ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އެދިވަޑައިގެންނެވީ މަތީ ސާނަވީ ފުރިހަމަ ކުރުމަށް

މަތީ ސާނަވީ ފުރިހަމަ ކުރާ ދަރިވަރުންގެ އަދަދު މަދުވަމުންދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

2019 ވަނަ އަހަރުގެ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިރޭ އިނާމު ހާސިލުކުރި ކުދިންގެ ނަތީޖާއަށް ބަލާއިރު މަތީ ސާނަވީ އިން ރަނގަޅު ނަތީޖާތަކެއް ހާސިލް ނުކުރެވޭނެ އެންމެ ދަރިވަރަކު ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ ސާނަވީ އިމްތިހާން ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު ސާނަވީ އިމްތިހާން ނިންމާ ކުދިންގެ ތެރެއިން، މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވާ މައްސަލައަކީ ކަންބޮޑުވުމެއް ކަމަަށެވެ.

"މިދިޔަ ފަސް އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ސާނަވީ އިމްތިހާން މި ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން. އޭގެ ތެރެއިން މަތީ ސާނަވީއަށް މި ވަންނަނީ އެވްރެޖްކޮށް އަހަރަކު 2040 ކުދިން. އާދެ، ސާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓް. މީގެ މާނައަކީ ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ސާނަވީ ހަދަން ބޭނުންނުވާކަން،"

މިދިޔަ ފަސް އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ސާނަވީ އިމްތިޙާން މި ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން. އޭގެ ތެރެއިން މަތީ ސާނަވީއަށް މި ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިން. އާދެ، ސާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓް. މީގެ މާނައަކީ ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ސާނަވީ ހަދަން ބޭނުންނުވާކަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުންވެސް އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ މަތީ ސާނަވީ ފުރިހަމަކުރުމަށް ކަމަަށް ވިދާޅުވިއެވެ. ގްރޭޑް 10 ނިމުނީމާ ކިޔަވައި ނިމުނީ ކަމަށް ގަބޫލުކުރެވޭނަމަ އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ އެ ކުއްޖެއްގެ މުސްތަގުބަލް އެކަންޏެއް ނޫން. އެއީ މުޅި ގައުމަށް ލިބޭ ގެއްލުމެއް. އެންމެ ކުއްޖަކުވެސް ތައުލީމީ ހަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ ގައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ގައުމު ކުރިއެރުވުމަށާއި ގައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް،" ރައީސް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރުން ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ 42 ދަރިވަރަކު ހިމެނުނެވެ.