ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އަލްއަޒްހަރުން ކިޔެވުމުގެ ފުރުސަތު މަޒީނާއަށް

2018 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހާސިލުކުރި ދަރިވަރު ނ. ލަންދޫ ކިނާރާ އަލްހާފިޒާ މާޒިނާ އަބްދުއްރަހީމަށް އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

މާޒިނާއަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަވާލުކުރައްވާ ރައީސް ސޯލިހް މިއަދު ވަނީ ހިތްވަރު ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި މަޒީނާ ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވާ ރައީސް ވާހަކަދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތައުލީމު ހާސިލުކުރުމުގެ މަރުހަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށްވެސް އެދިލެއްވިއެވެ.

މާޒިނާ ތައުލީމީ ހަޔާތް ފަށާފައިވަނީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 1ން 2007 ވަނަ އަހަރުއެވެ. ޝަހާދާ ސާނަވިއްޔާއާ ހަމަޔަށް ކިޔަވައި ނިންމާފައިވަނީވެސް އަރަބިއްޔާއިންނެވެ. ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި 15 މާއްދާގެ ތެރެއިން 13 މާއްދާއިން އޭ ސްޓާ އާއި، ދެ މާއްދާއިން އޭ ހޯދައި، މާޒިނާ ވަނީ [އިމްތިޔާޒް] ހާސިލުކޮށްފައެވެ.

މާޒިނާއަކީ 2017 ވަނަ އަހަރު އަރަބިއްޔާ ސްކޫލުން ތައުލީމީ ގޮތުން އެއްވަނަ ދަރިވަރެވެ. ކީރިތި ގުރްއާން ކިޔެވުމުގެ ގިނަ މުބާރާތްތަކުގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް މާޒިނާވަނީ ހޯދާފައެވެ. ގުރްއާން ހިތުދަސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލްވެސް 2019 ވަނަ އަހަރު މާޒިނާ ވަނީ ހާސިލުކޮށްފައެވެ. މާޒިނާއަކީ އަރަބިއްޔާ ސްކޫލްގެ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވެ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރެކެވެ.

އޭނާ މަތީ ތައުލީމު ހާސިލުކުރުމަށް ހަމަޖެހިފައިވަނީ (އުސޫލުއްދީން) ގެ ރޮނގުން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައެވެ.