އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ކައުންސިލަރުންނާ ރައީސް ބައްދަލުކުރައްވައިފި

Nov 18, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ، ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި އެވެ.

އިއްޔެ ހަވީރު އާރަށުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ކުރިއެރުމަށްޓަކައި މިހާރަށް ބޭނުންވާ އެންމެ މުހިއްމު ކަންކަމާ ބެހޭ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ.

ކައުންސިލަރުން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ބާރު ލިބިފައި ވިޔަސް އެކަމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެެވެ. އަދި މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ މައްސަލައާއި، އެކި ހިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީކުރުމަށް ހުރި ގޮންޖެހުންތަކާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަންވެސް ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުން ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫއުތަކާ ބެހޭ މައުލޫމާތު އޮޅުންފިލުވައިދެއްވައި، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ގެންގުޅޭ ވިސްނުން އޮޅުންފިލުއްވާ ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެދެވޭ ހައްލެއް ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.