ވާހަކަ

ސިއްތާ

(16 ނޮވެމްބަރ 2021 އާ ގުޅޭ)

ސަލީމާ ދެއަތްތިލަ ޖައްސާލައި ތުންފަތާ ހަމައަށް ދެއަތްތިލަ އުފުލާލުމާއެކު އިނގިލިތަކުގެ ކޮޅުތައް ތުންފަތުގަ ޖައްސާލިއެވެ. އޭނާ ލަމްހާގެ ގާތުން އާދޭސްކުރާ ކަހަލައެވެ.

މަޣްރިބު ނަމާދުކޮށްގެން ލަމްހާ ކޮޓަރިން ނުކުތެވެ. ފިހެން އުޅުނު ކުކުޅު އަވަނަށް ލާން ތައްޔާރު ކުރާން ބަދިގޭގައި އޭނާ ހަރަކާތްތެރިވަމުންދިޔައެވެ. އީހާނާއި ނީރާ ފެންނަން ނެތުމުން އެ ކުދީންވީ ކޮޓަރީގަކަން އޭނާއަށް އެނގެއެވެ. އެކަނި ހުންނަން ޖެހުމުން ލަމްހާއަށް ހަނދާންވީ ހަވީރު ސަލީމާއާ ދެމެދުގަ ދެކެވުނު ވާހަކަތަކެވެ. އެ ވާހަކަތަކަށް ލަމްހާ ދިން ރައްދެވެ.

"ނަސްރާއާއި ރިޔާޒުގެ ދަރިފުޅު އެއީ. އެކަމަކު ތިމާގެކަން ބާއްވަން މިހާރު މާ ލަސްވެއްޖެ. އަހަރެންގެ ކައިރިއަކުން ނޫން މަޢާފަށް އެދެންވީ. ކަންކަން އެނގޭ ވަރަށްވުރެ އެ ދަރިފުޅު އޭރު މާކުޑަ. އެހެންވީމަ އޭނާ މިކަމުގެ ތެރެއަށް ނުވައްދާ ދުރުގަ ބަހައްޓާ... ސަލީމާ... އަހަންނަށް ފެންނަ ގޮތުގަ އެންމެ ރަނގަޅުވާނީ ކުރީން ވެސް އަހަރެމެން އުޅުނުހެން އުޅުނިއްޔާ. ނުދަންނަ ބީރައްޓެހިން ފަދައިން. ތިގޮތަށް މިގެއަށް އަންނާކަށް އަހަރެން ގަބޫލެއްނޫން. މިހާރު އެނގިއްޖެއެއްނު އެ ކުއްޖާ ދުނިޔޭގަ އެބަހުރިކަން. ދެން ދޭ... އޭނާއާ ތިއާއިލާއިން ދައްކާނެ ވާހަކައެއް ނޯންނާނެ. ތިމާގެކަން އޮތިއްޔޭ ކިޔާފަ އެކުއްޖާއަށް ޓަކައި ތިއާއިލާއިން އެކައްޗެއް ވެސް ބޭނުމެއްނޫން."

"ލަމްހާއަށް އެނގޭތަ އެމަންޖެ އިންނަން އެ އުޅެނީ އަހަރެންގެ އުޝާއާ އިނދެފައި ހުރި ޒުވާނާޔާކަން." ސަލީމާ މިހެން ބުނީ ލަމްހާއަށް އެނގިފައި އޮތްތޯ ބެލުމަށެވެ. އޭނާ ކުރީން ބުނިހެން އޭނާގެ ދަރިފުޅާއި ނީރާއަކީ ރައްޓެހިންކަން ބުނެދިނުމަށެވެ. އެކަމުން ފައިދާއެއްކޮށްފާނެތީއެވެ.

"އަހަންނަށް އެނގެންޖެހޭ މިންވަރަށް ހުރިހާ ކަމެއް އެނގިފަ އޮތީ. އެހެންވީމަ ތިއައީ ކައިވެންޏަށް ހުރަސް އަޅަން ދޯ. އުޝާއަށް ދިރިއުޅުމެއް ނުލިބުނީމަތަ؟." ލަމްހާ ކައިރިއަށް އައީ ރުޅިއެވެ. ނީރާއާއި ލައިޒަލްއާ ގުޅުވައި ސަލީމާ ވާހަކަދެއްކީމައެވެ. އެ ދަރިފުޅަށް ސަލީމާގެ އެސްފީނާ ޖެހިދާނެކަމުގެ ބިރު ހިތުގައި އޮތެވެ.

"ނޫން. ނުން... އެހެންވެ ބުނި އެއްޗެއްނޫން. އެކަމަކު މިހާ ދުވަހު އެހާ އެއްކޮށް އުޅުނުއިރު އެއީ ދެބެންގެދެދަރި ކުދީންކަން އެނގެންވާނެއެއްނު."

ސަލީމާ އެތައް ވާހަކައެއް ދެއްކިއެވެ. އެހެންނަމަވެސް ނީރާއާ އޭނާ ބައްދަލުވާން ލަމްހާ އެއްބަހެއް ނުވިއެވެ. މާޒީ ހިފައިގެން ނާންނަން ލަމްހާ ބުންޏެވެ. ރިޔާޒުގެ އާއިލާއިން ކަންތައްކުރި ގޮތް ނީރާއަށް ކިޔައިދީފަކަން ވާނީ ލަމްހާ ބުންޏެވެ. ވީއިރު ތިމާގެކަން ބާއްވަންށޭ ކިޔާ އެކުއްޖާގެ ކުރިމައްޗަށް އައުމަކީ ބޭކާރުކަމެއްކަން ލަމްހާ ބުންޏެވެ. ސަލީމާގެ ދަރިފުޅާއި ނީރާއަކީ ރައްޓެހިންނަމަ އެ ރަހުމަތްތެރިކަމަށް މައިންބަފައިން ނުފޫޒު ފޯރުވައިގެން ނުވާނެކަން ލަމްހާ ބުންޏެވެ.

ސަލީމާ އެނބުރި ދިޔައީ އޭނާ ދެން ނީރާ ހޯދަން ނާންނާނެކަން ބުނެފައެވެ. ނަސްރާ އެ ދަރިފުޅު ހަވާލުކުރީ އެންމެ އެކަށޭނެ މީހާއާކަން މިހާރު ގަބޫލުކުރެވޭކަން ސަލީމާ ބުންޏެވެ. އަދި ކޮންމެވެސް ދުވަހަކުން ރުޅިވެރިކަމެއްނެތި އެކަކުއަނެކަކު ފެނުމުން ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކާލެވޭނެ ދުވަހެއް ދުށުމަށް ސަލީމާ އެދޭކަން ހާމަކުރިއެވެ. ޖެހިލުންވެފައި ހުރެ ވެސް ސަލާމަށް އަތްދިއްކޮށްލީތީ ސަލީމާގެ އަތުގައި ލަމްހާ ހިފިއެވެ.

"ދަރިފުޅުތަ؟... ފެންވަރާ ރީތިނުވަންތަ؟." ލަމްހާ އަވަން ކައިރިން އެނބުރިލިއިރު ބަދިގޭ އައިލެންޑް ދޮށުގައި ނީރާ އިންތަން ފެނިގެން ސިހޭ ގޮތްވިއެވެ. ދެން ނިކަން އަވަހަށް ވާހަކަދެއްކިއެވެ.

"އަދި ވަގުތު އެބައޮތް." ނީރާ ބުންޏެވެ.

"މަންމަ އެބައޮތް ދަރިފުޅު ކައިރީ ވާހަކައެއް ދައްކަންވެފަ." ސީރިއަސް ގޮތަކަށް ނީރާގެ ކުރިމަތީ ލަމްހާ ހުއްޓިލިއެވެ.

"އުޝާ އެނގޭތަ؟. ލައިޒަލް ކައިވެނި ކުރި."

"މަންމައަށް ކިހިނެއް އެނގުނީ ލައިޒަލް ކައިވެނި ކުރީ އުޝާއާކަން." ނީރާ ހައިރާންވިއެވެ.

އެއްވެސް ކަމެއް ދަރިފުޅަށް ނުފޮރުވަން ލަމްހާ ނިންމާފައިވާތީ އޭނާ ސަލީމާގެ ވާހަކަ ކިޔައިދިނެވެ. ސަލީމާއަކީ ނީރާގެ ބައްޕަގެ ދައްތަކަމާއި އުޝާއަކީ އޭނާގެ ދަރިއެއްކަމެވެ. ނީރާ އިނީ ބަހެއްބުނަން ނޭނގިފައެވެ. އަޖައިބުވެ އަންތަރީސްވެފައެވެ. ކުޑަކޮށް ވެސް އެ ދެމީހުން ތިމާގެ ވެދާނޭ ނީރާ ހިޔެއްނުކުރެއެވެ. އުޝާގެ ގޮތް ލަމްހާއަށް ނީރާ ކިޔައިދިނީ ދެނެވެ. ލައިޒަލްއާއި އުޝާއާ ދެމެދު އެއްބަސްވުމަކަށްނޫނީ އެ ކައިވެނި ނުވާކަމެވެ. ދެމެދުގައި ގާތްކަމާއި ލޯތްބެއް ނެތެވެ. އުޝާއަކީ އެއްވެސް އިރަކު ނީރާއާ ގަޔާވާ މީހަކަށްނުވާއިރު ހަގީގީ އެކުވެރިޔެކޭ ވެސް ބުނެވެން ނެތްކަމެވެ. ބޮޑަށް އުޝާއަކީ ލައިޒަލްގެ ރަހުމަތްތެރިއެއް ގޮތުގައި ފެނިފައި ހުރީމައެވެ. ތިމާގެ ވިޔަސް އަމިއްލަ ރައްކާތެރިކަމަށް ޓަކައި ބައެއް މީހުންނާ ދުރުވުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ލަމްހާ ފާހަގަކުރިއެވެ. މަންމަގެ ބަސް މިފަހަރު ވެސް ނީރާ ގަބޫލުކުރިއެވެ.

* * * * *

އެއް ކައިވެނި ރޫޅާލިތާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ އަނެއް ކައިވެނި ކުރަން އުޅޭތީ އެކަމާ ފިރާގު ހުރީ ގަޔާނުވެފައެވެ. ޒިންމާދާރުކަމެއް ލައިޒަލްގެ ނެތީއޭ ހީވެފައެވެ. ނަމަވެސް ލައިޒަލްގެ ނިންމުންތައް މިފަހަރު ތަފާތުވެއްޖެއެވެ. ނީރާއާ ބެހޭ ގޮތުން ކުރީބައިގަ ފިރާގަށް އޮޅުން ފިލުވައިދިނެވެ. ގެއަށް ޅީދަރިފުޅު ގެންނަން ވާނީ ކައިވެނިކޮށްގެންކަން ލައިޒަލް ފާހަގަ ކުރީތީ އެކަން ފިރާގަށް ނުހަނު ކަމުދިޔައެވެ. ކައިވެންޏަށްފަހު އެކަހެރި ދިރިއުޅުމެއް އުޅުމުގެ ހިޔާލު މިފަހަރު ލައިޒަލް ނުގެންގުޅޭތީ އެކަމާ ފިރާގު ހިތްހަމަޖެހުނެވެ. ލައިޒަލް ފަދައިން ނީރާ ވެސް ކުރީން ކައިވެންޏެއް ކޮށްފައިވާކަން ބުނުމުން އެކަން ފިރާގަށް ބޮޑުކަމަށް ނުވިއެވެ. އޭނާ އެނގެން ބޭނުންވީ ލައިޒަލް ގަސްދުކުރާ ގޮތެވެ. ލައިޒަލްގެ ކޮންމެ ވާހަކައަކުން އެ ދަރިފުޅަށް ނީރާ ކަމުގޮސްފައިވާވަރު ފިރާގަށް ދެނެގަންނަން އެނގުނެވެ. ހަގީގަތުގައި ވެސް އެ އަންހެންކުއްޖާދެކެ ލައިޒަލް އިންތިހާއަށް ލޯބިވާކަން ޔަގީނެވެ.

"މިފަހަރު ހީވޭ ދަރިފުޅު ކައިވެންޏެއް ކުރަން އުޅޭހެން." ކޮޓަރިން ނުކުމެގެން އައި ލައިޒަލް ސިޓިންރޫމު ސޯފާގައި އިން ފިރާގަށް ފެންނައިރަށް ބުނެލިއެވެ. އެއާއެކު ލައިޒަލްގެ ތުންފަތް ދެމިލިއެވެ. ކާފަގެ ކައިރީ އިން ހަމްދާނާއި އަވަސް ނަޒަރެއް ލައިޒަލް ބަދަލުކޮށްލިއެވެ.

"ހިނގާ ދަމާ." ލައިޒަލް ބުނެލިއެވެ.

ކާރަށް ފިރާގު އެރުމުން ދޮރުފަތް ލައްޕާލާފައި ލައިޒަލް އައިސް އެރީ ޑްރައިވަރު ސީޓަށެވެ. އޭރު ފަހަތަށް ހަމްދާނު އަރައިފިއެވެ. ފިރާގާއި ލައިޒަލް ގަބޫލުކުރާ ގޮތުގައި ހަމްދާނަކީ ވެސް އެ އާއިލާގެ މެންބަރެކެވެ. ކައިވެންޏާ ގުޅުން ހުރި ކޮންމެ ކަމެއްގައި އައިލާއެކުގައި ބައިވެރިވާން ޖެހޭނެއެވެ. އެމީހުންގެ މަންޒިލަކީ ހުޅުމާލެއެވެ. ނީރާ ދިރިއުޅޭ އެޕާޓްމެންޓަށް ދިއުމެވެ.

އިމާރާތުގެ ތިރީގައި ކާރުތައް ޕާކުކުރުމަށް ހާދާފައި އޮތް ބަޔަށް ކާރު ވައްދާލުމާއެކު ލައިޒަލް ކާރު ހުއްޓާލިއެވެ. ހަމްދާނު ފައިބައިގެން އައިސް ކުރީ ދޮރުފަތް ހުޅުވާލިއެވެ. ކާފަ ފިރާގު ފޭބުމަށް އެހީވީ އޭނާއެވެ. ލައިޒަލް ކާރުން ފައިބައިގެން އައިސް ލިފްޓުގެ ސުވިޗަށް އޮބާލިއެވެ. އޭގެ ދޮރު ހުޅުވެން ވަގުތުކޮޅެއް ނެގިއެވެ. ހުޅުވުނު ދޮރު ލެއްޕުނަ ނުދޭން ހިފަހައްޓާލައިގެން ލައިޒަލް ހުރީ ފިރާގާއި ހަމްދާނު ވަންނަން ދެނެވެ. ދާންވީ ކޮން ހިސާބަކަށްކަން ލައިޒަލްއަށް އެނގެއެވެ.

"ނާވަސް..." ލައިޒަލްގެ ސީރިއަސްކަން ވެރިވެފައިވާ މޫނަށް ބަލަން ހުރެފައި ހަމްދާނު އަހާލިއެވެ.

"އޮފްކޯޒް..." ފޮރުވުމެއްނެތި ލައިޒަލް ބުނެލިއެވެ. ކަންފަތް ތޫނު މީހަކަށް އޭނާގެ ހިތުގެ ތެޅުން އަވަސްވެފައިވާވަރު އިވޭނެކަން ޔަގީނެވެ. އޭނާއާ ނީރާ ބައްދަލުނުވާތާ ކޮންދުވަހެއް ހެއްޔެވެ. ބައްދަލުވާއިރު ބައްދަލުވާނީ އާއިލާއާއެކު ކަމެއް ކުރީން ހިތަށް ވެސް ނާރައެވެ. އެކަމަކު ކަންތައް މިވަނީ އެންމެ ފުރިހަމައަށްކަން ލައިޒަލް ގަބޫލުކުރެއެވެ. ފަޓުލޫނު ޖީބުގައި އޮތް ފޯނު ލައިޒަލް ނެގިއެވެ. އިމާރާތުގެ ލިފްޓުގައިކަން ހުރީ ބުނެ ނީރާއަށް ލައިޒަލް މެސެޖު ފޮނުވާލިއެވެ.

"ވެއިޓިން ފޯ ޔޫ." ނީރާގެ ޖަވާބު އައީ ނުހަނު އަވަހަށެވެ. ލައިޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ލިފްޓުން ނުކުމެ ހިނގައިގަތްތަނާ އެޕާޓްމެންޓްގެ ދޮރު ހުޅުވާލައިގެން ދޮރުމަތީ ތިބި ލަމްހާއާއި ސުޖާއު އެންމެންނަށް ވެސް ފެނުނެވެ. އެމީހުން ފުޅާ ހިނިތުންވުމެއް ލައިޒަލްއާ ބަދަލުކޮށްލިއެވެ. ލައިޒަލްމެން ކައިރިވުމުން ސުޖާއު ސަލާމް ގޮވާލިއެވެ. ފިރާގުއާ ސަލާމްކޮށް އެތެރެއަށް އެންމެން އައުމަށް ބުންޏެވެ.

ގޭތެރެއިން ލައިޒަލްއަށް ނީރާއެއް ނުފެނުނެވެ. އެހެންނަމަވެސް ސިޓިންރޫމާއި ކާބަޔާއި ގުޅިފައިވީ ބަދިގޭގެ އައިލެންޑް ދޮށުގައި އީހާނު އިންތަން ފެނުނެވެ. ކޮށްލި ސަލާމެއްގެ ގޮތުން ލައިޒަލްއަށް އީހާނު ނިތްއަރުވާލިއެވެ. އެ ސަލާމަށް ޖަވާބު ދިނުމަށް މަޑުމަޑުން ލައިޒަލް ބޯޖަހާލީއެވެ. އެންމެން ސޯފާތަކުގައި އިށީނެވެ. ލަމްހާ ގޮވާލުމުން އީހާނު ގޮސް ނީރާގެ ކޮޓަރީގައި ޓަކި ދިނެވެ. ނީރާ ނުކުމެގެން އައިސް އިށީނީ ލަމްހާގެ ކައިރީގައެވެ. ވަކިން ހުރި ގޮނޑީގައި އީހާނު އިށީނދެ އިނެވެ. ދެ އާއިލާއިން ތައާރަފްވިއެވެ.

އެރޭގެ ކެއުން ނިމުނުއިރު ލައިޒަލްއާއި ނީރާ ކައިވެނި ކުރާނޭ ތާރީޚެއް ކަނޑައަޅައި ނިމިއްޖެއެވެ. ކުދީންގެ ހިޔާލާއެކު ކައިވެނީގެ ހަފުލާ އިންތިޒާމު ކުރާނީ އާއިލާއިންކަން އިއުލާން ކުރެވުނެވެ. މަޝްވަރާތައް ނިމި ނީރާގެ ގެއިން ލައިޒަލްމެން ނުކުތެވެ. ނީރާއާ ބައްދަލުކޮށްލާ ހިތުން ލައިޒަލް ހުއްޓެއްކަމަކު ފިރާގު ދާން ބުނުމުން މަޑުކުރަން ނުކެރުނީއެވެ.

* * * * *

ހުސްވެފައި ހުރި ފެންފުޅި ހިފައިގެން ނީރާ ކޮޓަރިން ނުކުތީ ލައިޒަލްއާ ވާހަކަދައްކަން އޮވެފައި ފޯނުކޯލު ނިންމާލީމައެވެ. އޭރު ގަޑިތަކުން ދޭއްޖަހައި ހިނގައްޖެއެވެ. އެ ދަންވަރު ޓީވީ ހުޅުވާފައި ހުރި އަޑު ނީރާއަށް އިވުނެވެ. ބަދިގެއާ ކައިރިވީއިރު ޓީވީގެ އަލިން ސޯފާގައި އޮށޯވެލައިގެން އޮތް އީހާނު ވެސް ނީރާއަށް ފެނުނެވެ. އެކަމަކު އަޅައެއްނުލިއެވެ. ނީރާ ބަދިގެ ކަބަޑު މަތީ ހުސްފުޅި ބަހައްޓާފައި ފެންކޭހުން ފުޅިއެއް ނެގިއެވެ.

"ނީރާ..." އީހާނު ގޮވާލީ ފެންފުޅި ހިފައިގެން ނީރާ ހިނގައިގަތް ވަގުތެވެ.

ހުއްޓުމާއެކު ނީރާ ބަލާލިއެވެ. އޭނާ ގެއަށް އައި ފަހުން އީހާނު ވާހަކައެއް ނުދައްކައެވެ. އެއްސުފުރާމަތިން ކައިބޮއެ އުޅުނަސް ދެމެދުގައި އެއްވެސް ގާތްކަމެއް ނެތެވެ. ނީރާ ބަލަން ހުރުމުން އީހާނު އަނެއްކާ ވެސް ވާހަކަދެއްކިއެވެ. އޭނާއާ ވާހަކަދައްކާލަން މަޑުކޮށްލެވިދާނެތޯ އީހާނު އަހާލިއެވެ. ނީރާ އައިސް ސޯފާގައި އިށީނީ އީހާނު ނޭދިގެން ހުރި ފަދައިންނެވެ. އީހާނަށް ވެސް ލިބުނީ ހައިރާންކަމެވެ.

"ނީރާ ހެޕީތަ؟." އީހާނު އަހާލިއެވެ. އެ ސުވާލަށް ޖަވާބުދޭން ނީރާއަށް އުނދަގޫވީ އީހާނު އެ ސުވާލުކުރި މަގްސަދު ނޭނގޭތީއެވެ. އީހާނަށް ދެރަކޮށް ހިތާފައި ނީރާ އެކަމާ އުފަލުން ހުރިއްޔޭ އީހާނު ހީކުރާކަށް ނީރާ ނޭދެއެވެ.

"ލައިޒަލް ގޯހެއްނޫން. އޭނާ ނީރާދެކެ ވަރަށް ލޯބިވޭ... ކައިވެނި ވެސް ހަމަޖެހިއްޖެ، އެހެންވެ މިއަހަނީ ހެޕީތޯ."

"ހެޕީ..." މަޑުމަޑުން ނީރާ ބުނެލިއެވެ. އިސްޖަހާލި ނަމަވެސް އީހާނުގެ ތުންފަތުން ހިނިތުންވުމެއް ނީރާ ދުށްޓެވެ.

"ރަނގަޅު. އަހަރެން ބޭނުމީ ނީރާ އުފަލުގަ ހުންނަން. އަހަންނާއެކު ނީރާ އުފަލެއްނުވާނެކަން އެނގޭ. އައި އެކްސެޕްޓް ދެޓް."

"އީހާނު، އަހަރެން މިހުރީ ވީ ހުރިހާކަމެއް ހަނދާންނައްތާލަން ތައްޔާރަށް. ލައިޒަލްއާއެކު އާ ފެށުމެއް މީ. ކުރީންވެފައި ހުރި އެއްވެސް ކަމެއް ބަދަލެއްނުކުރެވޭނެ. އެކަމަކު އެކަމުގެ ތެރޭ އަބަދު އުޅޭކަށް ބޭނުމެއްނޫން. އައި ފޮގިވް ޔޫ... އީހާނު ލޯބިވިޔަސް އަހަންނަށް އީހާނުދެކެ ލޯބި ނުވެވުނީ. ފަހަރެއްގައި މީ މިކަންވާން އޮތް ގޮތް. ބަޓް ވީ އާ ސްޓިލް ފެމެލީ... ޔޫ އާ ޕާޓް އޮފް މައި ލައިފް. ލައިޒަލްއާ މެރީ ކުރިޔަސް އެކަން ބަދަލެއްނުވާނެ."

"އައިސްކްރީމް ކާނަންތަ؟." ވަގުތުކޮޅަކަށް ހިމޭންވެފައި އިނުމަށްފަހު އީހާނު އަހާލިއެވެ. ލުއި ހިނިތުންވުމަކާއެކު ނީރާ އަވަސްއަވަހަށް ބޯޖަހާލިއެވެ.

އީހާނު ތެދުވެގެން ގޮސް ނީރާއަށް ދޭން އެ ދުވަހު ގަނެގެން ގެނައި އައިސްކުރީމް ތަށްޓާއި ދެ ސަމްސާ ހިފައިގެން އެނބުރި އައިސް ސޯފާގަ އިށީނެވެ. އެރޭ އެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުގެ ފާރު ފުނޑުފުނޑުވެ ނެތިގެން ދިޔައެވެ. ނީރާއަށް ލިބޭ ކޮންމެ އުފާވެރިކަމަކަމާއި ހިތާމައެއްގައި އީހާނު ދުރަށް ނުދާނެކަން ވަޢުދުވިއެވެ. ލޯބިވެރީންނަށް ނުވިޔަސް އެންމެ ކުރީގައި އެ ދެމެދުގައި އޮތް އައީލީ ގާތްކަމަށް ދެ ޒުވާނުން ތިބީ ބޭނުންވެފައެވެ. ހިނިތުންވުމާއި އެކަކުއަނެކަކާ ހިޔާލު ހިއްސާކުރުމުގެ މިނިވަންކަން ބޭނުންވެފައެވެ. އެތައް ވާހަކައެއް އެރޭ އެ ދެމެދުގައި ދެކެވުނެވެ. އުޝާގެ ހަގީގަތް ވެސް ނީރާ ހަމަކުރިއެވެ. ތިމާގެކަން އޮތްވަރާއި ނީރާގެ މައިންބަފައިންނަށް ކަންތައް ދިމާވި ހިތާމަވެރި ހާދިސާ ވެސް ކިޔައިދިނެވެ. ލަމްހާގެ ފަރާތުން އީހާނަށް އެނގިފައި އޮތީ ކުޑަމިންވަރެކެވެ. ހަގީގަތް އެނގުނީ އަދިކިރިޔާއެވެ.

* * * * *

ދެ ހަފްތާ ފާއިތުވުމަށްފަހު ލައިޒަލްއާއި ނީރާ އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީއެވެ. ސްކާލެޓްގޮމަ ހޮޓެލްގެ "ބޯލްރޫމް" ކައިވެނީގެ ވަލީމާއަށް ތައްޔާރުކުރެވިފައިވާއިރު ހީވަނީ ހުވަފެނީ ގަނޑުވަރެއް ހެންނެވެ. ހުދާއި ކަޅުގެ އިތުރުން ރަން ކުލައެވެ. ޖޯޑުޖޯޑަށް އެލުވާފައި ހުރި ދޫނިތައް ފަރާތްފަރާތަށް ހެލިލާއިރު ހީވަނީ އެ ސޮރުމެން ހަގީގަތުގައި ވެސް އުދުހެނީ ހެނެވެ. ލޯބީގެ ބަހާރު މޫސުން ތަނަށް ވެރިވެފައި އޮތް ފަދައެވެ. އަލަތު ދެމަފިރިންނަށް ހާއްސަ ކުރެވިފައި ހުރި އިސްޓޭޖަށް އެރުމަށް ލައިޒަލްއާއި ނީރާ އައެވެ. އޭރު ކައިވެނިކޮށްދިނުމަށްފަހު ގާޒީއާއި ކޯޓުން އައިސް ތިބި މީހުން ނުކުންނަން ދިޔައިރު އެމީހުންނާއެކު ފިރާގުއާއި ސުޖާއު ހުއްޓެވެ. ލަމްހާއާއިއެކު ނީރާގެ ކައިރިން ފެންނަނީ ރިދާއާ އޭނާގެ މަންމައެވެ. ހަމްދާނާއެކު އީހާނާއި ޔަމާނު ވެސް އެމީހުންނާ ދުރަށް ނުދެއެވެ. ފިރާގުގެ އެދުމާއެކު ލައިޒަލްގެ ކައިވެންޏަށް ދައުވަތު ދިން މީހުންގެ ތެރޭ އޭނާގެ މަންމަ، ރަމްލާ ހިމެނެއެވެ. ދުރުން އައި މީހުންގެ ތެރޭ ނީރާގެ މަންމަގެ ބޮޑުބޭބެ ކަމަށްވާ އިލްޔާސްއާއި އޭނާގެ އާއިލާ އައިސް ތިއްބެވެ. އެކުވެރީންގެ ތެރެއިން ލައިޒަލް ބައިވެރިވި ބޭންޑުގެ ހުރިހާ މެންބަރުން ވެސް އެ ހަފުލާގައި ބައިވެރިވިއެވެ. ނީރާއާއި އީހާނުގެ ކައިވެނި ކުރެވުނީއްސުރެ ބޭންޑުގެ އިވެންޓުތަކަށް ލައިޒަލް އައީ ފަރުވާކުޑަކުރެވެމުންނެވެ. ބޭންޑުން ލައިޒަލްވަކީ އެކަމަށް ހުރި ޝައުގުވެރިކަން އޭގެ ފަހުން ގެއްލުނީމައެވެ. އެހެންވިޔަސް އެމީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަމަށް ބަދަލެއް ނާދެއެވެ.

"ހަތްސަތޭކަ ފަންސާސް ހަތް ރުފިޔާއަށް ތިހުރީ ގަނެފަ. ނައު ޔޫ އާ މައިން... ކޮނޑަށް ލައިގެން ފިލަންވީއޭ ހިތަށް އަރަނީ." ނީރާގެ އަތުގައި ހިފާލަމުން ކަންފަތްދޮށަށް ގުދުވެލައި ލައިޒަލް ބުނެލިއެވެ. އެ އަޑުގައި ހުރީ ނުރައްކާތެރި އަސަރެކެވެ. ލައިޒަލްގެ ތުންފަތުގެ އެއްކޮޅުން ދެމިލި ގޮތާއި އެ ދެ ލޮލުން ދޭ މެސެޖު އެނގުމުން ނީރާގެ ހިތް އަވަސްވިއެވެ.

ލައިޒަލް އަޅައިގެން ހުރީ "ޝޭރްވާނީ" ފަރުމާއަށް ހުރި ކަޅުކުލައިގެ ސޫޓެކެވެ. އޭގެ ކުރިމަތީ ވައަތްފަރާތުގައި ވަނީ ގޮފިކޮޅެއްގައި އިން ދޫންޏެކެވެ. އެ ބައިވަނީ ރަނުން ޖަރީކުރެވިފައިއެވެ. ހަމަ އެގޮތަށް ސޫޓުގެ ފަހަތުން ކަނާތު ކޮނޑުމައްޗަށް ވާހެން އެފަދަ ދޫންޏެއް އިނެވެ. އެވެސް ވީ ރަނުން ޖަރީކުރެވިފައެވެ. ނީރާ ވެސް ފެންނަނީ ދޫންޏެއް ހެންނެވެ. ކަޅުކުލައިގެ "ސްވޯން"އެއް ކަހަލައެވެ. ހެނދުމުގެ މަތީބުރިއާއި ކުރު ދެއަތްވަނީ ކަޅުކުލައިގެ މިނަލާއި ވެލިފޮތިންނެވެ. އުނަގަނޑުމަތިން ހެނދުން ދެބައިވެފައިވާ ހިސާބުގައި ވަނީ ކަޅުކުލައިގެ ދޫނިފަތްފަދައިން ފަށުވިކަން އެކުލެވިފައިވާ ބައެއް ހަރުކޮށްފައެވެ. އޭގެ ދަށުން ހެދުމުގެ ތިރި އޮތީ ފުޅާކޮށެވެ. ބިސްތޮށިކުލައިގެ ފޮއްޗެއްގައި ރަންކުލައިގެ މިނަލުން ދޫނިފަތް ފަދައިން ފަރުމާކުރެވި ޖަރީކޮށްފައެވެ. އަތުގައި އޮތީ ވެސް ދޫނިފަތުން ތައްޔާރުކޮށްފައި އޮތް ކުޑަކުޑަ މާބޮނޑިއެކެވެ. އެ ހުރިހާ ފުރިހަމަ ކަމަކަށްވުރެ ދެ ޒުވާނުންގެ މޫނުން ފާޅުވާން ހުރި އުފާވެރިކަމުގެ އަސަރު މާ ފުރިހަމައެވެ. އެކަކުއަނެކަކުދެކެވާ ލޯބި ބަލާލާ ގޮތުން ވެސް ފާހަގަވެއެވެ.

މެހެމާނުން ވަދެ މާލަން ފުރެމުންދިޔައެވެ. އުފާވެރިކަމުގެ އަޑުތައް ނޫނީ ނީވެއެވެ. ލައިޒަލްއާއި ނީރާއަށް އެނގޭ މީހުންނާއި ނޭނގޭ މީހުން ވެސް އެ ހަފުލާއިން ބައްދަލުވިއެވެ. އެހެންވިޔަސް އެއިން ކޮންމެ މީހަކީ އެމީހުންނާ ކޮންމެވެސް ގޮތަކުން ގުޅިފައި ތިބި ބައެއްކަން އެނގެއެވެ.

ހަވީރު ފެށި ހަފުލާ ނިމުމަކަށް އައީ އިރުއޮއްސުނު ފަހުންނެވެ. އެންމެފަހު ބަޔަކަށް ތިބީ އާއިލާއާއި އެންމެ ގާތް ރައްޓެހިންނެވެ. ލައިޒަލްއާއި ނީރާ ހޮޓެލުން ނުކުމެ ކާރު ކައިރިއަށް އައެވެ. އެމީހުން އެރޭ ހޭދަކުރާނީ ރިސޯޓުގައެވެ. އަދި މާދަމާގެ ވަގުތަކު "ހަނީމޫނަށް" ބާލީއަށް ފުރާނެއެވެ. ކާރަށް އެރުމުގެ ކުރީން ލަމްހާގެ ގައިގާ ނީރާ ބައްދާލިއެވެ. މިއަދު އެ ދަރިފުޅުގެ މޫނުމަތިން ލަމްހާ ބޭނުންވީ ފަދަ އުފާވެރިކަން ފާޅުވެއެވެ.

"ހަމަޖެހިގެން މަންމައަށް ގުޅާނަން އިނގޭ." ލަމްހާ ބުނުމުގެ ކުރީން ނީރާ ބުންޏެވެ. ހިނިއައިސްފަ ހުރެ ލަމްހާ ބޯޖަހާލީއެވެ. ކައިވެނި ހެދުމާއެކު ކާރަށް އަރަން ނީރާއަށް ލަމްހާ އެހީވެދިނެވެ.

ލައިޒަލްއާއި ނީރާ ގޮވައިގެން ލާންޗު އޮތް ހިސާބަށް ކާރުގައި އައީ ހަމްދާނެވެ. އެހެން މީހުން ހޮޓެލްގައި މަޑުކުރީ ހަފުލާ ނިމުނަސް ކުރަން ހުރި އެތައްކަމެއް ހުރީމައެވެ. ހަމްދާނާއި ކޮނޑާކޮނޑުޖައްސައި ސަލާމްކޮށްފައި ފުރަތަމަ ލާންޗަށް އެރީ ލައިޒަލްއެވެ. އޭނާ ފަރުވާތެރިކަމާއެކު ނީރާގެ އަތުގައި ހިފަހައްޓާލަމުން ލާންޗަށް އެރުވިއެވެ.

ރިސޯޓުން ހޫނު މަރުހަބާއަކާއި ކައިވެނީގެ ތަހުނިޔާ ލައިޒަލްއާއި ނީރާއަށް ކިޔެވެ. އެމީހުން ތިބުމަށް ހަމަޖެހިފައިވާ ވިލާއަށް އާދެވުނެވެ. އެމީހުންގެ ފޮށިތައް އެތެރެއަށް ވައްދާފައި ރިސޯޓުގެ ސްޓާފު ދިޔައީއެވެ. އެއާއެކު ނީރާ އެތެރެއަށް ވަންނަން އުޅުނެވެ. ނަމަވެސް ލައިޒަލް އެކަމަށް ހުރަސް އެޅީއެވެ. ނީރާގެ ކަނާއަތުގައި ހިފާ ގާތަށް ދަމާލުމާއެކު އަތްދަނޑިމައްޗަށް އުފުލާލައިގެން ހުރެ ލައިޒަލް އެތެރެއަށް ވަނެވެ. ލައިޒަލްގެ ކަނދުރާގައި ދެއަތް އަޅުވާލުމާއެކު ނީރާއަށް ބާރަށް ހީނގަނެވުނީއެވެ. ފިނިފެންމާތަކުން ޒީނަތްތެރިކޮށްފައި އޮތް އެނދުގައި ލައިޒަލް އައިސް އަނބިމީހާ ބޭންދިއެވެ.

"މީއެއްނޫންތަ އަނބިމީހާ ގެންނަން ޖެހޭ ގޮތަކީ." ލާނެތް ހިންޏެއް އައިސްފަ ހުރެ ލައިޒަލް ބުނެލިއެވެ.

"ފޮޓޯއެއް ވެސް ނުނަގަނީސް އެނދު ހަޑިކޮށްލީ." ނީރާ ތުން އޫކޮށްލިއެވެ.

"އަހަރެން މިހިރަ މޮޔަވަނީ... ނީ އެކްސައިޓެއް ނުވޭތަ؟. އަހަރެން ތިވަރަށް ދަހިނުކުރޭ." ލައިޒަލް ބުންޏެވެ. މަޑުމަޑުން ކުރިއަށް އައިސް ނީރާގެ ކައިރިއަށް ގުދުވެލިއެވެ. ދަތްދޮޅީގައި ހިފާލުމާއެކު އެ މޫނު އުފުލާލިއެވެ. މަސްތުކަން ވެރިވެފައިވާ ދެ ލޮލުން ލައިޒަލް ބަލަމުންދިޔައެވެ. ނޭވާގެ ހޫނުކަން އިހްސާސްކުރެވި ތުންފަތުގެ މީރުކަން އޭނާ ނީރާގެ ކިބައިން ލިބިގަތެވެ.

"ވެއިޓް... ފްރެޝްވެލަން ބޭނުން..." ނީރާ މަޑުމަޑުން ލައިޒަލްގެ މޭގައި އަތްވިއްދާލިއެވެ.

"އައި ވިލް ޖޮއިން ޔޫ." ހިސާބަކަށް ބަރުވެފައިވާ އަޑަކުން ލައިޒަލް ބުނެލިއެވެ.
ކައިވެނި ހެދުމުގެ ތެރެއިން ނީރާ މިނިވަންވަމުން އައިއިރު ލައިޒަލްގެ ބީހުންތަކުން އެ ހަށިގަނޑު ފިއްސަމުން ދިޔަ ކަހަލައެވެ.

"އައި ވިލް އީޓް ޔޫ އަލައިވް..." ލައިޒަލް ބުނެލިއެވެ. ނީރާގެ ހަށިގަނޑުގެ ތަންތަންކޮޅުގައި ލައިޒަލްގެ ދަތްޖެހި ބާރުވެލާއިރު މުޅި ހަށިގަނޑުގައި ނޭނގޭ ކަރަންޓުގެ އޮއެވަރެއް ހިނގައިގަންނަ ފަދައެވެ. ލައިޒަލްއާ ދިމާއަށް ނީރާ އަނބުރާލުމާއެކު އެ ދެއަތް ގެނެސް އޭނާގެ ސޫޓުގައި މޭމަތިން ޖައްސާލިއެވެ.

"އަންބަޓަން..." ލައިޒަލް ބުނެލިއެވެ.

ފާޚާނާއަށް ނީރާ ވަނީ ލައިޒަލްގެ އަތްދަނޑިމަތީއެވެ. އެތަނުން ނުކުތީ ވެސް އެގޮތުގައެވެ. އެނދުގައި ނީރާ ގެނެސް ބާއްވާލުމާއެކު ލައިޒަލް ވެސް އެނދަށް އެރިއެވެ. ކޮންމެ ބީހުމަކުން އިހްސާސްވާގޮތް ތަފާތުވާތީ ނީރާ އަޖައިބުވިއެވެ. މީ އެ ދެމީހުން މިހާ ގާތްވާ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެކަމަކު މިރޭ ތަފާތެވެ. ކައިވެނީގެ ފޮނިމީރު ކަމަކީ މީކަމަށް ވެދާނެއެވެ. ދެމަފިރިންގެ ގޮތުގައި ތިބެމެ އެ އުފާ ހާސިލުވުމީ ލިބޭ ހިތްހަމަޖެހުން އިތުރުވާ ސަބަބަކީއެވެ.

ވަރުބަލިކަމާއެކު ނީރާއަށް ކުކުރާލެވުނީ ބޭއިޚްތިޔާރުގައެވެ. އެސްފިޔަތައް ދުރުވެލި ހިނދު ފެނުނީ ހިނިއައިސްފަ ބަލަން އޮތް ލައިޒަލް އެވެ.

"ހޭ ބިއުޓިފުލް... މޯނިން..." ލައިޒަލް މިހެން ބުނެ ނީރާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.

ކުޑަ ވަގުތުކޮޅަކަށްކަން ނިދުނީ ނީރާއަށް އެނގުމުން އަލުން ދެ ލޯ މަރާ ބާރުކޮށްލިއެވެ. އޭނާގެ އެ ހަރަކާތުން ލައިޒަލް ހީނގަތެވެ. މޭގެތެރޭ އަނބިމީހާ ބޮނޑިކޮށްލަމުން ހެނދުނުގެ ނާސްތާކޮށްގެން ނިދާނީކަމުގަ ބުންޏެވެ. އެހެންވިޔަސް ނިދޭނެކަމުގެ ޔަގީންކަމެއް ނީރާއަކަށް ނެތެވެ. އޭނާގެ ފިރިމީހާގެ ގޮތް އެނގޭތީއެވެ.

ރިސޯޓުގައި ތިބެފައި ލައިޒަލްއާއި ނީރާ ސީދާ އައީ އެއާޕޯޓަށެވެ. އާއިލާގެ އެންމެން އެތަނުން އެމީހުންނާ ބައްދަލުކުރިއެވެ. ވަކިން އެއްޗަކަށް އަޅާފައި ހުރި ކައިވެނި ހެދުމާއި ބޫޓާއި އެއްޗެހި ލަމްހާއާ ނީރާ ހަވާލުކުރިއެވެ. ދެމަފިރިންނަށް ވަދާއުގެ ސަލާމް އެންމެން ކުރިއެވެ. ދެން ބައްދަލުވާނީ އެއްމަސް ފަހުން ވީމައެވެ.

* * * * *

8 މަސް ފަސް

"ޝީން... ދަރިފުޅާއެކު އީހާނު ނާދޭތަ؟" ގޭތެރެއަށް ޝީން އެކަނިވަންތަ ފެނި ލަމްހާ ސުވާލު އުފެދުނެވެ.

"ކޮތަޅުތައް ހިފައިގެން އެބައާދޭ. ނީރާ އަތުވެއްޖެތަ؟" ޝީން އައި ގޮތަށް ލަމްހާ ކުރަން ހުރި މަސައްކަތުގައި ބައިވެރިވިއެވެ.

"ވެއްޖެ ކޮޓަރީގަ." ލަމްހާ ބުންޏެވެ. އެއާއެކު ޝީން ހަލުވިކޮށް އައިސް ނީރާގެ ކޮޓަރި ހުޅުވާލިއެވެ.

ހަތަރު މަހުގެ ކުޑަކުޑަ ބަނޑާއެކު އެނދުގައި ނީރާ އިނެވެ. އެތައް ހަނދާންތަކެއް އެކުލެވިފައިވާ އެކޮޓަރީގެ އެކި ދިމާއަށް ބަލާށެވެ. ކުއްލިއަކަށް ހުޅުވުނު ދޮރުން ފެނުނީ ޝީން ވަދެގެން އަންނަތަނެވެ. ދެ އަންހެންކުދީންގެ މޫނުން ވެސް ފާޅުވީ އުފާވެރިކަމުގެ ފުޅާ ހިނިތުންވުމެކެވެ. ލޯތްބާއެކު ދެމީހުން ބައްދާލިއެވެ.

"ކޮބާ ލައިޒަލް." ޝީން އަހާލިއެވެ.

"ޔާނުއާ ރިދާ ބަލާ ދިޔައީ. އެންމެން ހަމަވާން އަދި ވަގުތުކޮޅެއް ނަގާނެ." ނީރާ ބުނެލިއެވެ.

"ޕުޑިން..." ދޮރުމަތިން އިވުނީ އީހާނުގެ އަޑެވެ. ނީރާ ހެވިލާފައި ތެދުވިއެވެ. ޝީންއާއެކު ކޮޓަރިން ނުކުތެވެ.

"ޗޮކޯރީނާ ގެނެސްފަ ހުންނާނެ." ނީރާގެ ކޮނޑަށް އަތްވައްޓާލައި ގާތްކޮށްލައިގެން ހުރެ ސިޓިންރޫމަށް އީހާނު ނުކުތެވެ.

"އެ ނުބައިވެގެން ނުކައި މިހާރު... ދޯ ނީ." ނީރާގެ އަނެއް ފަރާތުން ޝީން ވާހަކަދެއްކިއެވެ.

"މިހާރު މީރެއްނޫން އެއްވެސް އެއްޗެއް." އަނގައަށް ވައްތަރެއް ޖައްސަމުން ނީރާ ބުނެލިއެވެ.

ތިން މީހުން އައިސް ސޯފާގައި އިށީނީއެވެ. އީހާނު އެއްފަހަރު ނީރާއަށް އުނދަގުލެއް ކޮށްލިއްޔާ އަނެއްފަހަރު ޝީންއާ ބެހިލާނެއެވެ. ދެ އަންހެންކުދީން އިރުއިރުކޮޅާ މަންމާ ބަލާށޭ ގޮވަމުން ލަމްހާއަށް ގޮވާލައެވެ.

ޝީންއާއި އީހާނު އަލުން ގުޅޭނެކަމަކަށް އެ ދެމީހުން ވެސް ހިޔެއް ނުކުރެއެވެ. ހުޅުމާލޭ އަތިރިމަތީގަ އޮތް ޝޫޓިން ނިންމާލާފައި ކެފޭއަށް ޝީން އައީ ވަރަށް ދުވަސްފަހުންނެވެ. އެތަނުން އޭނާއާ ބައްދަލުވީ އީހާނުގެ ސިފައިގަ ހުރި މުޅިން އެހެން އީހާނަކާއެވެ. ދެމެދުގައި އެކުވެރިކަން އުފެދެން ފެށީ މަޑުމަޑުންނެވެ. ނީރާއާ ކައިވެނި ކުރުން އެއީ ހެދުނު މިސްޓޭކެއްކަން އީހާނު ބުނުމުން ވަކިން ޝީންގެ ސަމާލުކަން އީހާނަށް ދެވުނީއެވެ. ގާތް އެކުވެރިކަމުގެ ތެރެއިން ޝީންގެ ހިތުގައި އޮތް ލޯބި އީހާނަށް ފާހަގަކުރެވެން ފެށީ ދެނެވެ. އެހެން އަންހެން ކުދީންނާ ޝީން ތަފާތުކަމެވެ. އެ ލޯތްބަށް ފުރުސަތެއްދޭން ނިންމީ އީހާނު އަމިއްލައަށެވެ. އެ ފުރުސަތަށް ޝީންގެ ގާތުން އޭނާ އެދުނީ ވަރަށް ވިސްނާފައެވެ. ލޯބިވެވުމަށްފަހު އެ ލޯބި ނުލިބުނު ނަމަވެސް ވެވުނު ލޯބީގެ މަތީން ހަނދާން ނައްތާލުމަކީ އުނދަގޫކަމެކެވެ. ފުރަތަމަ ކާމިޔާބު ނުވިޔަސް ދެވަނަ ފަހަރުގަ ނަތީޖާ ބަދަލުވެދާނޭކަން ޝީން ގަބޫލުކުރީއެވެ. އީހާނު އެދުނު ފުރުސަތު އޭނާއަށް ދިނީ އެހެންވެއެވެ. އެ ގުޅުމަށް މިހާރު ހަ މަސްވެއްޖެއެވެ. ދެ ފަރާތުގެ އާއިލާއަށް ވެސް އެނގެއެވެ. ވަރަށް އަވަހަށް ކައިވެނި ވެސް ހަމަޖެހޭނެއެވެ. ޝީންދެކެ އީހާނަށް ވެސް މިހާރު ލޯބިވެވިއްޖެއެވެ.

ލައިޒަލްގެ ފަހަތުން ޔަމާނާއެކު ރިދާ ވަނެވެ. ރިދާ އައުމާއެކު ގޭތެރޭގަ އަޑުގަދަ ވެއްޖެއެވެ. ލައިޒަލް އައިގޮތަށް ނީރާގެ ކައިރިއަށް ސޯފާއަށް ވެއްޓިގަތެވެ. މިހާރު އެތަނުގައި މަދީ އުޝާ އެކަންޏެވެ. އެންމެންނާ އެކުނުވި މީހަކީ އެއީއެވެ. ލައިޒަލްއާއި ނީރާއާ ދުރުގައި ހުންނަން އޭނާ ބޭނުންވަނީއެވެ. އެހެންނަމަވެސް އުޝާގެ ދިރިއުޅުން ބަދަލުވެއްޖެއެވެ. އޭނާއަށް އެ ބަދަލުތައް ގެނެވުނީ ހަމްދާނެވެ. އޭނާ ދެގޮތެއްނުވެ އުޝާދެކެ ވީ ލޯބީގެ ސަބަބުންނެވެ. ހަމްދާނުގެ ފަރާތުން ލައިޒަލްއާއި ނީރާއަށް އެނގުނު ގޮތުގައި މިހާރު އޭގެ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ހަމްދާނު ހުރީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވެފައެވެ. އެކަމަކު އުޝާ އަދި ކައިވެންޏަށް އާނބަހެއް ނުދެއެވެ.

މައިންބަފައިން ކައިރީގަ ނެތުމަކުން މިއަދު ލައިޒަލްއާއި ނީރާ ވެސް ލޯބިން މަހުރޫމެއް ނުވިއެވެ. އެކަނިވެރިކަން އިހްސާސް ކުރެވުނު ނަމަވެސް އެ ހިތާމާ ދެމިގެނެއްނުދިޔައެވެ. ވަށައިގެން އެތައް ބައެއްގެ ލޯބި އެމީހުންނާއެކުވެއެވެ. ލޯތްބަކީ ހަމައެކަނި އެންމެ ގިންތިއަކަށް ފައްތާލެވޭ ވަރަށްވުރެ ފުން ލަފުޒެކެވެ. ލަމްހާގެ ދަރިއަކަށްނުވާއިރު ވެސް އޭނާ ނީރާދެކެ އެވަނީ ކޮންފަދަ މާތް ލޯތްބެއް ހެއްޔެވެ. ހިތާމައަށްވުރެ ބޮޑަށް އުފާ ހާސިލުކޮށްދޭ އިހްސާސެއް ކަމުގައި ލޯބިވެއެވެ. ނީރާއާއި ލައިޒަލް ބޭނުންވީ އެކަކުއަނެކަކުގެ ލޯތްބެވެ. އެ ލޯބި މިއަދު ފުރިހަމަވެއްޖެއެވެ. އެމީހުން އެ ތިބީ އެ ލޯބީގައި އެޅި މޭވާގެ އިންތިޒާރުގައެވެ. އީހާނަށް އެ ހިތުގައިވީ ފަޅުކަން ފިލުވައިދޭނެ ބައިވެރިއަކު ލިބިއްޖެއެވެ. އެ ހިތުން ދިން ރުހުމުގައި އަމިއްލަ ހިތް ބެހި ލޯބިވާން މިއަދު ދަސްވެއްޖެއެވެ. (ނިމުނީ)