ހަބަރު

އަތުލައިނުގަނެވި ޑްރަގް އެތެރެވީ މިންވަރު އަންދާޒާ ކޮށްލުން މުހިންމު: އަދީބު

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 970 ކިލޯގެ ޑްރަގް އަތުލައިގެންފައިވާއިރު އަތުނުވެ އެތެރެވެފައިވަނީ ކިހާ އަދަދެއްގެ ޑްރަގުތޯ އަންދާޒާކޮށްލުން މުހިންމު ކަމަށް މަސްތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ޖާނީގެ ގްލޯބަލް ޑްރަގް ޑިމާންޑް ރިޓެކްޝަންސް މާސްޓާ ޓްރެއިނާ އަލީ އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތިން އަހަރުގައި 970 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

އިމްރާންގެ އެ ވާހަކަތައް ރިޕޯޓްކޮށް އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިން އަހަރުގައި 970 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުމުން އެ ތަކެއްޗަށް ބޮޑު ޑިމާންޑެއް އޮތްކަން ވަރަށް ސާފު ކަމަށެވެ. އަދި ޑިމާންޑް ދަށްކުރަން ހަރުދަނާ މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ އެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

"970 ކިލޯ އަތުލެވުނުއިރު އަތުނުވެ އެތެރެވެފައިވަނީ ކިހާ ވަރެއްތޯ އަންދާޒާކޮށްލުން މުހިންމު،" މަސްތުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަދީބު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރުވުމާ ގުޅިގެން ގެނެސްދިން ޓީވީ ޝޯއެއްގައި އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ދިވެހި ފުލުހުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދަނީ މަސްތުވާތަކެތި އަތުލައިގަނެވޭ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ފާހަގަކުރެއްވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ޒަމާންވީ ބޮޑު މައްސަލައެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ބޮޑު މައްސަލައެއް ހައްލުކުރަން ވަގުތުތަކެއް ނަގާނެ ކަމަށާއި އެކަމަކު މައްސަލަ އަށް ރަނގަޅު ހައްލުތަކެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމުގައި ވިދާޅުވި އެވެ.

"މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ދައުލަތުގެ އިދާރާތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން. ފުލުހުން އެ ގެންދަނީ މައްސަލަ ހައްލުކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.