އެމްޑީޕީ

އެމްޑީޕީ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ

Nov 18, 2021

ހ. ޝަރާޝާ ގޭގައި ހިންގާ އެމްޑީޕީ މައި އޮފީހުންގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް އެމްޑީޕީން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

އެމްޑީޕީން ފުލުހުންގެ އެހީތެރިކަމަށް އެދުނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ފޮނުއްވި ސިޓީގަ އެވެ.

ފުލުހުންގެ އެހީތެރިކަމަށް އެދިފައި މިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީގެ އޮފީހުގައި މާރާމާރީ ހިންގައިގެން ހައްޔަރުކުރި އެ އޮފީހުގެ ކުރީގެ މުވައްޒަފެެއް ކަމަށްވާ ޖަޒީލް އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރު ދައްކާ ކަމުގެ ތުހުމަތުގަ އެވެ.

އެމްޑީޕީން ފުލުހުންނަށް ފޮނުވި ސިޓީގައިވާ ގޮތުން ޖަޒީލް އަންނަނީ އޮފީހުގެ އެކި މުވައްޒަފުންނަށް ވައިބާ އާއި މެސެންޖާ މެދުވެރިކޮށް އިންޒާރުދީ މެސެޖު ކުރަމުންނެވެ. އެ މެސެޖު ތަކުގެ ސްކްރީންޝޮޓްތައް ވެސް ސިޓީގައި ހިއްސާކޮށްފައިވެ އެވެ.

އެމްޑީޕީގެ އޮފީހުގައި މަސައްކަތް ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދީ ބޯފަޅާލުމުގެ ކުށުގައި ފުލުހުން ޖަޒީލް ހައްޔަރުކޮށް އޭނާގެ ބަންދަށް އެއް ފަހަރު 15 ދުވަސް ޖެހުމަށްފަހު ބަންދުގެ މުއްދަތު ހަމަވުމުން ވަނީ ދޫކޮށްލާފަ އެވެ.

ސޯޝަން މަގުގައި ހުންނަ އެމްޑީޕީގެ މައި އޮފީސް ހިންގާ އިމާރާތުގެ ދެ ފްލޯއެއްގައި ޕާޓީގެ އޮފީސް ހިންގަ އެވެ. އެއީ ގްރަންޑް ފްލޯ އާއި ފަސްޓް ފްލޯގަ އެވެ.