވަގު ކޮޕީއެއް ނުހެދޭނެ ކަމަށް ނޫޓުތައް ޗާޕުކޮށްފައިވާ އިނގިރޭސިވިލާތުގެ ޑިލާރޫއިން ބުނެފައިވެ އެވެ.

މިނިވަން 50އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެވެ.

މަރުކަޒީ ބޭންކުންދަނީ އާ ނޫޓުތައް ޗާޕު ކޮށްގެން ރާއްޖެ ގެންނަމުންނެވެ.