އިންޑިއާ

ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ހިއްސާ ބޮޑުކުރާނަން: ސަފީރު

ރާއްޖޭގައި ކުރިއަށް މިދާ ތަރައްގީގެ އެކި މަޝްރޫއުތަކުގައި މިހާރަށްވުރެ މާ ބޮޑަށް އިންޑިއާގެ ހިއްސާ ބޮޑުކުރަން އެ ގައުމުން ބޭނުންވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސް އަބްދުﷲ ޔާމިނުގެ އަރިހަށް ސަފީރު ކުރެއްވި އިހުތިރާމުގެ ޒިޔާރަތާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އެ ޒިޔާރަތުގައި އިންޑިއާގެ ހިއްސާ ރާއްޖޭގެ ތަރައްގީގެ ބޮޑު ކުރާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ޝަހާރޭ އިތުރަށް ދެއްކެވި ވާހަކައިގައި މިއަހަރަކީ ރާއްޖެ-އިންޑިއާގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރޭ އަހަރު ކަން ފާހަގަކުރެއްވި އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވަނީ ރާއްޖެ އާއި އިންޑިއާޔާ ދެ ގައުމުގެ ދެމެދު ގާއިމްވެފައި މިއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އިންޑިއާއަށް ދެއްވާފަ އެވެ. އަދި އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްޓްރީ މުހައްމަދު ނަސީރާއި ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްޓްރީ ފާތިމަތު އިނާޔާ ބައިވެރިވެވަޑައިގެންނެވި އެވެ.